އަބްދުﷲ ރިޔާޒު ޔޫއެންގެ ރެސިޑެންޓް ކޯޑިނޭޓަރާ ބައްދަލުކުރައްވައިފި

ޔުނައިޓެޑް ނޭޝަންސް (ޔޫއެން)އިން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ރެސިޑެންޓް ކޯރޑިނޭޓަރ އަދި ޔޫއެން ޑެވެލޮޕްމަންޓް ޕުރޮގްރާމުގެ ރެޕްރެޒެންޓެޓިވް މރ. ޓޯނީ އީ. ލައިލް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޟްއާ ބައްދަލުކުރައްވައިފިއެވެ.
އިއްޔެ މެންދުރުފަހު ހުސައިން އާދަމް ބިލްޑިންގައި އޮތް އެ ބައްދަލުކޮށްލެއްވުމަކީ ޔޫއެން ރެސިޑެންޓް ކޯރޑިނޭޓަރުގެ ހައިސިއްޔަތުން ތައާރަފުވެވަޑައިގެންނެވުމަށާއި ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރެއްވި ބައްދަލުވުމެކަމަށް ފުލުހުންގެ މީޑިއާއިން ބުނެއެވެ.
ފުލުހުންގެ މީޑިއާއިން މައުލޫމާތު ދޭގޮތުގައި އެ ބައްދަލުކޮށްލެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ޔޫއެންޑީޕީގެ ދަށުން ދިވެހި ފުލުހުންނަށް ތައުލީމާއި ތަމްރީނު ފުރުސަތު ފަހިކުރުމާއި ދެފަރާތުގެ ގުޅުން އިތުރަށް ބަދަހިކޮށް ފުލުހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުންނެވެ.
ބައްދަލުކޮށްލެއްވުމުގައި މރ. ޓޯނީ އީ. ލައިލްގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، ހުސައިން ވަހީދު އާއި ޔޫ. އެން ކަންޓްރީ ސެކިއުރިޓީ ފޯކަލް ޕޮއިންޓް، މރ. ރޫން ބްރޭންޑްރަޕް އާއި ލޯކަލް ސެކިއުރިޓީ އެސޯސިއޭޓް، އަލީ ދިލްޝާން ބައިވިރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ