ކުށްތައް އިތުރުވަނީ ގާނޫނެއް ނެތިގެނެއް ނޫން: ކެލާ ދާއިރާގެ މެމްބަރު ޝަރީފް

ކުށްތައް އިތުރުވަނީ ޤާނޫނުތަކެއް ނެތިގެން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގައި ކެލާ ދާއިރާގެ މެމްބަރު އިބްރާޙިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މެމްބަރު ޝަރީފް މިފަދައިން ވިދާޅުވީ ވީޓީވީގެ "ގޮނޑިކޮޅު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
މެމްބަރު ޝަރީފް ވިދާޅުވީ ކުށްތައް އިތުރުވެގެންދަނީ ގާނޫނުތަކެއް ނެތުމުން ނޫންކަމަށެވެ. އެހެން ނަމަވެސް ހެދިފައިވާ ގާނޫނުތައް އިމްޕްލިމަންޓް ކުރުމުގައި ނުވަތަ އެގާނޫނު ދަށުން އެކަމުގައި ޒިންމާ ފަރާތުން އުފުލަންޖެހޭ އަދި އަދާ ކުރަންޖެހޭ ޒިންމާ ފުރިހަމައަށް އަދާ ނުކުރުމުގެ ސަބަބުން ކަމަށެވެ.
މިހާރު މަޖުތަމައު ތެރޭގައި ހިނގާ ކަންކަމުގެ ތެރެއިން ޑްރަގާއި އަދި ޚިޔާނާތުގެ ކަންކަމަކީ ބޮޑު ބަލިމަޑުކަމެއްގެ ގޮތުގައި ސިފަކުރަވަމުން މެމްބަރު ޝަރީފް ވިދާޅުވީ، ރާއްޖޭގެ ގާނޫނީ އިދާރާތަކުން މިކަންކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން އިޚްލާސްތެރި ކަމާއެކު މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެހެންނޫނީ ގައުމު ބޭނުންވާ މުސްތަގްބަލަކަށް ދިއުމަކީ ދަތި އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.
މިފަދަ ކަންކަމުން ތަންފިޒީ އިދާރާތަކުން ސަމާލުކަން ދީ ޒިންމާ ރަނގަޅު ގޮތުގައި އަދާ ކުރަންޖެހޭ ކަމަށްވެސް މެމްބަރު ޝަރީފް ވިދާޅުވިއެވެ.
ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ހޯދައިދިނުމަށް ގާނޫނު ހަދާ މެމްބަރެއްގެ ހައިސިއްޔަތުން ކޮންމެ މެމްބަރެއްގެ ވައުދުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށާއި އެކަން ކުރުމަށްޓަކައި މަސައްކަތް ކުރެވިފައިވަނީ ކިހާވަރަކަށްތޯ ޕްރޮގްރާމް ތެރޭގައި ކުރި ސުވާލަށް ޖަވާބުދެއްވަމުން ޝަރީފް ވިދާޅުވީ އެކަމަށް ވަރަށް މަސައްކަތް ކުރެވޭ ކަމަށެވެ.
މަޖުލީހުގައި ގާނޫނެއް ފާސްކުރާއިރު އިދިކޮޅުގެ ސަޕޯޓެއް ނުލިބި ގާނުނު ފާސްކުރަން ޖެހޭކަންވެސް މެމްބަރު ޝަރީފް ފާހަގަކުރެއްވިއެވެ.
ސަރުކާރުން ބޭނުންވާ ގޮތަކަށް ގާނޫނު ހައްދަވާ ބޭފުޅުންނާ އެކުވެގެން ގާނޫނެއް ގެނެއްސި ކަމުގައިވާނަމަ މަސްލަހަތު އެންމެ ރަނގަޅުވާ ގޮތަކަށް ފާސްކުރެވޭ ކަމަށްވެސް މެމްބަރު ޝަރީފް ވިދާޅުވިއެވެ.
މެމްބަރެއްގެ ހައިސިއްޔަތުން ދަންނަވާނީ ރައްޔިތުންގެ ކަންކަމުގައި ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދެވޭކަން މެމްބަރު ޝަރީފް ފާހަގަ ކުރެއްވިއެވެ.
އެގޮތުން ވަރަށް ގިނަ ވަގުތު ހޭދަކުރައްވައިގެން އަދި މަޖުލީސް ބަންދު ގަޑިތަކުގައިވެސް މަސައްކަތްތައް ކުރައްވައިގެން އެފަދަ މަސައްކަތްތައް ކުރެވޭކަމަށް މެމްބަރު ޝަރީފް ވިދާޅުވިއެވެ.
19 ވަނަ މަޖްލީހުގެ ތެރޭގައި ވަރަށް ތަފާތު ގިނަގުނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެގޮތުން ކޮވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި މުޅި ދުނިޔެ ބަންދުކޮށްފައި އޮތްއިރުވެސް އިންޓަރނެޓް މެދުވެރިކޮށްވެސް ރައްޔިތުންގެ މަޖްލީހުގެ ޖަލްސާތައް ކުރިއަށް ގެންގޮސްފައިވާކަން މެމްބަރު ޝަރީފް ފާހަގަކުރެއްވިއެވެ.
"ޓީމް" މެދުވެރިކޮށް ގޭގައި ތިބެގެން ގާނޫނުތައް ފާސްކޮށްފައިވާނެ ކަމަށާއި އަދި މިގޮތުން ކުރިއަށްދިޔަ ސެޝަންތަކުގައި ކޮވިޑްގެ ހާލަތުން އަރައިގަތުމަށް މަގުފަހިކުރުމަށް 13 ދާއިރާއަކުން ސަރުކާރަށް ބޭނުންވާ މައުލޫމާތު ހޯދާ އެއްކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަންވެސް މެމްބަރު ޝަރީފް ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ