ޒައީމު މައުމޫން: ޕާޓީގެ އެންމެން މަސައްކަތްކުރާނީ އެއް އަމާޒަކަށް

ހިޔާލު ތަފާތުވުންތައް އޮތުމަކީ ޕާޓީ ބައިބައިވާން ޖެހޭ ކަމެއްކަމަށް ދެކެވެޑައިނުގަންނަވާ ކަމަށާއި ޕާޓީގެ އެންމެން މަސައްކަތްކުރާނީ އެއް އަމާޒަކަށް، ދިވެހި ރައްޔިތުންގެ އުއްމީދުތައް ހާސިލް ކުރުމަށް ކަމަށް ޑީއާރުޕީގެ ޒައީމު އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނުއަބްދުލް ގައްޔޫމު ވިދާޅުވެއްޖެ އެވެ.
ކައުންސިލްތަކުގެ އިންތިހާބަށް ޑީއާރުޕީން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން އަތޮޅުތަކަށް ކުރައްވާ ދަތުރު ފުޅުގައި، ހދ. ކުޅުދުއްފުށީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޒައީމު މައުމޫނު ވިދާޅުވީ، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދެވޭނެ ހަމައެކަނި ޕާޓީއަކީ ޑީއާރުޕީ ކަމަށެވެ. އަދި ޑީއާރުޕީ އަކީ ވަރަށް މަތިވެރި އުއްމީދުތަކަކާ އެކު އެންމެން ގުޅިގެން އުފެއްދި ޕާޓީއެއްކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ޑީއާރުޕީން މިހާނަތަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް ޕާޓީއަށް އިތުރު ކާމިޔާބީތައް ހާސިލްކޮށް، ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަން ހޯދައިދެވޭނީ ޕާޓީއަކީ ވަރަށް ވަރުގަދަ، ހަރުދަނާ، އެއްބައިވަންތަ، ޕާޓީއަކަށްހެދިގެން ކަމަށް ވެސް ޒައީމު މައުމޫނު ވިދާޅުވި އެވެ.
"ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދެވޭނެ ހަމައެކަނި ޕާޓީއަކީ ޑީއާރުޕީ. ޕާޓީއަށް އިތުރު ކާމިޔާބީތައް ހާސިލް ކުރެވޭނީ، ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަން ހޯދައިދެވޭނީ، ޕާޓީއަކީ ވަރަށް ވަރުގަދަ ހަރުދަނާ، އެއްބައިވަންތަ، ޕާޓީއަކަށްހެދިގެން. ހިޔާލުތަފާތުވުން އޮތަސް އެއީ ޕާޓީ ބައިބައިކުރުވަނިވި ކަމެއްކަމަކަށް އަޅުގަނޑެއް ނުދެކެން. އެއްމެން މަސައްކަތް ކުރާނީއެއް އަމާޒަކަށް، ހާސިލް ކުރާނީ، އެއް އުއްމީދުތަކެއް. އެއީ ދިވެހި ރައްޔިތުންގެ އުއްމީދުތައް،"
ޒައީމު މައުމޫނު ވިދާޅުވީ، ޑީއާރުޕީގެ ޒައީމުގެ މަގާމުގައި ހުންނަވައިގެން އެމަނިކުފާނު ކުޅުދުއްފުއްޓަށް ކުރެއްވި މި ދަތުރުފުޅުގައި ވަރަށް މުހިއްމު ދެ މަގުސަދެއް ހިމެނޭ ކަމަށެވެ. އެއްމެ މުހިއްމު އެއް މަގުސަދަކީ ޑީއާރުޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން އެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންނާއި އެއްވެސް ޕާޓީއަކަށް ނިސްބަތްނުވާ ދިވެހި އެތައް ރައްޔިތުންނެއްގެ އެދިވަޑައިގަތުމުގެމަތިން ޕާޓީގެ ތެރޭގައި، އެކުވެރިކަމާއި އަހުވަންތަކަން އާލާކޮށް ހަރުދަނާކޮށް، އެއްބައިވަންތަކަން ހަރުދަނާކުރުން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ދެވަނަ މަގުސަދަކީ، ކައުންސިލްތަކަށް ކުރިމަތިލައްވާފައިވާ ޑީއާރުޕީގެ ކެންޑިޑޭޓުންނަށް އިތުރު ތާއީދު ހޯއްދެވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޒައީމު މައުމޫނު ވިދާޅުވީ، ޑީއާރުޕީގެ ސިޔާސީ ލީޑަރުކަމުގެ މަގާމުން އެކަހެރިވެވަޑައިގެންނެވިކަން އިއްލާން ކުރެއްވި އިރު، ޕާޓީގެ ކުރިއެރުމަށްޓަކައި ކުރަންޖެހުނު ކޮންމެ މަސައްކަތެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވާފައިވާނެ ކަމަށެވެ. އެހެންކަމުން ޕާޓީ އެއްބައިވަންތަކޮށް އެކުވެރި ކުރެއްވުމަށް ކުރައްވާ މަސައްކަތުގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ވެސް ޒައީމު ވިދާޅުވި އެވެ.
ޒައީމުގެ ވާހަކަފުޅުގައި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު ކުޅުދުއްފުށީގައި ހިންގެވި ތަރައްގީގެ ބައެއް މަޝްރޫއުތަކަށް ބައްލަވައިލެއްވި އެވެ. އަދި ކުޅުދުއްފުއްޓަކީ ވާރަށް އާބާދީ ބޮޑު، ކުރިއެރުމާއި ތަރައްގީގެ ވަސީލަތްތައް ހުރި އުފެއްދުންތެރި ރައްޔިތަކު ދިރިއުޅޭ ރަށެއްކަން ފާހަގަ ކުރައްވައި އެ ރަށުގެ ރައްޔިތުން އެމަނިކުފާނަށް ދެންނެވި ހޫނު މަރުހަބާއަށްޓަކައި ޝުކުރު އަދާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ