ބިރު ފަހަނަޅައި ދިޔުމަށް ރައީސް މައުމޫން ގޮވާލައްވައިފި

ސިޔާސީ މަޤުޞަދުތައް ހާޞިލުވާނީ އިޚުލާސްތެރިކަމާއި ކެރިގެން ކަންކަމާ ކުރިމަތިލުމުގެ ސިފަ ހުރެގެން ކަމަށާއި، ބިރު ފަހަނަޅައި ނުގޮސްފި ނަމަ، މިއެދޭ ސިޔާސީ މަޤުޞަދުތައް ދުވަހަކުވެސް ހާޞިލުނުވާނެކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ސިފައިންގެ ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް މިރޭ އަޑުއަރާފައިވަނިކޮށް ރައީސް މައުމޫން އެހެން ވިދާޅުވިއިރު، މި ފަހަކަށް އައިސް އެމަނިކުފާނު ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޅުކަން ބޮޑުގޮތެއްގައި ފާޑުވިދާޅުވަމުންނެވެ.
އެގޮތުން، ސަރުކާރުން އަބުރު ރައްކާތެރިކުރުމުގެ ބިލު ފާސްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދެވި އިރު، ރައީސް މައުމޫން ވަނީ އެ ބިލު ފާސް ނުކުރުމަށް އާންމުކޮށް އިލްތިމާސް ކުރައްވާފައެވެ. އޭގެ އިތުރުން އެމަނިކުފާން ވަނީ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން އެ ޕާޓީގެ މެންބަރުން އެ ބިލަށް ވޯޓްނުދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.
އެހެންކަމަށްވުމާއެކު، ޕީޕީއެމްގެ މެންބަރުންގެ ތެރެއިން ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިޝް މައުމޫނާއި އެހެން ބައެއް މެންބަރުންވެސް ވަނީ އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ތްރީ-ލައިން ވިޕާ ޚިލާފަށް، ރައީސް މައުމޫންގެ ގޮވާލެއްވުމާ އެއްގޮތަށް ވޯޓްދީ ހައްދަވާފައެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް އިތުރަށް ވޯޓްދެއްވީ ރައީސް މައުމޫނުގެ ދައުރުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަނީ އޮބިއަޅާފައި ކަމަށް ކުރިން ވިދާޅުވަމުން ގެންދެވި އިދިކޮޅު އެމްޑީޕީގެ މެންބަރުންނާއި ބައެއް އެހެން މެންބަރުން ކޮޅެކެވެ.
ނަމަވެސް، ރައްޔިތުންގެ އަބުރު ރައްކާތެރިކުރުމުގެ ބިލު އިއްޔެ ވަނީ ތަނަވަސް އަޣުލަބިއްޔަތަކުން ފާސްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ