ގާނޫނާ ހިލާފަށް ރައީސް ނަޝީދު ކުރައްވާ ކަންކަން ހުއްޓުވައިދެއްވުމަށް އެދި ކުރީގެ ރައީސް މައުމޫން އިނގިރޭސި ބޮޑުވަޒީރަށް ސިޓީފުޅެއް ފޮނުއްވައިފި
ގާނޫނު އަސާސީގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރައްވައިގެން ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ކުރައްވަމުން ގެންދަވާ ޣައިރު ގާނޫނީ އަމަލުތައް ހުއްޓުވުމަށް ރައީސް ނަޝީދަށް ޕުރެޝާ ކޮށްދެއްވުމަށް އެދިވަޑައިގަތް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރޮންއަށް, ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ސިޓީފުޅެއް ފޮނުއްވައިފި އެވެ.އޮކްޓޯމްބަރު 17 ވަނަ ދުވަހުގެ ތާރީހުގައި ލިޔުއްވާފައިވާ އެ ސިޓީގައި މައުމޫނު ވިދާޅުވެފައި ވަނީ އެ މަނިކުފާނު ރައީސް ކަމުން ފަބައިވަޑައިގަތީއްސުރެ މި ސަރުކާރުން ތަފާތު ގޮތްގޮތުން މައުމޫނާއި އޭނާގެ އާއިލާއަށް ޖެއްސުން ކުރަމުން ގެންދާ ކަމަށާއި އެމަނިކުފާން ދިވެހިންނަށް ނުހަމަ ގޮތުގައި އަނިޔާދިން ކަމަށާއި ދިވެހިންގެ ބައިތުލްމާލަށް ހިޔާނާތްތެރިވުން ފަދަ ދޮގު އިލްޒާމްތައް އަދުގެ ސަރުކާރުން އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވަމުން ގެންދާ ކަމަށެވެ."އެމްޑީޕީގެ ސަރުކާރަށް ދެ އަހަރު ވުމާ ގާތްވެފައި ވާއިރު އަޅުގަނޑުގެ ބޮލުގައި އަޅުވަމުން ގެންދާ ދޮގު ދުހުމަތުތައް ސާބިތު ކުރުމަށް މިހާތަނަށް އެންމެ ހެއްކެވެސް ދެއްކިފައި ނުވާކަން ފާހަގަކުރަމެވެ،" މައުމޫން ލިއުއްވާފައިވެ އެވެ.މައުމޫން ވިދާޅުވެފައި ވަނީ މިދިޔަ ރިއާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީން އެކުލަވާލާފައިވާ މެނިފެސްޓޯއަކީ ރައްޔިތުންގެ މެދުގައި މައުމޫނުގެ "ނަންހުތުރު" ކުރުމަށާއި ސައްހަ ނޫން މައުލޫމާތުތައް ފެތުރުމުގެ މަގުސަދުގައި އެކުލަވައިލި މެނިފެސްޓޯއެއް ކަމަށެވެ.ތިން ސޮފްހާގެ މައްޗަށް އެކުލެވޭ އެ ސިޓީގައި މައުމޫނު ވިދާޅުވެފައި ވަނީ އަދުގެ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އެ މަނިކުފާނު ހައްޔަރު ކޮށްފާނެ ކަމާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ރައީސް ނަޝީދަށް މިގައުމުގައި އޮތް ތާއީދު ދުވަހެއް ދުވަހަކަށް ދަށަށްދާ ކަމަށާއި މައުމޫނަށް އޮންނަ ތާއީދު ދުވަހެއް ދުވަހަކަށް އިތުރު ވަމުން އަންނަ ކަމަށް ވެސް އެ ސިޓީގައި ވަނީ ފާހަގަކުރައްވައިފަ އެވެ."އަޅުގަނޑު ވެރިކަމުން ފައިބައިގެން މިވީ ދުވަހުގެ ތެރޭގައި ވެސް އަޅުގަނޑަށް އަންނަނީ ރައްޔިތުންގެ ތާއިދާއި ލޯބި ހިފެހެއްޓުމެއް ނެތް ގޮތެއްގައި ލިބެމުންނެވެ. އަދި ރައްޔިތުން ވަނީ އަހަރުގެ ސަހުސިއްޔަތުގެ އެވޯޑްވެސް ވޭތުވެ ދިޔަ ދެ އަހަރު ތެރޭގައި އަޅުގަނޑަށް އަރުވައިފަ އެވެ،" މައުމޫނު ލިއުއްވާފައިވެ އެވެ.އެ ސިޓީގައި، ދާދިފަހުން ރާއްޖޭގެ ތާރީހީ އިލްމްވެރިޔާ އަހުމަދު ޝަފީގު ލިއުއްވި ފޮތުގައި ހުރި ވާހަކަތައް ދޮގުކުރައްވަމުން މައުމޫނު ވިދާޅުވެފައި ވަނީ "111 މީހުން މަރާލި އިރު އެއްވެސް މީހަކަށް އެކަން ނޭނގި" އެކަން ނުކުރެވޭނެ ކަމަށާއި އެއީ އެއްވެސް އަސްލެއް ހުރި ވާހަކަތަކެއް ނޫންކަމަށެވެ.މައުމޫނަށް ހުކުރަށް ވަޑައިގަތުމާއި ބޭރަށް ވަޑައިގަތުމުގައި ދަތިތަކާ ކުރިމަތިވަމުން އަންނަނީ އެ މަނިކުފާނަށް ފުރިހަމަ ސެކިއުރިޓީ މި ސަރުކާރުން ދީފައި ނުވާތީ ކަމަށް އެ ސިޓީގައި ލިއުއްވާފައިވެ އެވެ."ގާތް ގަނޑަކަށް ދެ އަހަރު ވަންދެން އަޅުގަނޑަށް ހުކުރަށް، މިސްކިތަށް ދިއުމަށް މިވަނީ ދަތިވެފައި. އަދި އަޅުގަނޑުގެ ހަރަކާތްތައް މިވަނީ މަޑުޖެހިފައި." މައުމޫނު ލިއުއްވާފައިވެ އެވެ.ސެކްރެޓޭރިއެޓް އޮފް ދަ ފޯމާ ޕުރެސިޑެންޓުގެ ސުޕޯކްސް ޕާޒަން މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ ރައީސް މައުމޫނު ގައުމުތަކުގެ އިސް ވެރިންނަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށާއި އެއީ ސިއްރުން ކުރެއްވި ކަމެއް ނޫންކަމަށެވެ."ރައީސަށް ދަތިފުޅު ވަންޏާމުން އަޅުގަނޑުމެން ޖެހޭނެ އެކަންކަން ސަމާލުކަމަށް ގެންނަން. އެގޮތުން ކެމަރޮންނަށް އެކަންޏެއް ނޫން ސިޓީ ފޮނުއްވީ، އެއީ ވެސް އޭގެ ތެރެއިން ބޭފުޅެއް." ޝަރީފް ވިދާޅުވި އެވެ.މީގެ ކުރިންވެސް މައުމޫނު ވަނީ ދުނިޔޭގެ ބައެއް ގައުމުތަކުގެ ވެރިންނަށް އެފަދަ ސިޓީ ފުޅުތަކެއް ފޮނުއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ