ދައުލަތުގެ އެންމެ މަތީ އިއްޒަތް ރައީސް މައުމޫނު އަށް އަރުވައިފި

ދިވެހި ދައުލަތުގެ އެންމެ މަތީ އިއްޒަތް ރާއްޖޭގެ ރައީސްކަން 30 އަހަރު ކޮށްފައިވާ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް އަރުވައިފިއެވެ.
މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި "ނިޝަން ޣާޒީގެ އިއްޒަތްތެރި ވެރިޔާގެ ލަގަބް" ރައީސް މައުމޫންއަށް އެރުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދު ހަސަން އެވެ.
ރައީސް މައުމޫނަށް އިއްޒަތް އެރުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ސިޔާސީ ފިކުރު ތަފާތު ވުމުގެ ސަބަބުން ދިވެހި ގައުމީ ހިދްމަތްތެރިން ނިކަމެތި ކޮށްގެން ނުވާނެކަމަށާއި ޒާތީ ތައައްސުބެއްގެ ސަބަބުން އެބޭފުޅުން މަގުމަތި ކުރެވިގެން ނުވާނެކަމަށެވެ. އަދި ރައީސް މައުމޫން ގައުމަށް ކޮށްދެއްވި ހިދްމަތްތަކަށް ޝުކުރު ދަންނަވާ ކަމަށާއި ހިދަމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެމަނިކުފާނަށް ދައުލަތުގެ އެންމެމަތީ އިއްޒަތް އަރުވާ ކަމަށެވެ. އަދި އެއީ ރައީސް މައުމޫންއަށް ހައްގު މަގާމެއްކަމަށްވެސް ރައީސް ވަހީދު ވިދާޅުވިއވެ.
ދައުލަތުގެ އެންމެމަތީ އިއްޒަރުގެ ވެރިޔާގެ ލަގަބްގެ އިތުރުން ދިވެހި ދައުލަތުގެ އިއްޒަތް އަރުވާފައިވަނީ ރާއްޖޭގެ މަޝްހޫރު ތިން ވިޔަފާރިވެރިންނަށެވެ. އެއީ ޗަންޕާ މުހައްމަދު މޫސާ އަށާއި ގާސިމް އިބްރާހިމް އަށާއި ޗަމްޕާ ހަސަން އަފީފުއަށެވެ. އެއިން ބޭފުޅުންނަށް އަރުވާފައިވާ އިއްޒަތަކީ "ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް" އެވެ. އެބޭފުޅުންނަށް އެއިއްޒަތް އަރުވާފައިވަނީ ދިވެހި ރައްޔިތުންނަށާއި ދިވެހި ދައުލަތަށް ކޮށްދެއްވާފައިވާ އަގުހުރި ހިދްމަތްތައް ފާގަހަ ކުރުމުގެ ގޮތުންކަމަށް ރައީސް އޮފީހުން ބުނެއެވެ. އެއިއްޒަތް ނިސްބަތްވެވަޑައިގަންނަވަނީ އައްސުލްތޯން މުހައްމަދު ސަމްސުއްދީން އަށެވެ.
ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް 05 ބޭފުޅަކަށް އަރުވާފައިވެއެވެ. އެއީ މޭޖަރ ޖެނަރަލް ރިޓަޔާރޑް މުހައްމަދު ޒާހިރު އަށާއި އިސްމާއީމް ފަތުހީ (ކުރީގެ އޮޑިޓް އޮފީހުގެ ވެރިޔާ) އަށާއި އަނީސާ އަހުމަދު އަށާއި ރައީސް މައުމޫނުގެ ދައުރު މިނިސްޓަރު އަބްދުއްރަޝީދު އަށާއި އައްބާސް އިބްރާހިމް އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ