ސޫދާންގެ ރައީސް އުމަރު ބަޝީރު ދެކުނު އެފްރިކާ އިން ފުރުން މަނާކޮށްފި

ޖޮހަނަސްބާގު (ޖޫން 15) - ސޫދާންގެ ރައީސް އުމަރު އަލް ބަޝީރު ދެކުނު އެފްރިކާ އިން ފުރާވަޑައިގަތުން އެ ގައުމުގެ ކޯޓަކުން މަނާކޮށްފި އެވެ. އުމަރު ބަޝީރު ދެކުނު އެފްރިކާ އަށް ވަޑައިގެންނެވީ އެފްރިކަން ޔޫނިއަން (އޭޔޫ) ގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. އޭނާ ދެކުނު އެފްރިކާ އަށް ވަޑައިގަތުމާ އެކު އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އިން ވަނީ އުމަރު ބަޝީރު ހައްޔަރު ކުރުމަށް އަމުރު ނެރެފަ އެވެ. ސޫދާނުގެ ދާފޫރުގައި ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ މައްސަލާގައި ބަޝީރު ހައްޔަރު ކުރުމުގެ އަމުރެއް އައިސީސީން ވަނީ 2009 ވަނަ އަހަރު ނެރެފަ އެވެ. ބަޝީރު ހައްޔަރު ކުރުމުގެ އަމުރު އައިސީސީން ނެރުނު ނަމަވެސް ދެކުނު އެފްރިކާ އިން ވަނީ ބަޝީރަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. މިއީ އައިސީސީގެ އަމުރަކާ ގުޅިގެން ގައުމެއްގެ ވެރިއަކު ގައުމުން ބޭރަށް ވަޑައިގަތުން ކޯޓަކުން މަނާކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް ސޫދާނުގެ އޮފިޝަލުން ބުނަނީ ޝެޑިއުލާ އެއްގޮތަށް ބަޝީރުގެ ދަތުރު ކުރިއަށްދާނެ ކަމަށެވެ. ދެކުނު އެފްރިކާގެ އިންސާނިއްޔަތަށް މަސައްކަތް ކުރާ ޖަމާއަތަކުން ވަނީ އެފްރިކާ ސަމިޓުގައި އިންނަވަނިކޮށް އުމަރު ބަޝީރު ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ހޯދުމަށް ވެސް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް 54 މެންބަރުން ހިމެނޭ އެފްރިކަން ޔޫނިއަންގެ އެެހެން ވެރިންނާ އެކު އުމަރު ބަޝީރު ވަނީ ގްރޫޕް ފޮޓޯ ވެސް ނަންގަވައިފަ އެވެ. ސޫދާނުގެ ޚާރިޖީ ވަޒީރު އިބްރާހިމް ޣަންދޫރު ވިދާޅުވީ އެއްވެސް ފަރާތެއްގެ އަމުރަށް ބޯނުލަނބާނެ ކަމަށާއި ޝެޑިއުލާ އެއްގޮތަށް ރައީސްގެ ދަތުރު ކުރިއަށްދާނެ ކަމަށެވެ. ބަޝީރު ހައްޔަރު ކުރުމުގެ އަމުރު އައިސީސީން ނެރެފައިވާތީ ގައުމުން ބޭރަށް އޭނާ އާއްމުކޮށް ދަތުރުކުރައްވައެއް ނޫޅުއްވަ އެވެ. ހަމައެކަނި ވަޑައިގަންނަވަނީ އެފްރިކާ އާއި މެދުއިރުމަތީގެ ރަހުމަތްތެރި ގައުމުތަކަށެވެ. އައިސީސީ އާއި އޭޔޫގެ ގުޅުން އެހާ ރަނގަޅެއް ނޫނެވެ. އޭޔޫ އިން ވަނީ އެފްރިކާގެ ލީޑަރުންނަށް އަމާޒުކޮށް އައިސީސީން އަމުރުތައް ނެރުން ހުއްޓާލުމަށް ގޮވާލައިފަ އެވެ. އަދި ވެރިކަމުގައި ހުންނަވާ ލީޑަރުން ހައްޔަރު ނުކުރުމަށް ވެސް އޭޔޫ އިން ވަނީ އައިސީސީ އަށް ގޮވާލައިފަ އެވެ. ދާފޫރުގައި 2003 ވަނަ އަހަރު ހަމަނުޖެހުންތައް ހިނގަން ފެށި ފަހުން ތިން ލައްކައެއްހާ މީހުން މަރުވެފައިވާ ކަމަށް އދ. އިން އަންދާޒާކޮށްފައިވެ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ