ސިޔާސީ ޕާޓީތައް އުވޭފަދަ ފިޔަވަޅެއް ނޭޅުމަށް ސްޕްރީމް ކޯޓުން ވަގުތީ އަމުރެއްނެރެފި

ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއް އުވާ ނުލުމަށާއި އެފަދަ އެއްވެސް ކަމެއް ނުކުރަން ސްޕްރީމު ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
ސްޕްރީމު ކޯޓުން މިއަދު ނެރެފައިވާ އަމުރުގައި ބުނެފައިވަނީ އެއްވެސް ޕާޓީއެއް އުވާނުލުމަށާއި އެފަދަ އަމަލެއް ނުހިންގުމަށާއި އެއްވެސް ޕާޓީއެއް އުވިއްޖެ ކަމަށް ނުބެލުމަށެވެ. ޕާޓީތައް އުވާ ނުލުމަށް ސްޕްރީމު ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި މައްސަލައާއި ގުޅިގެންނެވެ.
ބަންޑާރަ ނައިބު އޮފީހުން ދައުވާކޮށްފައިވަނީ އިންތިގާލީ އިންތިޒާމުތަކެއް ނެތި ޕާޓީތައް އުވާލައިފިނަމަ އެކަމުގެ ސަބަބުން އެތައް ބައެއްގެ ހައްގުތައް އުނިވެގެން ހިނގައިދާނެ ކަމަށް ބުނެއެވެ.
ސިޔާސީ ޕާޓީތަކުގެ ބިލު 10000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭ ގޮތަށް މިމަހުގެ ފަސް ވަނަ ދުވަހު ދެވަނަ ފަހަރަށް ފާސްކޮށްފައިވަނީ 60 މެމްބަރުންގެ ވޯޓާއެކުއެވެ.
ސިޔާސީ ޕާޓީތަކާއި ބެހޭ ގާނޫނައި ގުޅިގެން ގައުމީ ޕާޓީންނާއި ރައީސް ވަހީދުގެ ޕާޓީން ވެސް ވަނީ ދައުވާ އުފުލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ