މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ދޭ އިނާމު، މިފަހަރު 24 ފަރާތަކަށް

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ އިނާމު، މިއަހަރު 24 ފަރާތަކަށް ދިނުމަށް ހާއްސަ އިނާމާ ބެހޭ ކޮމިޓީން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ އިނާމު މިއަހަރު ދިނުމަށް ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލު ކުރައްވަނީ ދެ ބޭފުޅަކަށާއި މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދާފައިވާ 19 ބޭފުޅުންނާއި އަދި ބައިނަލްއަޤްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ އެނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ ތިން ބޭފުޅަކަށެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި އެރޭ ނުވައެއް ޖަހާއިރު ޖުމްހޫރީ މައިދާނުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.
ރައީސުލްޖުމްހޫރިއްޔާ ދޭ ހާއްސަ އިނާމުގެ އިތުރުން އެޖަލްސާގައި ސަރުކާރުން ދޭ ބައެއް ހާއްސަ މެޑެލްވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާނެއެވެ. އެގޮތުން މެޑެލް ދިނުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރްއާން ހިތުދަސްކުރައްވައިގެން ހާފިޒު ކަމުގެ ސަނަދު ހާސިލުކުރެއްވި 7 ބޭފުޅަކަށާއި، 2017 ވަނަ އަހަރު ބޭއްވުނު ސާނަވީ އިމްތިހާނާއި، 2017 އަދި 2018 ވަނަ އަހަރު ބޭއްވުނު މަތީ ސާނަވީ އިމްތިހާނުން އެކި މާއްދާތަކުން މުޅި ދުނިޔެއިން 1 ވަނަ ހާސިލުކުރި ދަރިވަރުންނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ