ސުޕްރީމް ކޯޓުގެ އަމުރު- މަޖިލިސް ކުރިއަށް ދިއުމަށް ހުރަހެއް

ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގެ މާއްދާއަކާ ބެހޭ މައްސަލަ ވަކި ގޮތަކަށް ނިންމަންދެން، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އަށް އަސަރުކުރާނެ އެއްވެސް ކަމެއް ނުކުރުމަށް ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ރޭ ނެރުނު ވަގުތީ އަމުރާ އެކު، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންވިދާނެތޯ ސުވާލު އުފެދިއްޖެ އެވެ.
މަޖިލީހުގެ މަސައްކަތްތަކުގައި "މަރުތަޅު" އެޅިދާނެ ކަމަށް ބެލެވެން ފެށީ މަޖިލީހުގައި ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ މެޖޯރިޓީ ޕާޓީ ޑީއާރުޕީ/ޕީއޭ ގެ މެމްބަރުން، ސުޕްރީމް ކޯޓުގެ ވަގުތީ އަމުރާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރަން ފެށުމުންނެވެ. އެ ގޮތުން އެ އަމުރަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ފުރަތަމަ ޖަލްސާ ހެނދުނު 00: 10 ގައި ހުއްޓާލަން ޖެހުނީ ޑީއާރުޕީގެ މެމްބަރުންގެ ނިޒާމީ މައްސަލަތައް ގިނަވެ ޖަލްސާ ކުރިއަށް ގެންދެވޭ ގޮތް ނުވެގެންނެވެ. ޖަލްސާ ހުއްޓާލުމުގެ ކުރިން ވެސް 20: 9 ހާއިރު ވަނީ ކޯރަމް ގެއްލިގެން 45: 9 އާ ހަމައަށް ޖަލްސާ މެދު ކަނޑާލި އެވެ.
ޖަލްސާ އަލުން ފެށުމާ އެކު 15 މިނިޓް ވަންދެން ދިޔައީ ޑީއާރުޕީގެ މެމްބަރުންގެ ނިޒާމީ މައްސަލަތަކެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ މެމްބަރުން މައިގަނޑު ގޮތެއްގައި ވިދާޅުވަމުން ގެންދެވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާ މެދު މަޖިލީހުގައި ގޮތެއް ނިންމައިގެން ނޫން ގޮތަކަށް މަޖިލީހުގެ އެހެން މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ ނިޒާމީ މައްސަލަ ނެންގެވި ހެންވޭރު މެދު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ އެޖެންޑާއިން ނެގިދާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުން ގަބޫލު ނުކުރާ ބަންޑާރަ ނާއިބަކަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުއްވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ވަޒީރުންތަކެއް އެބަތިބި އަޅުގަނޑުމެންގެ ރައްޔިތުންނަށް ޖަވާބުދާރީ ނުވެ ހަމަ އަޅުގަނޑުމެންގެ ރައްޔިތުންގެ ފައިސާތައް އެކި ގޮތްގޮތަށް ބޭނުންކޮށް އެއްވެސް ވަރަކަށް ޖަވާބުދާރީ ނުވެ. ވުމާއެކު އަޅުގަނޑު އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން މި މައްސަލަ، މި ގޮތަށް ވަޒީރުންތައް ދިގުލައި ތިބޭނެ ގޮތަކަށް، މަގު ފަހިވާނެ ގޮތަކަށް މި ކަންތައްތައް ގެންދެވިދާނެ ކަމަކަށް. އެހެންވީމަ މި މައްސަލަ އެންމެ ކުރީބައިގައި ނިމޭނެ ގޮތަކަށް ނުވަތަ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ނިންމާފައި ނޫނިއްޔާ އަޅުގަނޑުމެން މި ޖަލްސާ ކުރިއަށް ގެންދިއުން ވެދާނެ ކަމަކަށް ގަބޫލެއް ނުކުރަން،" އާޒިމް ވިދާޅުވި އެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ވިދާޅުވީ ސުޕްރީމް ކޯޓަށް އިހުތިރާމް ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލިސް "އިހަށް މަޑު ޖައްސާލަންވީ" ކަމަށާއި ސިވިލް ސާވިސްގެ މުސާރައިގެ މައްސަލައިގައި ހުކުމް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ގޮތަކަށް ނުތިބެވޭނެ ކަމަށެވެ.
"މާދަމާ ]ސުޕްރީމް ކޯޓަށް[ ވައްދާނެ ]ވަޒީރުންނަށް ރުހުން ދޭނީ[ ގަނޑުކޮށްތޯ، ވަކިންތޯ ބެލުމަށް. އަނެއްކާ ]މަޖިލިސް[ ހުއްޓާލަންވީތޯ،" އަލީ ވަހީދު ސުވާލު ކުރެއްވި އެވެ. "މި ތަނަށް ވަޒީރުން ވެސް އަންނަން ޖެހޭނެ. މި މަޖިލީހަށް އިހުތިރާމް ކުރަން ޖެހޭނެ. އަޅުގަނޑުމެން ދުލެއް ނުދޭނަން."
މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީންގެ އަނބިކަނބަލުން ވިސާމް އަލީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބައެއް ގާނޫނު ރައީސް މުހައްމަދު ނަޝީދު ތަސްދީގު ނުކުރައްވާ ކަމަށާއި ތަސްދީގު ކުރައްވާ ގާނޫނަކަށް އަމަލު ނުކުރައްވާއިރު މަޖިލީހަށް ވަޒީރަކު ވެސް ވަޑައިނުގަންނަވާ ކަމަށެވެ.
"ދެން އަޅުގަނޑަކަށް ނޭނގޭ މި ތާނގައި މަޖިލިސް ހުޅުވައިގެން އަޅުގަނޑުމެން ދޫނި ރޯގާ ކޮންޓްރޯލް ކުރަން އުޅެންވީ އެއްވެސް ސަބަބެއް. ސުޕްރީމް ކޯޓުން އަޅުގަނޑަށް ހީވަނީ އެ ނިންމެވީ ހަމަ ރަނގަޅަށް ހެން. އަޅުގަނޑުމެން ކޮންމެހެން މި ތާނގައި ކަމެއް ކުރަން އުޅޭނެ ކަމެއް ނެތް. ސަރުކާރު ޖަވާބުދާރީ ކުރެވޭނެ މަގެއް މިއަދަކު މި މަޖިލީހަކަށް ނެތް. އެހެންވީމަ އަޅުގަނޑު ދަންނަވާނީ މަޖިލިސް އަޅުގަނޑުމެން ދޫކޮށްލަންވީ އޭ،" ވިސާމް ވިދާޅުވި އެވެ.
ނިޒާމީ މައްސަލައިގައި އެމްޑީޕީގެ ފަރާތުން ވާހަކަ ދެއްކެވި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ޑީއާރުޕީގެ މެމްބަރުންނަށް އިޝާރާތް ކުރައްވައި ވިދާޅުވީ "އަޅުގަނޑުމެން ސުޕްރީމް ކޯޓުގެ އަމުރެއް ގަބޫލެއް ނުކުރަމޭ ބުނުން މާ ރަނގަޅުވާނެ" ކަމަށެވެ.
އޭނާގެ އެ ނުކުތާގެ ޖަވާބުގައި މަޖިލީހުގެ ރިޔާސަތުން ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ސުޕްރީމް ކޯޓަކީ އެންމެންގެ އިހުތިރާމް ލިބިގެންވާ ތަނެއް ކަމަށާއި އެއްވެސް ހާލެއްގައި ސުޕްރީމް ކޯޓަށް ރައްދުކޮށް މަޖިލީހުގައި އެއްޗެއް ވިދާޅުވުމަށް ފުރުސަތު ނާރުއްވާނެ ކަމަށެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާ ޑީއާރުޕީން ދެކޮޅު ނަހަދާ ކަމަށާއި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ގާނޫނު އަސާސީން ވަރަށް ސާފު ކަމަށެވެ.
"އަޅުގަނޑުމެންނަށް އަބަދުވެސް ސުޕްރީމް ކޯޓުގެ ރޫލިންތައް ހަޖަމް ކުރެވޭ. ކޯޓުތައް ވެސް ރަނގަޅު. އެ ތަނުން އެ ކުރާ ކަންތައް ވެސް ރަނގަޅު. އެ ކަންތައް ހަޖަމް ނުކުރެވޭ ހަމައެކަނި ބަޔަކީ އެމްޑީޕީ،" މަހުލޫފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ބޭނުމަކީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިގު ދެންމުން ކަމަށާއި އެ މައްސަލަ ނުނިމި ރައްޔިތުންގެ މަޖިލިސް ކުރިއަށް ގެންދެވޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ޑީއާރުޕީގެ މެމްބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން މަޖިލީހުގެ ރައީސް ޝާހިދު މިއަދު ވިދާޅުވީ ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލަ ވީހާ ވެސް އަވަސް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރުގެ މައްސަލައިގައި ޑީއާރުޕީގެ ލީޑަރު ރޭ "ހަވީރަ" ށް ވިދާޅުވީ އެ އަމުރު ނެރުނު ނަމަވެސް ވަޒީރުންނަށް ރުހުން ދިނުމުގެ ކަންތައް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދެވޭނެ ކަމަށް މިހާތަނަށް ބެއްލެވި ބެއްލެވުންތަކުން އެނގިވަޑައިގަންނަވާ ކަމަށެވެ.
އެހެންވީމަ އަޅުގަނޑު ދެކޭ ގޮތުގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް. މި އަމުރާ ގުޅިގެން، ކޮމެޓީ އަށް ވަޒީރުން ހާޒިރު ކުރައްވައި ސުވާލު ކުރެއްވުމާ މެދު މަޖިލީހުން ގޮތެއް ކިޔޭނެ ކަމަކަށް އަޅުގަނޑު ވެސް ނުދެކެން. އެކަން ކުރުމަށް އެބަ ހުރަސް އަޅާ މި އަމުރުގެ ސަބަބުން. އެކަމަކު ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދާކަށް ހުރަސް އެޅޭ ކަމަކަށް އަދި އަޅުގަނޑުމެންނަށް ފާހަގަކުރެވިފައެއް ނެތް،" ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ތަސްމީން ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ރިޔާސަތުން ޝާހިދު ނިންމަވާލެއްވީ މާދަމާ ޖަލްސާ އޮންނާނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ