ބައެއް މީހުން އަމިއްލަ އަށް އެޗް 1އެން 1 ވެކްސިން ގެނެސްގެން ޖަހަން ފަށައިފި: މިނިސްޓްރީ

ސަރުކާރުން އޫރު ރޯގާގެ ވެކްސިން ރާއްޖެ އަށް ގެނެސްފައި ނުވާއިރު ބައެއް މީހުން އަމިއްލަ އަށް މި ވެކްސިން ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެޗް 1އެން 1 ވެކްސިން ރާއްޖެ ގެނެސްގެން ޖެހުމަށް ވުރެ ރަނގަޅީ މި ވެކްސިން ލިބެން ހުރި ގައުމެއްގައި ވެކްސިން ޖެހުން ކަމަށާއި މި ވެކްސިން ޖެހުމުގައި ރައްކާތެރިކަން ޔަގީން ކުރަން ޖެހޭ ކަމަށެވެ.
"އަމިއްލަ ފަރުދަކު މިފަދަ ވެކްސިނެއް ދިވެހިރާއްޖޭގައި ބޭނުން ކުރުމުގެ ކުރިން އެ ވެކްސިންގެ ކޮލިޓީ ޔަގީން ކުރެވޭނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެ ޕްރޮޑަކްޓް އެޕްރޫވްކޮށް ރެޖިސްޓްރީ ކުރުމަށް ފަހުގަ އެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ. "އަދި މި ގޮތަށް އަމިއްލަ އަށް ހޯދައިގެން ބޭނުން ކުރާ ވެކްސިންގެ ކޮލިޓީއަށާއި އެފަދަ ތަކެތި އުފުލާ ގެންގުޅުމުގައި އަމަލު ކުރަން ޖެހޭ އުސޫލުތަކަށް ފުރިހަމަ އަށް އަމަލު ކުރެވޭކަން ޔަގީން ކުރުމަށާއި އެ ނޫން ހާލަތްތަކުގައި މިފަދަ ކޮންމެ އެއްޗެއް ވެސް ބޭނުން ކުރެވިއްޖެނަމަ ލިބިދާނެ ގެއްލުމަކަށް ސަމާލުވެ ތިބެ މިފަދަ ވެކްސިން ޖެހުމަށް ވިސްނަވާ ބޭފުޅުންނަށް އިލްތިމާސް ކުރަމެވެ."
އެޗް 1އެން 1 ވެކްސިން ހުރި ބައެއް ގައުމުތަކަށް ޒިޔާރަތް ކުރާ މީހުންނަށް ވެސް މި ވެކްސިން ޖެހޭނެ ގޮތް ނުވަތަ ގަނެވޭނެ ގޮތް އެބަ ހުއްޓެވެ.
އޫރު ރޯގާގެ ވެކްސިން އުފެއްދުމުގެ ގާބިލްކަން ކުޑަކަމުން ރާއްޖެ އަށް އަވަސް މުއްދަތެއްގައި މި ވެކްސިން ލިބުމުގެ އުއްމީދެއް ނެތް ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެޗް 1އެން 1 ވެކްސިން އުފެއްދުމަށް ބޭނުންވާ ދިރާސާތައް ކުރުމަށާއި މި ވެކްސިން އުފެއްދުމަށް އިންވެސްޓް ކޮށްފައިވާ ގައުމުތަކާއި އުފައްދާ ގައުމުތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން އެހެން ގައުމުތަކަށް ވެކްސިން ވިއްކުމުގެ ހުއްދަ އުފައްދާ ގައުމުތަކަށް އަދި ލިބިފައެއް ނުވެ އެވެ. އެހެން ނަމަވެސް މި ވެކްސިން އުފައްދާ ކުންފުނިތަކާއި ގައުމުތަކުގެ ސަރުކާރުތަކާ ވާހަކަ ދައްކައިގެން ވެކްސިން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
"ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ވީހައި ވެސް އަވަހަކަށް މި ވެކްސިން ލިބި، ވެކްސިން ދޭން ފެށުމަށެވެ. މި ވެކްސިން އަވަހަށް ލިބޭނެ ގޮތްތައް އެކުވެރި ދައުލަތްތަކުގެ ސަރުކާރުތަކާ ވާހަކަ ދައްކައިގެން ކުރިއަށް ގެންދާކަން ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" އެ މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ