ފުލުހުންގެ އަގުވައްޓާލުމަށް ފުރުސަތެއް ނުދޭނަން: އުމަރު

ކުރިއަށް އޮތްތަނުގައި ފުލުހުންގެ ސްޓްރެޓެޖީގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފުލުހުންނަކީ އަމަލީ ބަޔަކަށް ހެދުމަށްކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ އުމަރު މިހެން ވިދާޅުވީ ފުލުހުންގެ ތިންވަނަ މެމޯރިއަލް ޑޭ ފާހަގަކުރުމަށް އިސްކަންދަރު ކޮށި ކުރިމަތީގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ އުމަރު ވަނީ ފުލުހުންގެ އެކި ރޭންކުތަކުގައި މަސައްކަތްކުރާ އޮފިސަރުން އެ ފަރާތްތަކުގެ އަމަލީ މަސައްކަތުގެ ތަޖުރިބާ ހޯދުމަށް އެދިވަޑައިގެންފަ އެވެ.
ފުލުހުންގެ މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދޭނީ ހާދިސާތަކާއި ކުރިމަތިލާ މަގުމައްޗަށް ނިކުމެ މައްސަލަތައް ތަހުގީގުކުރުމުގައި ހޯދާ ތަޖުރިބާގެ އިތުރުން ލިބޭ ތަޖުރިބާއެއް އެއް ބަޔަކު އަނެއް ބަޔަކަށް ފޯރުކޮށްދޭ މިންވަރެއްގެ މައްޗަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އުމަރު ވަނީ ވަކި ރޭންކަކަށް ދިއުމުން އަމަލީ މަސައްކަތް ދޫކޮށް އިދާރީ ގޮނޑިއެއްގައި އިނުމުގެ ވިސްނުން އެއްވެސް ފުލުހަކު ނުގެންގުޅުމަށް ވެސް އެދިވަޑައިގެންފަ އެވެ.
"މިއީ މޭޒު ދޮށުގައި އަތްވާއި ވާރޭގެ ހިޔަލުގައި އަމާންކަމާއި އޮމާންކަމުގެ ނިވަލުގައި އަރާމުކަމާ އެކު އަދާކުރެވޭނެ ވަޒީފާއެއް ނޫން. ވަޒީފާގެ އުފަލަކީ އަރާމަކީ މައިދާނުގައި ދައްކާ ކުޅަދާނަކަން. އިންސާނިއްޔަތަށް ފޯރުކޮށްދޭ ހިދުމަތް. ފުލުހުންގެ މަސައްކަތަކީ ޓެކްސްޓް ފޮތަކުން ދަސްކުރެވޭނެ މަސައްކަތެއް ނޫން. ފުލުހުންގެ މަސައްކަތަކީ އަމަލީ މައިދާނަށް ނުކުމެ ދަސްކުރަން ޖެހޭ މަސައްކަތެއް،" އުމަރު ވިދާޅުވި އެވެ.
ފުލުހުންގެ ދައުރު އަދާކުރުމުގައި އެއް ރަށެއްގައި މާގިނަ ދުވަހު ތިބުމަކީ އެކަމުން އެދެވޭ ނަތީޖާއެއް ނިކުންނަ ކަމެއް ނޫންކަމުން އެކި ރަށްރަށަށް ފުލުހުން ބަދަލު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެއް ވެއްޓެއްގައި ގިނަ ދުވަހު ފުލުހަކު މަސައްކަތް ކުރަން ޖެހުމަކީ އެ ފުލުހެއްގެ ސިކުނޑިއާއި، ވިސްނުން އެ މާހައުލަށް އެކަނި ހުއްޓޭކަމެއް ކަމުން އެކަމުގެ ސަބަބުން ކުށުގެ މާހައުލަށް ވެސް އެދެވޭ ބަދަލެއް ނާންނަ ކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ ފުލުހުންނާ މެދު ނަފްރަތު އުފއްދާ ފަރާތްތަކާ ފުލުހުންގެ އަގު ވައްޓާލުމަށް މަސައްކަތް ކުރާ ފަރާތްތަކަށް އެ ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފުލުހުންގެ މެމޯރިއަލް ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ދުވަހާއި ގުޅިގެން ރޭ ވަނީ ހާއްސަ ދުއާއެއް ކޮށް ފުލުހުންގެ އަޒުމު ކިޔާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ