ހަވީރު ވިއްކުން ހުއްޓުވުމަށް ނެރުނު ވަގުތީ އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި

ހަވީރު ނިއުސް އެޖެންސީގެ ދަށުން ކުރާ ވިޔަފާރިތައް ވިއްކުން ހުއްޓުވުމަށް ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރަށް ހައިކޯޓުން ތާއީދު ކޮށްފި އެވެ.
ސިވިލް ކޯޓުން އެފަދަ ވަގުތީ އަމުރެއް ނެރެފައި ވަނީ ހަވީރު ނޫހުގެ މިލްކުވެރިކަމާ ގުޅޭ ގޮތުން "ހަވީރު ނޫސް އެޖެންސީ"ގެ ކުރީގެ ދެ މުއައްސިސެއް ކަމަށްވާ ހ. މީރުބަހުރުގެއާގޭ އިބްރާހީމް ރަޝީދު މޫސާ އާއި ގ. ކޮއްގިރި އަބްދުﷲ ފާރޫގު ހަސަން ޗެއާމަން މުހައްމަދު ޒާހިރު ހުސައިންގެ މައްޗަށް ކުރި ދައުވާގައި އެފަދަ އަމުރެއް ނެރެދިނުމަށް އެދުމުންނެވެ.
ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައި ވަނީ ހަވީރު ނޫސް އެޖެންސީ އާއި އެތަނުގެ ދަށުން ހިންގާ އެންމެހައި ވިޔަފާރި ވިއްކާލަން އުޅޭކަމުގެ އަޑުތަކެއް މީޑިއާގައި ފެތުރެމުން ދާތީ އެ މައްސަލައާ މެދު ސިވިލް ކޯޓުން ވަކިގޮތެއް ނިންމުމުގެ ކުރިން ހަވީރު ނޫސް ވިއްކާލައިފި ނަމަ އެކަމުގެ ސަބަބުން މުއައްސިސުންގެ ހައްގުތަކަށް އުނިކަމެއް ލިބިދާނެ ކަމަކަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ނިމުމުގެ ކުރިން ހަވީރު ވިއްކާލުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އެ އަމުރަށް ތާއީދުކޮށް ހައިކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނެފައި ވަނީ ވިޔަފާރީގެ އަގުދު ސައްޚަވުމުހެ ޝަރުތުތަކުގެ ތެރޭގައި ވިއްކާ މުދަލުގެ މިލްކުވެރިކަން ވިއްކާ މީހާ އަށް އޮތުން ޝަރުވެފައިވާ ކަމަށެވެ. އެ ޝަރުތާ މެދު ގާނޫނީ ގޮތުން ސުވާލު އުފައްދާފައިވާ ހާލަތެއްގައި އެކަން ކަށަވަރުނުކޮށް އެ މުދާ ވިއްކާލުމުގެ ހުއްދަ ޝަރީއަތުން ދެވިއްޖެ ނަމަ، އެ މައްސަލަ ޝަރީއަތުން ނިމޭ ގޮތަކުން ހުކުމުގެ މަގުސަދު ހާސިލުނުވެ ހިނގައިދާނެ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ