ނ. ހެނބަދޫއިން އެކި އެކި ވަގުތުތަކުގައި ކަރަންޓް ކެނޑުމެން ދާތީ އެ ރަށު ރައްޔިތުން ނުކުމެ އެ ރަށު އިންޖީނުގެ ކުރިމަތީގައި މުޒާހަރާ ކުރަން ފަށައިފިއެވެ.
"ވަގުތު"އަށް މައުލޫމާތުދެއްވަމުން އެ މުޒާހަރާ ކުރަމުންދާ މީހުންނާއެކު ހަރަކާތްތެރިވަމުންދާ އާންމުންގެ މީހަކު ބުނިގޮތުގައި، އެ މީހުން މުޒާހަރާ ކުރަމުން ދަނީ އިއްޔެއާއި މިއަދުވެސް ކަރަންޓް އެކި ވަގުތުތަކުގައި ކެނޑެމުންދާތީ އެކަމަށް އެދެވޭ ހައްލެއް ނުލިބޭތީއެވެ.
"ރޭގަ އެއްކޮށްހެން ހުރީ ކަރަންޓް ކެނޑިފަ. އެކި ހިސާބުތަކުން އެކި ގަޑިތަކުގެ ކަރަންޓް ކެނޑެނީ. މިއަދުވެސް ހުކުރު ވަގުތުގަ ދިޔަ ކަރަންޓް". އޭނާ ބުންޏެވެ.
އެރަށުގައި ކަރަންޓް ދެމުން ގެންދަނީ 64 ކިލޯ ވޯޓްގެ އެއް ޖަނަރޭޓަރާއި، 50 ކިލޯވޯޓުގެ ޖަނަރޭޓަރަކުންނެވެ. ނަމަވެސް އެތަނުން އެއް ޖަނަރޭޓަރަށް އަބަދުވެސް މައްސަލަ ޖެހިފައިހުންނަކަމަށާއި، ދޭތެރެ ދޭތެރެއިން އެ އިންޖީނުގެ މައްސަލަ ޖެހިގެން ތެޔޮ ބަދަލުކުރަންށާއެކު، ކަރަންޓް ކަނޑާލާ ކަމަށް އެމީހާ ބުންޏެވެ.
ފެނެކަ އިން ހިންގަމުން އަންނަ އެ އިންޖީނުގެއިން ކަރަންޓް ރަނގަޅަށް ނުދެވޭކަމަށްބުނެ، 140 އެއްހާ ރައްޔިތުން ނުކުމެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުން ކަމަށް މައުލޫމާތު ލިބެއެވެ. އެމީހުން ބުނަމުން ދަނީ އެދެވޭ ގޮތުގައި ކަރަންޓް ދިނުމަށާއި، ރައްޔިތުންގެ އިންޖީނުގޭގައި އެތަން ހިންގަމުން ދާތީ އެކަމުގެ ބަދަލު ދިނުމަށްކަމަށެވެ.
އަދި އެ އިންޖީނުގެއަށް ވަންނަންވެސް ބައެއް މީހުން މަސައްކަތް ކުރަމުން އަންނައިރު، މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުންވެސް މީހާރު ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މިހާރު އެ ބްރާންޗަށް އައިސް ހުރި ޓެޗްނިޝަން އާއި ހަވާލާދީ، މަޢުލޫމާތުދިން ފަރާތުން ބުނީ އެ އިންޖީނުތަކަށް މައްސަލަތައް ދިމާވަނީ އެ އިންޖީނުތައް ކުދިވެފައި، ބާވީމައި ކަމަށެވެ.
އެރަށު ކައުންސިލްގެ ރައީސް އިބްރާހިމް ސިޔާހު ވިދާޅުވީ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކަމާ ބެހޭ ފަރާތްތަކާއެކު ވާހަކަދައްކަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ މީގެ ކުރިން ކެނދުކުޅުދޫ ދާއިރާ މެމްބަރު އަލީ މައުރޫފްގެ އަރިހުގައިވެސް މި މައްސަލައަށް ހައްލެއް ހޯދުމަށް އެދި ވާހަކަދެކެވިފައިވާނޭކަމަށެވެ.
ސިޔާހު ވިދާޅުވީ އިއްޔެ އިރުއޮއްސުނު އިރުން ފެށިގެން ކަރަންޓް އެކި ވަގުތުތަކުގައި ކެނޑެމުން އަންނަކަމަށާއި، މިއަދު ހުކުރު ވަގުތުގައިވެސް ކަރަންޓް ކެނޑުނު ކަމަށެވެ.
"މިއަދު ހުކުރު ވަގުތު ކަރަންޓް ދިޔަ އެކަމް އެއީ ޓެޗްނިކަލް މައްސަލައެއްގެ ސަބަބުން. އަޅުގަނޑު ނުދަންނަވާނަން އެންމެ އެދެވޭގޮތުގަ ކަރަންޓް ދެވެޔެކޭ". ސިޔާހު ވިދާޅުވިއެވެ.
ހެނބަދޫއިން ކަރަންޓް ކެނޑޭތީ ރައްޔިތުން ނިކުމެ މުޒާހަރާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ