ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ހުއްޓާލުމަށް މެލޭޝިޔާގެ ކުންފުޏަށް އަންގާފައި ނުވާ ކަމަށް އެ ކުންފުނިން ބުނެފި

މެލޭޝިޔާގެ ނެކްސް ބިޒް އިން ރާއްޖޭގައި ގާއިމްކުރުމަށް މަސައްކަތް ކުރާ އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ ޕްރޮޖެކްޓް ހުއްޓާލުމަށް އަދިވެސް އެ ކުންފުންޏަށް ނާންގާ ކަމަށް އެ ކުންފުނިން ބުރާސްފަތި ދުވަހު ބުނެފި އެވެ.
ވިޔަފާރި ހަބަރުތައް ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ ސީފޯ ވޯލްޑްގައި ނެކްޒް ބިޒްއާ ހަވާލާދީ ބުނެފައި ވަނީ ނެކްސް ބިޒް އިން ރާއްޖޭގައި ގާއިމް ކުރުމަށް މަސައްކަތް ކުރާ ބޯޑާ ކޮންޓްރޯލްގެ ނިޒާމު ހިޔާނާތާއި ކޮރަޕްޝަންގެ ސަބަބުން ހުއްޓާލަން އަންގާފައިނުވާ ކަމަށެވެ.
~
އެ މަސައްކަތް ހުއްޓާލުމަށް ސަރުކާރުން އެންގި ކަމަށް ކުރިން މީޑިއާގައި ފެތުރުނު ވާހަކަތައް ވެސް އެ ކުންފުނިން ވަނީ ދޮގުކޮށްފަ އެވެ.
މިދިޔަ ހޯމަ ދުވަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އިމިގްރޭޝަންގެ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެ ޕްރޮޖެކްޓް ހުއްޓާލުމަށް އެ ކޮމިޝަނުން އިމިގްރޭޝަނަށް އަމުރުކޮށްފަ އެވެ. އަދި އަންގާރަ ދުވަހު އެ ޕުރޮޖެކްޓް ރައީސް އެންގެވުމާ އެއްގޮތަށް ހުއްޓާލިކަން ވެސް އިމިގްރޭޝަނުން ވަނީ އިއުލާންކޮށްފަ އެވެ.
ސީ ފޯ ވޯލްޑްގައި ހުރި ވާހަކަތަކާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން އިލިޔާސް އަށް މިއަދު ގުޅުމުން "ސަން އަށް ދޭނެ މައުލޫމާތެއް ނެތް" ކަމަށް ވިދާޅުވެ މައުލޫމާތު ދިނުމަށް އޭނާ ވަނީ އިންކާރު ކުރައްވައިފަ އެވެ.
ހިޔާނާތާއި ކޮރަޕްޝަންގެ ދުހުމަތުތަކުގެ ސަބަބުން ނެކްސް ބިޒްގެ ހިއްސާ ވަނީ މާކެޓްގައި ދަށަށް ގޮސްފަ އެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ނެކްސް ބިޒްގެ ހިއްސާގެ އަގު މާކެޓްގައި ހުރީ 0.093 ޑޮލަރުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ