ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމްގެ މައްސަލަތައް ނުނިމި ދިގު ދެމިގެންދާތީ ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.
ފާޑު ކިޔުންތައް އަމާޒުވެފައިވާ އަބްދުﷲ ގާޒީއަށް އެންމެ ގިނައިން ފާޑު ވިދާޅުވާ ބޭފުޅަކީ ވެސް މޫސަ އެވެ.
މިއަދުގެ ބައްދަލުވުމާބެހޭ ގޮތުން މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވީ އެ ބޭފުޅުން މިއަދު މެންދުރު 12:15 އެހާކަންހާއިރު އަބްދުﷲ ގާޒީ އާއި ބައްދަލުކޮށް ނާޒިމްގެ މައްސަލަތައް ނުނިމި ދިގުލާތީ އެކަމާއި އެ ބޭފުޅުން ކަންބޮޑުވާކަން ފާޅުކުރެއްވެވި ކަމަށެވެ.
ނާޒިމްގެ ވަރަށް ގިނަ މައްސަލަތައް ކޯޓަށް ހުށަހެޅިފައި ވާތީ ހުރިހާ މައްސަލަތަކުގެ ޝަރީއަތް އެއްފަހަރާ ހިންގުމުގެ ބަދަލުގައި ވަކިވަކިން ޝަރީއަތްތައް ބޭއްވުމަށް ނިންމާފައިވާކަމަށް އަބްދުﷲ ގާޒީ ވިދާޅުވިކަމަށް އާޒިމް ވިދާޅުވި އެވެ.
މޫސާ މަނިކު ވިދާޅުވީ ކޯޓަށް ހުށަހެޅިފައިވާ ނާޒިމްގެ ހަތަރު މައްސަލައިގެ ތެރެއިން އެއް މައްސަލަ މިހާރު ނިމުމުގެ މަރުހަލާގައި އޮތް ކަމަށް މިއަދު، އަބްދުﷲ ގާޒީ ވިދާޅުވިކަމަށެވެ. އެ މައްސައިގެ ހެކިބަސް ނަގައި އިތުރު އެއް އަޑުއެހުމަށް ބޭއްވުމަށް ފަހު ހުކުމް ކުރައްވާނެކަމަށް ވިދާޅުވި ކަމަށާއި ކުރިއަށް އޮތް ދޮޅު މަހެއްހާ ދުވަހުގެތެރޭ އެ މައްސަލަ ނިންމަވާލެވޭ ވަރުވާނެ ކަމަށެވެ.
"ނާޒިމްގެ ހަތަރު މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހެޅިފައި އޮތް ކަމަށް ވިދާޅުވި. އޭގެތެރެއިން އެއް މައްސަލަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭ ނިންމާލެވޭނެ ކަމަށް ވިދާޅުވި. އަދި އެއަށްވުރެ އަވަސް ކުރެވޭތޯ ބައްލަވާނެ ކަމަށް ވެސް ވިދާޅުވި. އެ މައްސައިގަ ހެކިބަސް ނެގުމަށްފަހު، އެއް އަޑުއެހުމަށް ފަހު ހުކުމް ކުރައްވާނެކަމަށް ވިދާޅުވީ،" މުސަ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ މިއަދު ވިދާޅުވީ މޫސަ އާއި އާޒިމް ވަޑައިގަތުމުން ބައްދަލު ކުރައްވާފައިވާ ކަމަށައި އެ ދެބޭފުޅުން ވެސް އެދިވަޑައިގަތީ ނާޒިމްގެ މައްސަލަތައް އަވަސް ކޮށްދެއްވުމަށް ކަމަށެވެ.
"ވަޑައިގަތުމުން ދެން މަޑުމަޑުން ތިބެގެން ވާހަކަ ދެއްކެވީ،" އިސް ގާޒީ ވިދާޅުވި އެވެ. އެ ދެބޭފުޅުން ދެއްކެވި ވާހަކަފުޅަށް ދެއްވީ ކޮން ޖަވާބެއްތޯ ސުވާލު ކުރެއްވުމުން ހިނިފުޅުވަޑުވާފައި ވިދާޅުވީ" ދެންވެސް މަޑުމަޑުން ތިބެގެން ވާހަކަ ދެއްކެވީ" ކަމަށެވެ.
ކުރީގެ އެޓޯލްސް މިނިސްޓްރީން ގަނެފައިވާ ބަނދަރު ބައްތިތަކެއްގެ މައްސަލައިގައި ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތްހެދުމުގެ ދައުވާގެ ޝަރީއަތުގެ މަޖިލީހެއް އެންމެ ފަހުން ބޭއްވިފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 13 ވީ ދުވަހުއެވެ. އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ނާޒިމްގެ ފަރާތުން ވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) އިތުރު ހަތްމީހެއްގެ ނަން ހެކިންގެ ގޮތުގައި ޝަރީއަތަށް ހުށަހަޅާފައެވެ.
ނާޒިމްގެ މައްސަލަތައް ލަސްވާތީ ރީކޯ މޫސައާ އާޒިމް އަބްދުﷲ ގާޒީގެ އަރިހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ