ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު ގައިޑްލައިން އިންތިހާބީ ގާނޫނުގައި ހިމެނުމުން ކުރިޔަށްހުރި އިންތިހާބުތައް ކުރިއަށް ގެންދަން ފަސޭހަވެ، އިތުރު ފުރިހަމަ ކަމެއް ލިބޭނެ ކަމަށް ބަންޑާރަނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
އަނިލް މިހެން ވިދާޅުވީ ރާއްޖޭގެ އިންތިހާބުތައް ހަރުދަނާ ކުރުމަށް ބަނޑޮސް އައިލަންޑް ރިސޯޓުގައި މިއަދު ބޭއްވި މަހާސިންތާ ފައްޓަވައިދެއްވަމުން ދެއްކެވި މިއަދު ދެއްކެވި ވާހަކަފުޅުގަ އެވެ.
ބަންޑާރަ ނައިބުގެ ވާހަކަފުޅުގައި ރާއްޖެއަށް ޑިމޮކްރަސީ ތައާރަފު ކުރުމަށް އާ ގާނޫނު އަސާސީއެއް ހެދި ކަމަށާއި އެ ގާނޫނު އަސާސީ ތައާރަފު ކުރުމަށްފަހު ބޭއްވި އިންތިހާބުތައް ހިނގިގޮތުންނާއި އިންތިހާބުތައް މޮނިޓާ ކުރާ ބޭރުގެ ފަރާތްތަކުން ނެރެފައިވާ ރިޕޯޓުތަކުގެ ސަބަބުން އިންތިހާބީ ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ފާހަގަ ކުރެއްވި އެވެ.
އަނިލް ވިދާޅުވީ އެފަދަ ރިޕޯޓްތަކުން ލިބިފައިވާ ރިކޮމެންޑޭޝަން ތަކަކީ 2013 އަދި 2014 ވަނަ އަހަރުވެސް އަމަލުކުރެވުނު ކަންތައްތަކެއް ނޫން ކަމަށާއި މިއަދު ފެށި ސިމްޕޯސިއަމްގެ ސަބަބުން އެދެވޭ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އަދި އިންތިހާބެއްގެ އެންމެ މުހިއްމު އަސާސަކީ ރައްޔިތުންނަށް މިނިވަން، ހާމަކަންމަތީ އަދި ރައްޔިތުންގެ ޝަކުވާތަކަށް ފުރިހަމައަށް ޖަވާބުދާރީވެވޭ އިންތިހާބެއް ފޯރުކޮށްދިނުން ކަމަށާއި އެކަންކަން ކަށަވަރުކޮށްދެވޭ ވަސީލަތެއް ގާއިމް ނުވާނަމަ ރައްޔިތުންގެ ހައްގުތައް ގެއްލުމުގެ ބިރު އެބައޮތް ކަމަށް ވެސް އަނިލް ވިދާޅުވި އެވެ.
އަނިލްގެ ވާހަކަފުޅުގައި، އިންތިހާބުތައް ހަރުދަނާކުރުމުގެ ގޮތުން، ކެމްޕޭންތަކުގައި ފައިސާ ހަރަދުކުރެވޭ މިންވަރު ބެލެންވާނެ ކަމަށާއި ރިޝްވަތު ދިނުމާއި ހިފުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި ރީ ރެޖިސްޓްރޭޝަންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ބޭނުންތެރިކަން ފާހަގަކުރެއްވި އެވެ. އިތުރަށް ވިދާޅުވީ އިންތިހާބީ ގާނޫނުގެ ދަށުން ރައްޔިތުންގެ ޝަކުވާތަކަށް ފުރިހަމަ ޖަވާބެއް ދެވޭނެ ސިސްޓަމެއް ގާއިމް ކުރުމާއި ސިޔާސީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން މުހިއްމު ކަމަށެވެ.
މިއަދު ސިމްޕޯސިއަމް ފައްޓަވައިދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު މުޙައްމަދު ފާރޫގު ވިދާޅުވީ ނިމިގެން ދިޔަ ރިޔާސީ އިންތިޚާބަކީ އެންމެ ބުރަ އަދި އެންމެ ޚަރަދު ބޮޑުކޮށް ބޭއްވުނު އިންތިޚާބު ކަމަށާއި ފަސް ބުރަށް ބޭއްވި އެ އިންތިޚާބަށް ފަހު ލިބުނު މައުލޫމާތަށް ބަލާއިރު އިންތިޚާބީ ނިޒާމަށް ބަދަލު ގެންނަން ޖެހޭ ކަމަށެވެ.
އިންޓަނޭޝަނަލް ފެޑަރެޝަން އޮފް އިލެކްޓޯރަލް ސިސްޓަމްސް (އައިއެފްއެސް) ގެ އެހީ ތެރިކަމާއި އެކު ތިން ދުވަހަށް ފެށި މަހާސިންތާއިން ރަނގަޅު ރިކޮމެންޑޭޝަން ތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ފާރޫގު ވިދާޅުވި އެވެ.
މަހާސިންތާގައި އިންތިހާބުތައް ބާއްވަން އިލެކްޝަންސް ކޮމިޝަނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ދައްކުވައިދޭ ޕްރެޒެންޓޭޝަނެއް ހުށަހެޅި އެވެ. އޭގައި ރީރެޖިސްޓްރޭޝަންގެ މައްސަލައާއި އިދާރީ މައްސަލަތަކުގެ ސަބަބުން އިންތިހާބަކަށް ކުރިމަތިވާ ދަތިތަކާއި ކައުންސިލްތަކުން ކޮމިޝަނާއި ދެކޮޅަށް ނެރޭ ގަރާރުތަކުގެ ސަބަބުން ވޯޓު ފޮށިތައް ނުބެހެއްޓި އިންތިހާބު ނުބޭއްވޭ މައްސަލައާއި ގާނޫނު އަސާސީގައި އިންތިހާބީ ދާއިރާތައް ބެހުމުގައި ސީދާކޮށް ލިބިފައިނުވާތީ ޖެހޭ މައްސަލަތަކާއި ކެމްޕޭންކުރުމުގެ ވަގުތު ނިމުމަށްފަހު ކެމްޕޭންކުރުމުގެ މައްސަލަތަކާއި އިންތިހާބުގެ ނަތީޖާ ތައްޔާރުކޮށް، ވެރިފައިކުރުމުގައި ދިމާވާ މައްސަލަތައް ހިމަނާފައި ވެއެވެ.
މަހާސިންތާގައި ސިޔާސީ ޕާޓީ ތަކުންނާއި ފުލުހުންނާއި އިންތިހާބު މޮނިޓާ ކުރާ ފަރާތްތަކާއި ސަރުކާރުގެ މުއައްސަސާތަކުން ކަރުދާސް ހުށަހަޅާނެ އެވެ.
އިންތިހާބުތައް ރަނގަޅު ކުރަން ގާނޫނުގައި ސުޕްރީމް ކޯޓްގެ ގައިޑްލައިން ހިމަނަންޖެހޭ: ބަންޑާރަ ނައިބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ