އަބްދުﷲ ގާޒީއާމެދު އިތުރު އެއްވެސް ފިޔަވަޅެއް އަޅައިގެން ނުވާނެ: ސިވިލް ކޯޓް

ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކްރިމިނަލް ކޯޓްގެ އިސް ގާޒީ. ރ. ހުޅުދުއްފާރު ބަހާރުގޭ، އަބްދުﷲ މުހައްމަދު އ (އަބްދުﷲ ގާޒީ) ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ބުނެ އޭނާއާ މެދު ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ ނިންމުމާ އެއް ގޮތަށް އެއްވެސް ފިޔަވަޅެއް އަބްދުﷲ ގާޒީއާމެދު ނާޅަން ސިވިލް ކޯޓުން ޖޭއެސްސީގެ މައްޗަށް އަމުރުކޮށްފި އެވެ.
ޖޭއެސްސީގެ ނިންމުން ބާތިލު ކޮށްދިނުމަށް އެދި އަބްދުﷲ ގާޒީ ދައުވާ ކުރެއްވުމުން މިއަދު މިއަދު އިރުއޮއްސުނު ވަގުތު ސިވިލް ކޯޓުން ވަނީ އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުއްވާފަ އެވެ.
ގާޒީމަރިޔަމް ނިހާޔަތު ނެރުއްވެވި ވަގުތީ އަމުރުގައި ބުނެފައި އަބްދުﷲ ގާޒީގެ ފަރާތުން އެ ކޯޓަށް ހުށަހަޅާފައިވާ ދައުވާއަކީ ޖޭއެސްސީން އޭނާގެ މައްޗަށް ނިންމާފައިވާ ނިންމުމަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައަކަށް ވުމާއެކު އެ ދައުވާ ޝަރީއަތުގައި އޮވެ، ޝަރީއަތުން މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން މައްސަލައިގައި އެކަންކަމުގެ މައްޗަށް ބަލައި ފައިސަލާ ކުރެވޭނެ ކަންކަން ކުރިޔަށް ގެންދިއުމަށް އެއް ފަރާތަށް ފުރުސަތު ދެވިފައި އޮތުމަކީ އަދުލުވެރިކަމާ ގާތް ގޮތް ކަމުގައި ނުވާ ކަމަށެވެ.
ވަގުތީ އަމުރުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 16، 19، 20، 27، 42، 43، 59، 61، 65، އަދި 69 ވަނަ މާއްދާ އަށާއި ފަނޑިޔާރުންގެ ގާނޫނާއި ޖޭއެސްސީގެ ގާނޫނަށް ރިޔާއަތް ކުރާއިރު ހުށަހެޅިފައިވާ ދައުވާގެ ހުކުމް ކުރަންދެން ކްރިމިނަލް ކޯޓްގެ އިސް ގާޒީ ކަމުގައި ހުންނެވި އަބްދުﷲ ގާޒީއާ ގުޅިގެން ޖޭއެސްސީން ބަލަމުންދާ އަދި ބަލާ ނިމިފައިވާ މައްސަލައިގައި އިތުރު އެއްވެސް ފިޔަވަޅެއް ނާޅަން ޖޭއެސްސީގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.
ޖޭއެސްސީގެ ނިންމުން ބާތިލް ކޮށްދިނުމަށް އަބްދުﷲ ގާޒީ ސިވިލް ކޯޓުގައި ދައުވާކުރައްވުމުން ޝަރީއަތް ފެށީ މިއަދު އެވެ.
މިއަދު ސިވިލް ކޯޓުގައި އޮތް ޝަރީއަތުގެ މަޖިލީހުގައި ދާއުވާ ހުށަހަޅުއްވަމުން އަބްދުﷲ ގާޒީގެ ގާނޫނީ ވަކީލު ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ ވިދާޅުވީ ޖުލައި 2009،16 ދުވަހުގެ ރޭ ދި ޓީވީން ގެނެސްދިން ޚަބަރުގައި އަބްދުﷲ ގާޒީ ދެއްކެވި ވާހަކަތަކާއި ގުޅިގެން އަބްދުﷲ ގާޒީ އާއިމެދު ފިޔަވަޅު އެޅުމަށް ޖޭއެސްސީން ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ދިޓީވީގެ ޚަބަރުގައި ކިޔާފައިވާ ވާހަކަތަކަކީ އަބްދުﷲ ގާޒީ ދިޓީވީ އަށް ދެއްވި އިންޓަވިއުގައި ދައްކަވާފައިވާ ވާހަކަތަކެއް ނޫން ކަމަށެވެ.
"ޖުލައި2009،16 ދުވަހުގެރޭ ދި ޓީވީއިން ފޮނުވި ޚަބަރުގައި "ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ކެބިނެޓުން މިހާރު ކުރަމުންދާ ކަންތައްތަކަކީ ސަރުކާރެއް ނޭވާ ހޮޅިއަށް އެޅިގެން އުޅޭއިރު ކުރައްވާނެ ކަންތައްތަކެއް ކަމުގައި ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ،" މިގޮތަށް ޚަބަރު ކިޔާފައިވީ ނަމަވެސް އެފަދަ އިބާރާތަކުން އަބްދުﷲ ގާޒީ ވާހަކަ ދައްކަވާފައެއް ނުވާނެ،" ކޯޓުގައި ރިޒާ ވިދާޅުވިއެވެ.
ރިޒާ ވިދާޅުވީ އަބްދުﷲ ގާޒީ އެހެން ވިދާޅުވި ކަމަށް ޖޭއެސްސީ އަށް ހެކިބަސް ދިން ފަރާތްތަކުގެ ހެކިބަހުން ވެސް ސާބިތު ނުވާ ކަމަށާއި އެހެންކަމުން ސުލޫކީ މިންގަނޑާއި ޚިލާފުވިކަމަށް ބަލައި ފިޔަވަޅު ނޭޅޭނެ ކަމަށެވެ.
އަބްދުﷲ ގާޒީއާ މެދެ ފިޔަވަޅު އަޅަން ޖޭއެސްސީން ނިންމާފައިވަނީ ގާނޫނުގައި ކަނޑައެޅިގެން ކުށެއް ކަމަށް ބަޔާންވެފައި ނުވާކަމެއްގައި ކަމަށާއި އެ މައްސަލަ އަކީ އަބްދުﷲ ގާޒީ އާއިމެދު ތުހުމަތު ކުރެވިފައިވާ މައްސަލައަކަށްވާއިރު އެ މައްސަލަ ސާބިތުކުރެވޭ ވަރުގެ އެއްވެސް ހެއްކެއް ޖޭއެސްސީއަށް ލިބިފައި ނުވާކަމަށް ވެސް ރިޒާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެކަމާއި ގުޅިގެން ޖޭއެސްސީން ދިޓީވީގެ ދެ މުވައްޒަފެއްގެ ބަޔާން ނަގާފައިވާ ކަމަށާއި އެ ދެ މުވައްޒަފުން ވެސް އަބްދުﷲ ގާޒީ އެހެން ވިދާޅު ނުވާކަމަށް ބުނެފައިވާ ކަމަށެވެ.
"އެކަމާއި ގުޅިގެން ދިޓީވީގެ އެޑިޓަރު މިދުހަތު އާދަމް ޖޭއެސްސީ އަށް ދިންބަޔާނުގައި ވަނީ އަބްދުﷲ ގާޒީ ސީދާ ބަހުން ބަހަށް އެގޮތަށް ވިދާޅުވެފައި ނުވާކަމަށް. އަދި ދިޓީވީގެ މުވައްޒަފު ހިދާޔަތުﷲ ދިން ބަޔާނުގައި ބުނެފައިވޭ އެ އިންޓަވިއު ނެގީ އޭނާ ކަމަށާއި، ނަމަވެސް އަބްދުﷲ ގާޒީ ސީދާ އިބާރާތުން އިބާރާތައް އެގޮތަށް ވިދާޅުވެފައި ނުވާކަމަށް،"ރިޒާ ވިދާޅުވިއެވެ.
އެ ކަމަކީ ސުލޫކީ މިންގަނޑާއި ޚިލާފްވުންކަމަށް ޖެއެސްސީއަށް ގަބޫލުކުރެވިގެން ފިޔަވަޅު އަޅަން ނިންމިޔަސް، ފަނޑިޔާރުންގެ ގާނޫނު ފާސް ކުރުމުގެކުރިން ކޮށްފައިވާ ކަމަކަށްވާތީ އެ ކަމާއި މެދު ފިޔަވަޅު ނޭޅޭނެކަމަށް ވެސް އަބްދުﷲ ގާޒީގެ ފަރާތްޕުޅުން ކޯޓުގައި މިއަދު ބުންޏެވެ.
ޖޭއެސްސީގެ ވަކީލު އަބްދުލް ފައްތާހު ވިދާޅުވީ ސުލޫކީ މިންގަނޑާއި ޚިލާފުވާ ގާޒީންނާއި މެދު ފިޔަވަޅު އެޅޭނެ ކަމަށް ޖޭއެސްސީގެ ގާނުގައި ބުނެފައިވާތީ ޖޭއެސްސީއަށް ފިޔަވަޅު އެޅޭނެ ކަމަށެވެ. އަބްދުﷲ ގާޒީއާމެދު ފިޔަވަޅު އަޅަން ޖޭއެސްސީން ނިންމަވާފައިވަނީ ސުލޫކީ މިންގަނޑާއި ޚިލާފުވެވަޑައިގެންނެވިކަން ސާބިތުވެފައިވާތީ ކަމަށާއި، އެކަމައިމެދު ޝަރީއަތުގައި ބަހުސްކުރާނެ ގާނޫނީ އެއްވެސް ހަމައެއް ނެތްކަމަށެވެ. ފިޔަވަޅު އަޅަން ނިންމެވީ ކޮމިޝަނަށް ލިބިފައިވާ، އެކޮމިޝަނުން ގަބޫލުކުރާ ހެއްކާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ފައްތާހު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ފަނޑިޔާރަކާމެދު ފިޔަވަޅު އަޅަން ޖޭއެސްސީން ނިންމައިފިނަމަ އެ ފަނޑިޔާރަކު އަމަލު ކުރައްވަންޖެހޭ އިޖުރާއަތްތަކެއްވާ ކަމަށާއި އެކަންކަން އަބްދުﷲ ގާޒީ ފުރިހަމަ ކުރައްވާފައި ނުވާތީ މި މައްސަލަ އަކީ ޝަރުއީ މަރުހަލާގައި ހިންގޭނެ މައްސަލައެއް ކަމަށް ޖޭއެސްސީން ގަބޫލު ނުކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ