ހިރިމަރަދޫ ކައުންސިލް އިދާރާ ބަންދުކުރުމަށް ފަހު ރައްޔިތުން މުޒާހަރާ ކުރަނީ

ރަށު ކައުންސިލް ބަންދުކޮށް، ބަނދަރެއް ހަދައި ދިނުމަށް ގޮވާލައި ހދ. ހިރިމަރަދޫ ރައްޔިތުން މުޒާހަރާއެއް ފަށައިފިއެވެ.
ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ހިރިމަރަދޫ ކައުންސިލް މެމްބަރެއް ކަމަށްވާ އަލީ އާދަމް ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން ބަނދަރެއް ހަދައި ދިނުމަށް ގޮވާލައި ރަށު ރައްޔިތުން ކައުންސިލް ކައިރީގައި މުޒާހަރާ ކުރަމުން ދާކަމަށެވެ. އަދި މުޒާހަރާ ކުރާ މީހުން ކައުންސިލް ބަންދުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަލީ އާދަމް ވިދާޅުވީ ރައްޔިތުން ނިކުމެ ކުރަމުން ގެންދަނީ ވަރަށް ސުލްހަވެރި މުޒާހަރާއެއް ކަމަށެވެ. އަދި އެންމެންވެސް ކައުންސިލް އިދާރާ ކައިރީ އިށީދެ، "ބޭނުމީ ބަނދަރެއް" ޖަހާފައިވާ ބޯޑުތަކެއް ހިފައިގެން ތިބީ ކަމަށްވެސް އަލީ އާދަމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު އަތޮޅު ކައުންސިލަށްވެސް މިމައްސަލަ އަންގައިފިން. އަދިއެއް އެކަށީގެންވާ ޖަވާބެއް ނުލިބޭ. މުޒާހަރާ ކުރާ ފަރާތްތަކުން ބުނަމުން މިދަނީ، މުޒާހަރާ ހުއްޓާނީ އެކަށީގެންވާ ޖަވާބެއް ލިބުނީމަ ކަމަށް،" އަލީ އާދަމް ވިދާޅުވިއެވެ.
އަލީ އާދަމް ވިދާޅުވީ އެރަށުގައި ބަނދަރެއް ނެތުމުގެ ދަތިކަން ދިމާވަމުން އަންނަތާ ވަރަށް ދުވަސް ވެއްޖެ ކަމަށެވެ. އަދި ރައްޔިތުން މުޒާހަރާއަށް ނިކުތީ އެހެން ގޮތެއް ނެތުމުން ކަަމަށެވެ.
"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފަ އޮތްގޮތުން މިއަހަރު ބަޖެޓު ހުށަހެޅި އިރަކު ނެތް މިރަށުގަ ބަނދަރެއް ހަދާކަށް. ނަމަވެސް ކޮމެޓީ މަރުހަލާއިން ނިމިގެން އައި އިރު މިރަށުގައި ބަނދަރެއް އެޅުމަށް 21 މިލިޔަން ރުފިޔާ ކަނޑައެޅި ކަމަށް ހަބަރު ލިބޭ. ނަމަވެސް އެއްވެސް ފަރާތަކުން މިކަމަށް މިއަދާ ހަމައަށްވެސް އެކަށޭނަ ޖަވާބެއް ނުދޭ،" އަލީ އާދަމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ