ވޯޓުލާން ނުކުތް އަދަދުން ވެސް ޕާޓީގެ ލީޑަރޝިޕަށް ތާއިދު ނެތްކަން ހާމަވޭ: އުމަރު ނަސީރު

ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ޕާޓީކަމަށް ދައުވާ ކުރަމުންދާ އެމްޑީޕީން އިއްޔެ ބޭއްވި އެޕާޓިގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދުން ވެސް ޕާޓީއަށް އޮތް ތާއިދު ކުޑަވަމުންދާ ކަން ދޭހަވާ ކަމަށާއި ހާއްސަކޮށް އެމްޑީޕީގެ ލީޑަރޝިޕަށް އެޕާޓިގެ ގިނަ އަދަދެއްގެ މެމްބަރުންގެ ތާއިދު ނެތްކަން ހާމަވާ ކަމަށް ޕީޕީއެމްގެ އިންތިގާލީ ނައިބް ރައީސް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން އުމަރު ނަސީރު ވިދާޅުވީ، ސާޅީސް އެތައް ހާސް މެމްބަރުން ހިމެނޭ ޕާޓީއެއްގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމަށް ހަހާހާ ކިރިޔާ ގާތް ކުރާ އަދަދަކަށް މެމްބަރުން ނުކުތުމަކީ، ޕާޓީގެ އެތެރޭގެ ޑިމޮކްރަސީ ވަރަށް ސާފުކޮށް ދައްކުވައިދޭ ކަމެއް ކަމަށެވެ.
އުމަރު ނަސީރު ވިދާޅުވީ އެތައް ހާސް މެމްބަރުން ހިމެނޭ ޕާޓީގެ ލީޑަރޝިޕަށާއި ރިޔާސި ކެންޑިޑޭޓަށް ވާދަ ކުރުމަށް އެމްޑީޕީގެ ތެރޭގައި ތިބި ތައުލީމީ ގާބިލު މީހުން ސިހިފައިވާ ކަމަށާއި، އެޕާޓީގެ ރައީސުންނަށް މިހާރު ވެސް ދިމާވަމުންދާ ފަދަ ހިތްދަތި ގޮތްތަކެއް މެދުވެރިވާން އެއްވެސް މެމްބަރަކު ބޭނުން ނުވާ ކަމަށެވެ.
އެމްޑީޕީ ތެރޭގައި ތިބި ނުފޫޒް ގަދަ ބައެއްގެ ސަބަބުން އެޕާޓީން މުޅިން ހަލާކުވަމުންދާ ކަމަށް ވެސް އުމަރު ނަސީރު ވިދާޅުވިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލާން ނުކުމެފައިވަނީ ކިރިޔާ ހަހާހާ ގާތް ކުރާ އަދަދަކަށް ކަމަށް އުމަރު ނަސީރު ވިދާޅުވި ނަމަވެސް، އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ މުޅި ރާއްޖެއިން 30000 ގާތް ކުރާ އަދަދަކަށް އެމްޑީޕީގެ މެމްބަރުން ވޯޓުލާފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ