އަޑޭގެ އަމަލަކީ ހަޑި ހުތުރު އަމަލެއް، އެކަށީގެންވާ ފިޔަވަޅެއް އަޅާ: މައުމޫން

ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑޭ) އަށް އެކަށީގެންވާ ފިޔަވަޅެއް އެޅުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.
ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި އިއްޔެ ރާއްޖެއާއި ސީޝެލްސް ކުޅުނު މެޗުގައި އަޑޭގެ ފަރާތުން ވަނީ ހުތުރު އަމަލެއް ފެނިގެން ގޮސްފަ އެވެ.
މެޗުގެ ފަހު ހާފުގެ އިތުރު ވަގުތުގައި ކުޅެން އެރުވި އަޑޭ ވަނީ ސީޝެލްސްގެ ކެޕްޓަން ސްޓީވް މެރީގެ މޫނުމަތީގައި ގަސްތުގައި އުޅަނބޮށިން ޖަހައިފަ އެވެ. އެ ހަމަލާއާއެކު އޭނާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އިރު، އަޑޭ އެ ހަމަލާ ދިނީ، ދަނޑަށް ނުކުތްތާ މިނެޓެއްވެސް ނުވަނީސް އެވެ.
އަޑޭގެ އެ އަމަލަށް ގިނަ ބަޔަކު ނުރުހުން ފާޅު ކުރަމުންދާ އިރު، އޭނާ މުޅި އުމުރަށް ސަސްޕެންޑު ކުރުމަށްވެސް ދަނީ ގޮވާލަމުންނެވެ. ޓުވިޓާގައި އެގޮތަށް ޝުއޫރު ފާޅުކުރި މީހަކަށް ކޮމެންޓު ކުރައްވަމުން މައުމޫން ވިދާޅުވީ، އަޑޭގެ ފަރާތުން ފެނުނީ ހަޑި ހުތުރު އަމަލެއް ކަމަށެވެ.
“އެކަށީގެންވާ ފިޔަވަޅު އަޅާ،” ފުޓްބޯޅައަށް ލޯބިކުރައްވާ މައުމޫން ކުރެއްވި ކޮމެންޓުގައި ވިދާޅުވެފައިވެ އެވެ.
އަޑޭގެ ފަރާތުން އަހުލާގީ މައްސަލަތަކެއް މީގެ ކުރީންވެސް ފެންމަތިވެފައިވެ އެވެ. އަދި ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއްގައި ބޮޑެތި ދައުވާތަކެއް އުފުލާފައި ވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ފިލުމަށް އަޑޭ ޖާމިނުވި މައްސަލައިގައި އޭނާ ގައުމީ ޓީމަށް ނެގުމުންވެސް ގިނަ ބަޔަކު ނުރުހުން ފާޅުކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ