ކޮންގޯގައި ހަލުވިކަމާއެކު އިބޯލާ ފެތުރެމުންދާއިރު، އެ ޤައުމުގައި ބަދަލުކުރަމުންދާ ޙަމަލާ
ތަކުގެ ސަބަަބުން ބަލި ފެތުރުން ހުއްޓުވުމަށް ހުރަސްއެޅޭ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ބުނެފިއެވެ.
ޑަބްލިޔުއެޗްއޯގެ ސެކެޓްރީ ޖެނެރަލް، ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިރުމަތީ ކޮންގޯގައި ހަލުވިކަމާއެކު ބަލި ފެތުރެމުންދާ ވަގުތެއްގައި، ހަމަ އެއާ އެކުއެކީގައި ނުރައްކާތެރި ހަމަނުޖެހުންތައް ހިނގަމުންދާތީ އެ ޤައުމުގެ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ. އޭގެ ސަބަބުން ބަލި ފެތުރުން ހުއްޓުވުމަށް އެންމެ އެދެވޭ މިންވަރަށް މަސައްކަތް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ޑަބްލިޔުއެޗްއޯއިން ވަނީ އެ ޤައުމުގައި ޙަމަލާ ބަދަލުކުރުން ވަގުތުން ވަގުތަށް ހުއްޓައިލުމަށް ގޮވާލައިފައެވެ.
ޑަބްލިޔުއެޗްއޯއިން ވަނީ ކޮންގޯގައި އިބޯލާގ ޖެހިގެން 10 މީހުން މަރުވެފައިވާ ކަން ކަށަވަރުކޮށްދީފައެވެ. އަދި މި މަހުގެ މެދެތެރެއިން ފެށިގެން މިހާތަނަށް މަރުވެފައިވާ 220 މީހެއް ވެސް މަރުވީ އެ ބަލީގައި ކަމަށް ޝައްކުކުރެވޭ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. ކޮންގޯގައި އިބޯލާ ފެތުރަމުންދާ ކަމަށް މި މަހުގެ 15ވަނަ ދުވަހު އެ ޤައުމުން އިޢުލާނުކުރި ފަހުން ބަލިޖެހިފައިވާ ކަމަށް ބެލެވޭ 900 މީހުން ފާހަގަކޮށްފައިވާ ކަމަށް ވެސް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.
އެ އިދާރާއިން ބުނީ ބަލި ޖެހިފައިވާ މީހުންގެ ހަޤީޤީ ޢަދަދު އެއަށް ވުރެ އެތައް ގުނައެއް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ކަމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ގޮތުގައި ކޮންގޯގައި އިބޯލާ ފެތުރެމުންދާތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ބެލެވެއެވެ.
ޓެޑްރޮސް އިތުރަށް ވިދާޅުވީ ކޮންގޯގައި ފެތުރެމުންދާ އިބޯލާގެ ބަންޑިބޫޖޯ ސްޓްރެއިންއާ ދެކޮޅަށް ދެވޭނެ ޙުއްދަ ލިބިފައިވާ ވެކްސިންއެއް ނޫނީ ފަރުވާއެއް ވެސް ނެތް ކަމަށެވެ. އެ ޤައުމުގައި ބަލި ފެތުރުން ހުއްޓުވުން ބަރޯސާ ވަނީ އެ ސަރަޙައްދަށް އިންސާނީ އެހީ ފޯރުކޮށްދެވޭ މިންވަރުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ކޮންގޯގައި ހަމަނުޖެހުންތައް އާންމުވެ ޙަމަލާތައް ބަދަލުކުރަމުންދާ މި ދަނޑިވަޅުގައި އެ ޤައުމުގައި ސަލާމަތްތެރި ކަމެއް ނެތެވެ. ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެދުގައި ޙަމަލާތައް ބަދަލުކުރަުންދާތާ ގާތްގަނޑަކަށް 30 އަހަރު ވަނީ ވެފައެވެ. ޓެޑްރޮސް ވިދާޅުވީ މި ޙާލަތުގައި އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ދާން ޖެހިފައިވާ ކަމަށާއި، ބަލި ޖެހިފައިވާ މީހުންނާ ބައްދަލުވެފައިވާ ކޮންޓެކްޓުން ހިމެނޭ ގޮތަށް އެތައް ބަޔަކު ތޮއްޖެހިފައިވާ ކޭމްޕުތަކަށް ދިޔުމަށް މަޖުބޫރުވެފައިވާ ކަމަށެވެ. ކުރީ ސަފުގައި ޚިދުމަތް ކުރާ މަސަައްކަތްތެރިންނަށް ބޮޑެތި ހުރަސްތައް ހުރި ކަމަށާއި، ޞިއްޙީ މަރުކަޒުތަކަށް ދެމުންދާ ޙަމަލާތަކު
ގެ ސަބަބުން ބަލިޖެހިފައިވާ މީހުންނާ ދިމާވެފައިވާ ކޮންޓެކްޓުން ދެނެގަތުމަށް ވަރަށް ބޮޑަށް އުނދަގޫެވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ޙަމަލާތައް ދިނުން ހުއްޓައިލައި އިންސާނީ ދަރިފަސްކޮޅު ސަލާމަތް ކުރުމަށް އިސްކަން ދިނުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.
ކޮންގޯގައި ހަމަނުޖެހުން: އިބޯލާ ފެތުރުން ހުއްޓުވުމަށް ހުރަހެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ