ރައީސް މައުމޫން ޗައިނާގެ ރައީސްއާ ބައްދަލުކުރައްވައިފި

ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ މިބައްދަލުވުމުގައި ރައީސް މައުމޫން ވިދާޅުވީ ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރަތް ކުރެއްވި ޗައިނާގެ ރައީސަކީ ޝީ ޖިންޕިން ކަމަށް ވުމުން އެއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމުގަ އެވެ.
ރައީސް މައުމޫން ވިދާޅުވީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގައި އަބަދުވެސް މުހިއްމު ގައުމެއް ކަމުގަ އެވެ. އަދި ޗައިނާ އިން ރާއްޖެއަށް ވެދީފައިވާ ތަފާތު އެހީތަކުގެ މައްޗަށް ބައްލަވާލައްވާ މައުމޫން ވަނީ ޗައިނާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖެއާ ޗައިނާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވުމަށް އުއްމީދުކުރައްވާ ކަމުގައި ވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން 30 އަހަރު ވެރިކަން ކުރައްވާފައިވާއިރު އެމަނިކުފާނު ވަނީ 1984 ވަނަ އަހަރާއި 2006 ވަނަ އަހަރު ޗައިނާ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފަ އެވެ.
މިބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސް ވިދާޅުވީ ދިވެހިރާއްޖެއަށް ޒިޔާރާތް ކުރެއްވި ޗައިނާގެ ފުރަތަމަ ރައީސްއަކީ އެމަނިކުފާނު ކަމަށްވާތީ އެކަމާ އުފާކުރައްވާ ކަމަށެވެ. އަދި ޗައިނާއިން ރާއްޖެއަށް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވެވި އެވެ.
ރައީސް މައުމޫނަކީ ޗައިނާގެ ވަރަށް ގާތް ރަހްމަތްތެރިއެއް ކަން ފާހަގަކުރައްވާ ޝީ ޖިންޕިން ވިދާޅުވީ ކުރިއަށްއޮތް ދުވަސްތަކުގައި ވެސް ދެ ގައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމުގައި އެމަނިކުފާނު މަސައްކަތްޕުޅު ކޮށްދެއްވާނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މައުމޫންގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވީ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބްއާއި، ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފްއާއި، އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ފާރިޝް މައުމޫން އާއި ފޮރިން މިނިސްޓްރީގެ އެމްބެސެޑަ އެޓް ލާޖް އަބްދުﷲ ހަމީދު އެވެ. ޗައިނާގެ ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވީ ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީ އާއި ޗައިނާ ވަފްދުގައި އެންމެ އިސްކޮށް ތިއްބެވި ހަ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ