ޖުވެނައިލް ކޯޓަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާޙިދު ވަޑައިގަތުމަށް އަންގައި، ރައްޔިތުން މަޖިލީހުގެ ރައީސަށް ޖުވެނައިލް ކޯޓުން ފޮނުއްވާފައިވާ ދެންނެވުމަކީ އެ ކޯޓުން އަދާކުރަންޖެހޭ ޤާނޫނީ މަސްއޫލިއްޔަތުގެ ބޭރުން ދަންނަވާފައިވާ ދެންނެވުމަކަށްވާތީ އެ ދެންނެވުމަކީ ބާޠިލް ދެންނެވުމެއް ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅުއްވައިފިއެވެ.
ސްޕްރީމް ކޯޓުން މިގޮތަށް ކަނޑައަޅުއްވާފައިވަނީ، ސްޕްރީމް ކޯޓުން މިއަދު ނެރުއްވި މެންޑާމަސް އަމުރު ގައެވެ.
އެ ނިންމުން ބާތިލު ކުރީ ޖުވެނައިލް ކޯޓުގެ ފަޑިޔާރުންގެ ހެލްތް އިންޝްއަރެންސް ލިބިވަޑައި ނުގަންނަވާ މައްސަލައިގަ އެކޯޓަށް ސީދާ ރައްޔިތުންގެ މަޖިލީހާއި މުއާމަލާތް ނުކުރެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން އެކޯޓަށް މިއަދު އަންގާފައި ވެސް ވަނިކޮށެވެ.
ސްޕްރީމް ކޯޓުން މިއަދު ނެރުއްވި އަމުރުގައި ބުނެފައިވަނީ އިދާރީ ގޮތުން ޢަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާއަށް ބޭނުންވާ އެންމެހައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްޢޫލިއްޔަތެއްކަމަށްވާތީ، ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ ފަނޑިޔާރުންނާއި، ފަނޑިޔާރުންގެ ޢާއިލާގެ ބޭފުޅުންނަށް ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން ލިބިދޭންޖެހޭ އިންޝުއަރަންސްގެ ޚިދުމަތް އެއް ހަމައަކުން ލިބިދިނުމަށްޓަކައި، ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރުމަކީ ޝަރުޢީ ދާއިރާގެ އެންމެހާ އިދާރީ ކަންތައްތައް ބަލަހައްޓާ ފަރާތުގެ މެންޑޭޓްގެ ތެރޭގައި ހިމެނޭކަމެއް ކަމަށެވެ.
އެހެންކަމުން ޖުވެނައިލް ކޯޓުގެ ފަނޑިޔާރުންގެ އިންޝުއަރަންސް ހަމަޖެހިފައިނުވާ ސަބަބު މަޖިލީހުގެ ރައީސްގެ އަރިހުން ސާފުކުރުމަށް ބޭނުންވާތީވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖުވެނައިލް ކޯޓަށް ވަޑައިގެން ދެއްވުން އެދި އެކޯޓުން ދަންނަވާފައިވާ ދެންނެވުން ބާތިލު ކުރީ ކަމަށެވެ.
ޖުވެނައިލް ކޯޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކޯޓުގެ ފަނޑިޔާރުންނަށް މި އަހަރުގެ މިހާތަނަށް ހެލްތު އިންޝުއަރެންސް ހަމަޖެހިފައި ނުވާތީ އެކަމާ ގުޅިގެން އެ ކޯޓުން ބާއްވާ މަޝްވަރާ ބައްދަލުވުމަކަށް މިއަދު މެންދުރު 1:00 ޖަހާއިރަށް ކޯޓަށް ހާޒިރުވެވަޑައިގަތުމަށް މިއަދު ޝާހިދަށް ސިޓީއެއް ފޮނުވި ކަމަށެވެ. ނަމަވެސް އެސިޓީގެ ޖަވާބުގައި އެގޮތަށް ކޯޓަށް ހާޒިރުވާން ނުޖެހޭނެ ކަމަށް ވިދާޅުވެ މިއަދު މަޖިލީހުގެ އިދާރާއިން އެ ކޯޓަށް ސިޓީއެއް ފޮނުވި ކަމަށް އޭނާ ވިދާޅުވި އެވެ.
ކޯޓަށް ވަޑައިގަންނަވަން ޝާހިދަށް އެންގި އެންގުން ސުޕްރިމް ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ