އެމްޑީޕީގެ ރައީސް ޑރ. މުނައްވަރު މަގާމުން އިސްތިއުފާ ދެއްވައި ޕާޓީން ވަކިވެވަޑައިގެންފި

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ )އެމްޑީޕީ(ގެ ރައީސް ޑރ. މުހައްމަދު މުނައްވަރު އެ ޕާޓީގެ ރައީސް ކަމުން އިސްތިއުފާ ދެއްވައި ޕާޓީން ވަކިވެވަޑައިގެންފި އެވެ.
ޑރ. މުނައްވަރު އިސްތިއުފާ ދެއްވިކަން އެމްޑީޕީގެ އަމީން އާންމު ހާމިދު އަބްދުލްޣަފޫރު ވެސް މިއަދު ކަށަވަރުކޮށްދެއްވި އެވެ. ނަމަވެސް އިތުރު ތަފުސީލެއް ދެއްވުމަށް އޭނާ އިއުތިރާޒުކުރެއްވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ އަށް އެޑްރެސްކޮށް މުނައްވަރު މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ އެ ޕާޓީ އަކީ ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރާ، ދިވެހި ރައްޔިތުންގެ ތާއިދު ލިބިފައިވާ އަދި ތާއީދު ލިބޭ ޕާޓީއަކަށް ހެދޭތޯ ކަމަށެވެ. ނަމަވެސް އޭނާ މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ޕާޓީން ވަކިވެވަޑައިގަތް އެއް ސަބަބަކީ ޕާޓީގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ "ވިސްނުންފުޅު ހުރި ގޮތުން" އެ މަގުސަދު ހާސިލުކުރެވިދާނެ ކަމަށް ގަބޫލުނުކުރެއްވޭތީ ކަމަށެވެ.
"ޕާޓީގައި މަސައްކަތް ކުރުމަށާއި ކުރަމުން ގެންދިއުމަށް އެޅިފައިވާ ހުރަސްތަކަކީ، އެމްޑީޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެދުނު ގޮތަށާއި ޕާޓީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ވިސްނުންފުޅު ހުރި ގޮތުންނާއި އަދި ޕާޓީ ތެރޭގައި ކަންތައްތައް ރޭވިފައިވާ ގޮތުން ނައްތާލެވެން ހުރި ނުވަތަ ނައްތާލެވިދާނެ ހުރަސްތަކެއް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެ އެވެ،" އޭނާ ފޮނުއްވި ދޭއްބައި ސަފުހާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ކަންތައްތައް ރޭވިފައިވާ ގޮތުން އެ ޕާޓީ އަށް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދެމިއޮވެވިދާނެތޯ އާއި ރައްޔިތުންގެ ތާއީދު ޕާޓީ އަށް ހޯދުމަށް ގެންނަން ޖެހޭ ބަދަލުތައް ގެނެވިދާނެތޯ ވެސް މުނައްވަރު އެ ސިޓީގައި ސުވާލުކުރައްވައިފައިވެ އެވެ.
"އަދި މިކަމުގައި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު ކުރަން ޖެހޭ ކަންތައްތައް ކުރުމުގެ ޖާގަ އަޅުގަނޑަށް ޕާޓީގެ ތެރޭގައި ލިބޭނެތޯ އާއި އެކަންކަން ކުރުމުގެ ފުރުސަތު ނެތް ނަމަ ޕާޓީގެ ރައީސްގެ މަގާމުގައި ދެމިހުރުމަކީ ޒިންމާދާރު ކަމެއްތޯ އެވެ،" އޭނާ ސުވާލުކުރައްވާފައި ވެ އެވެ.
މި މަހު އަމަލުކުރަން ފެށި ގާނޫނު އަސާސީގެ ދަށުން ބާއްވާ ފުރަތަމަ ރިއާސީ އިންތިހާބުގައި އެމްޑީޕީން ހޮވާފައިވާ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު )އަންނި( އިންތިހާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ތަނަވަސްވެފައިވޭތޯ ވެސް އޭނާ ސުވާލުކުރައްވާފައި ވެ އެވެ.
"ތަސްތީގު ކުރެވުނު ގާނޫނު އަސާސީގެ ދަށުން ބޭއްވޭ ފުރަތަމަ ރިއާސީ އިންތިހާބުގައި ވާދަ ކުރާނޭ ކެންޑިޑޭޓަކު އެމްޑީޕީ އަށް ނުދެއްކިއްޖެ ނަމަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ދެމިއޮންނާނޭ ކަމަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެ އެވެ،" މުނައްވަރު ވިދާޅުވެފައިވެ އެވެ.
މުނައްވަރު ވިދާޅުވެފައި ވަނީ އެމްޑީޕީގެ ތެރޭގައި ހިނގާ ޑިމޮކްރެޓިކް ނޫން ނުފޫޒުތަކުގެ ސަބަބުން ޕާޓީގައި މަސައްކަތް ކުރެވެން ނެތުމާ އެކު ޕާޓީގައި ހުންނެވުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"ޕާޓީ ތެރޭގައި ހިނގާ ޑިމޮކްރެޓިކް ނޫން ނުފޫޒުތަކުގެ ސަބަބުން މަސައްކަތް ކުރެވެން ނެތުމާ އެކު ޕާޓީގެ ރައީސްގެ މަގާމުގައި އަޅުގަނޑު ދެމިހުރުމަކީ އަދި ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުރުމަކީ އަޅުގަނޑުގެ ޒަމީރު ގަބޫލުކުރެވޭ ކަމަކަށް ނުވާތީ އަޅުގަނޑު އެމްޑީޕީގެ ރައީސް ކަމުން އިސްތިއުފާދީ، އެމްޑީޕީގެ މެންބަރުކަމުން ވަކިވަމެވެ." ރާއްޖޭގައި ފުރަތަމަ ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީގެ ދެވަނަ ރައީސް ވިދާޅުވި އެވެ.
ޑރ. މުނައްވަރު އެމްޑީޕީ ވަކިވެވަޑައިގަތީ އެހެން ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމަށްތޯ ދެންނެވުމުން އޭނާ މިއަދު ވިދާޅުވީ "ތިޔަ ވާހަކަ ދެއްކުމަށް އަދި ތަންކޮޅެއް އަވަސް" ކަމަށެވެ. ނަމަވެސް ޖުމުހޫރީ ޕާޓީއާ މުނައްވަރު ގުޅިވަޑައިގެންފާނޭ ކަމުގެ ކުލަވަރުތަކެއް އަންނަނީ ފެންނަމުންނެވެ.
މި އަހަރުގެ ކުރީކޮޅު ބޭއްވި އެމްޑީޕީގެ ރިއާސީ ޕްރައިމަރީގައި މުނައްވަރު ވާދަކުރެއްވި އެވެ. ނަމަވެސް ޕާޓީގެ ތެރެއިން އެ މަގާމު ކާމިޔާބު ކުރެއްވީ އެ ޕާޓީގެ ޗެއާޕާސަން އަންނި އެވެ. އެ އިންތިހާބަށް ފަހު މުނައްވަރު އެމްޑީޕީގެ އޮފީހަކަށް ނުނުކުންނަވަ އެވެ.
12: 14
ހަވީރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. މުނައްވަރު އެމްޑީޕީން ވަކިވެވަޑައިގަތީ މިއަދު މެންދުރެއްހާ އިރެވެ. މުނައްވަރު ޕާޓީން ވަކިވެވަޑައިގަތުމަށް އެދިވަޑައިގެން ފޮނުއްވި ސިޓީ އެ ޕާޓީ އަށް ލިބިފައިވާ ކަން، އެމްޑީޕީގެ އަމީންއާންމު ހާމިދު އަބްދުލް ޣަފޫރު ކަށަވަރުކޮށްދެއްވި އެވެ.
00: 14
އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި ޑރ. މުހައްމަދު މުނައްވަރު އެ މަގާމުން އިސްތިއުފާ ދެއްވައި ޕާޓީން ވަކިވެޑައިގެންފި އެވެ.
(އިތުރު ތަފްސީލު އަންނަނީ...)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ