ޕީޖީ ނެތުމުން ކްރިމިނަލް ކޯޓުން މައްސަލަ ބެލުން ހުއްޓާލައިފި

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ބޭފުޅަކު ނެތުމުން، މައްސަލަތައް ކުރިއަށް ގެންދާނެ ގޮތަކާއި މެދު ސުޕްރީމް ކޯޓުގެ ލަފައެއް ލިބެންދެން ކްރިމިނަލް ކޯޓުގެ މައްސަލަތައް ބެލުން ހުއްޓާލާފައިވާކަމަށް އެ ކޯޓުން ބުނެފިއެވެ.
ވީނިއުސް އަށް މައުލޫމާތު ދެމެން އެ ކޯޓުގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވީ އެ ކޯޓުގެ ގާޒީންގެ މަޖިލީހުން އެކަން އެގޮތަށް ނިންމެވުމާއި އެކު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދި މިހާރު ހުށައަޅުއްވާފައި ވާކަމަށެވެ.
"މައްސަލަ ތަކުގައި ވަކާލާތުކޮށް ދައުވާ ކުރާ ފަރާތަކީ ޕީޖީ ދެއްތޯ!، ގާނޫނު އަސާސީގައި ބަޔާންކޮށްފައި އެބަ އޮވޭ 30 ދުވަހުގެ ތެރޭގައި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ޖެހޭނޭ، އެހެންވެ ގާޒީންގެ މަޖިލީހުން ނިންމެވި ނިންމެވުމެއް އެއީ" މަނިކު ވިދާޅުވިއެވެ.
ޕީޖީގެ މަގާމުގައި އެންމެފަހުން ހުންނެވި އަހްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ޕީޖީގެ މަގާމަށް ކުރިމަތިލެއްވުމަށް ރައީސް އޮފީހުން ހުޅުވާލީ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. މުއިއްޒު މަގާމުން އިސްތިއުފާ ދެއްވީ އެމަނިކުފާނުގެ މައްޗަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި ގުޅިގެންނެވެ.
ހުސްވެފައިވާ ޕީޖީގެ މަގާމަށް އައްޔަން ކުރަން އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މައުމޫން ހަމީދުގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. މައުމޫންގެ ނަމާއެކު ޕީޖީގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ވެސް ރައީސް ވަނީ މަޖިލީހުގެ މައުލޫމާތަށްޓަކައި ފޮނުއްވާފަ އެވެ.
އަދި މަޖިލީހުން އެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވާފައިވާއިރު މަޖިލީހުގެ މި އަހަރުގެ މަސައްކަތް ނިމި ޗުއްޓީ އަށް ދިޔައީ އެކަމާ މެދު ވަކި ގޮތެއް ނުނިންމަ އެވެ. މަޖިލީުގެ ޖަލްސާތައް ދެންފެށޭނީ އަންނަ މާޗް މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ