މަތީ ދަރަޖަ ހޯދާ ފަރާތްތަކަށްދޭ އިނާމަށް، ނަން ހުށަހެޅުމުގެ ފުރްޞަތު ހަމަވަނީ

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް، ނަން ހުށަހެޅުމުގެ ފުރްޞަތު، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހަމަވާނެ އެވެ.
ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވާ ފަރާތްތަކުން ކަމާބެހޭ ފޯމް، [ޚާއްޞަ އިނާމާބެހޭ ކޮމިޓީ] އަށް ހުށަހަޅުއްވަންޖެހޭ އެންމެފަހު ވަގުތަކީ، އެދުވަހު މެންދުރުފަހު 3.00 އެވެ. ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވާ ފޯމުތައް ފޮނުއްވާނީ، [ޚާއްޞަ އިނާމާބެހޭ ކޮމިޓީ] އަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.
ޚާއްޞަ އިނާމަށް ނަން ހުށަހެޅުއްވުމުގެ ފުރްޞަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީއިން ހުޅުއްވައިލެއްވީ، މިދިޔަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމުގެ މަޤްޞަދަކީ، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީއާއި، ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލު ފާހަގަކުރުމާއި، މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިޞްރާބު ކުރުމެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ މަތީ ތަޢުލީމާއި ތަމްރީނު ކޯހަކުން އެންމެމަތީ ވަނަ ހޯދުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ޙާޞިލް ކުރުން، ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދުން، މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ޙާޞިލް ކުރުން, ސަރުކާރުސން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމެވެ.
މިއިނާމުދޭން ކަނޑައެޅޭ މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ދާއިރާތަކާއި، އިނާމުދެވޭ ފެންވަރު، ކޮންމެ އަހަރަކު އިޢުލާނު ކުރެވޭނެއެވެ. މި އިނާމުދޭނީ 2013 ވަނަ އަހަރުން ފެށިގެންނެވެ. މިގޮތުން، ކުރިއަށް އޮންނަ އަހަރު އިނާމު ދެވޭ ދާއިރާ ނުވަތަ ރޮނގު އިޢުލާނު ކުރާނީ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވާ ޖަލްސާގައެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، މިދެންނެވި ކާމިޔާބީތައް 2007 ވަނަ އަހަރު ނުވަތަ އޭގެފަހުން ޙާޞިލްކޮށްފައިވާ އަދި އެކަމަކަށް ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، ކުރިން ލިބިފައިނުވާ ފަރާތްތަކަށެވެ. އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވަން ބޭނުންފުޅުވާ ބޭފުޅުންނަށް، މި އިނާމާބެހޭ އިތުރު މަޢުލޫމާތު ދެއްވުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީންވަނީ މި މަހުގެ 10 ވަނަ ދުވަހު ބައްދަލުވުމެއްވެސް ބާއްވަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ