ޕެރެގުއޭގެ ރިޔާސީ ކެނޑިޑޭޓަކު މަރުވެއްޖެ

ލެޓިން އެމެރިކާ ގައުމެއް ކަމަށްވާ ޕެރެގުއޭގައި އަންނަ އޭޕްރީލް މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓަކު ދަތުރު ކުރައްވަމުން ގެންދެވި ލެހިކޮޕްޓަރު ވެއްޓި، އަވަހާރަވެއްޖެއެވެ.
ހެލްކޮޕްޓަރު ވެއްޓުމުގެ ސަބަބުން އަވަހާރަ ވެފައިވާ ރިޔާސީ ކެނޑިޑޭޓަކީ އެ ގައުމުގެ ތިންވަނައަށް އެންމެ ބޮޑު ޕާޓީގެ ލީޑަރުކަމުގައިވެސް ހުންނެވި ލިނޯ އޮވިއެޑޯއެވެ. ހެލްކޮޕްޓަރު ވެއްޓިފައިވަނީ ރެލީއެއްގައި ބައިވެރިވެ ލެއްވުމަށްފަހު އެނބުރި ވެރިރަށަށް ވަޑައިގަތުމުގެ މަގުމަތީގައި، ވެރިރަށުގެ އުތުރު ސަރަހައްދަކަށެވެ.
މިހާދިސާގައި ހެލްކޮޕްޓަރު ދުއްވަން އިން ޕައިލެޓާއި، ލިނޯގެ ބޯޑީގާޑުވެސް ވަނީ މަރުވެފައެވެ. މި ހާދިސާގައި ލިނޯ އަވަހާރަވުމާއި ގުޅިގެން ޕެރެގުއޭގެ ރައީސް ފެޑްރިކޯ ފްރާންކޯވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާނު ކުރައްވައި، ބައި ދަނޑިއަށް ދިދަ ތިރިކުރެއްވުމަށް އަންގަވާފައެވެ.
ހެލްކޮޕްޓަރު ވެއްޓުނު ސަބަބު ހޯދުމަށް މިހާރު ވަނީ ހާއްސަ ޓީމަކުން މަސައްކަތް ފަށާފައެވެ. އެގޮތުން އެ ޓީމުގެ މަސައްކަތްތައް ބަލަހައްޓަވަމުން ގެންދަވަނީ ސީދާ ޑިފެންސް މިނިސްޓަރުގެ ބެލުމުގެ ދަށުންނެވެ. ޑިފެންސް މިނިސްޓަރ މާރިއާ ލިޒް ގާސިއާ ވިދާޅުވީ ހެލްކޮޕްޓަރު ވެއްޓުނު ވަގުތަކީ އެ ސަރަހައްދުގެ މޫސުން ވަރަށް ގޯސްވި ވަގުތެއް ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
އުމުރުން 69 އަހަރުގެ ލިނޯ އަކީ ރިޓަޔާޑް ޖެނަރަލްއެކެވެ. އޭނާ ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގެންފައިވަނީ 1989 ވަނަ އަހަރު އެ ގައުމުގައި އޮތް އަސްކަރީ ވެރިކަން ވައްޓާލުމަށް ފަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ