ވަކީލު ހޮވާ އިންތިހާބުގައި ރަށްރަށުގައި ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި

ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ބޭފުޅަކު ހޮވަން ބާއްވާ އިންތިހާބުގައި މާލެ ނޫން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން އަންގައި އަމުރުކޮށްފި އެވެ.
މިއަދު ކުއްލި ގޮތަކަށް ނެރުނު އަމުރުގައި ބުނަނީ ޖޭއެސްސީއަށް ވަކީލުން އިންތިޚާބު ކުރުމާ ގުޅޭގޮތުން ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލާފައިވާ އުސޫލުގެ 11 ވަނަ މާއްދާގެ (ހ) އަކީ ބާތިލް މާއްދާއެއް ކަމަށެވެ. އަދި މާލެފިޔަވައި އެހެންރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައި މި މަހުގެ ތިން ވަނަ ދުވަހު ބަންޑާރަ ނައިބުގެ އޮފީހުން ކުރި އިއުލާންވެ އެއީ ބާތިލު އިއުލާނެއް ކަމަށެވެ.
މިއަދު ބާތިލު ކުރި މާއްދާގައި ބުނަނީ މާލެފިޔަވައި އެހެން ރަށެއްގައި ވޯޓުލާ ގޮތަށް ހަމަޖެއްސޭނީ އިންތިހާބުގައި ވޯޓުލުމަށް ހަމަޖެހިފައިވާ ތާރީހު އިއުލާން ކުރާތާ ހަތަރު ދުވަހުގެ ތެރޭގައި މަދުވެގެން ފަސް ވަކީލަކު އެރަށެއްގައި ރަޖިސްޓްރީ ކުރުމުން ކަމަށެވެ.
އެ އަމުރުގައި ބުނަނީ ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ވަކީލު އިންތިޚާބު ކުރުމުގައި ކުރިން އަމަލުކޮށްފައިވާ އިޖުރާއަތްތަކާއި އުސޫލުތަކާ ޚިލާފުނުވާގޮތަށް ކުރިއަށް ގެންދިޔުމަށް ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރުކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ