އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފެށިގެން ކުރިއަށްދަނީ

މައިލޯ 19 ވަނަ އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފަށައިގެން ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެ އެވެ. މުޅި ރާއްޖެއިން 30 ސްކޫލަކުން މިފަހަރު އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރާއިރު މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.
ހަތަރު ދުވަހުގެ މުއްދުތަށް ކުރިޔަށް ދާ މި މުބާރާތުގައި 5 ޢުމުރުފުރާއެއްގައި ދެޖިންސުން ޖުމްލަ 104 އިވެންޓް ކުރިޔަށްދާނެއެވެ. އިވެންޓުތައް ކުރިއަށްދާ ޢުމުރުފުރާތަކަކީ 11، 13، 15، 17 އަދި 19އަހަރުން ދަށެވެ.
މި މުބާރާތުގައި އިއްޔެ ވެސް ގިނަ އިވެންޓު ތަކެއް ކުރިއަށްދިޔަ އެވެ.
އެގޮތުން 15 އަހަރުން ދަށުގެ އުމުރުފުރާއިން 1500މ ދުވުމުގައި ވާދަކޮށް ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރު ހާޒިމް ހުސެއިން ޝަރީފް ވަނީ ރެކޯޑު މުގުރާލައި ރަން މެޑަލް ހޯދާފަ އެވެ. އޭނާ ރޭސް ނިންމާފައިވަނޯ 04 މިނެޓާއި 49 ސިކުންތުންނެވެ. މީގެ އިތުރުން 17 އަހަރުން ދަށުގެ އުމުރުފުރާއިން ސައިފުﷲ އަހުމަދު ވަނީ 800މ، 1500މ ގެ އިތުރުން 500މ ދުވުމުން ވެސް ރަން މެޑަލް ހޯދައިފަ އެވެ.
15 އަހަރުން ދަށުގެ އުމުރުފުރާގެ 800 މ ދުވުމުގެ އަންހެން އިވެންޓުން ރަން މެޑަލް ހޯދީ 2.47.32 ސިކުންތުން ރޭސް ނިންމި އިމްތިނާން ފާރޫގް އެވެ. ފިރިހެން 15 އަހަރުން ދަށުގެ އުމުރުފުރާ އިން 100މ ދުވުމުން ރަން މެޑަލް ހޯދީ 11.85 ސިކުންތުން ރޭސް ނިންމި މުހައްމަދު މުނާޒް އަލީ އެވެ. އެ އުމުރުފުރާގެ 100މ ދުވުމުން އަންހެން އިވެންޓުން ރަން މެޑަލް ހޯދީ 13.88 ސިކުންތުން ރޭސް ނިންމި އައިޝަތު ހިމްނާ ހަސަން އެވެ.
17 އަހަރުން ދަށުގެ އުމުރުފުރާ އިން 100މ ދުވުމުގެ ފިރިހެން އިވެންޓުން ރަން މެޑަލް ހޯދީ 11.85 ސިކުންތުން ރޭސް ނިންމި އިބްރާހިމް ޝަހީރު މޫސާ އެވެ. މި އުމުރުފުރާގެ 100މ އަންހެން އިވެންޓުން ރަން މެޑަލް ކާމިޔާބުކުރީ 13.23 ސިކުންތުން ރޭސް ނިންމި ނަޝާ ނިޒާރު އެވެ.
މީގެ އިތުރުން 17 އަހަރުން ދަށުގެ އުމުރުފުރާގެ 3000މ އަންހެން ދުވުމުގެ އިވެންޓުން ރަން މެޑަލް ހޯދީ 14.34.01 ސިކުންތުން ރޭސް ނިންމި އިސްރާ އިބްރާހިމް އެވެ. 19 އަހަރުން ދަށުގެ އުމުރުފުރާގެ އަންހެން 100މ ދުވުމުގެ އިވެންޓުން ރަން މެޑަލް ހޯދީ 14.46 ސިކުންތުން ރޭސް ނިންމި ޚަދީޖާ އަހުމަދު އެވެ.
މި މުބާރާތުގައި މިއަދު ވެސް އެކި އެކި އިވެންޓު ތަކެއް ކުރިއަށްދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ