އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ހުއްޓުވޭނެ ބާރެއް ނޫން ކަމަށާއި، އާންމު ހަނގުރާމައަކާ ހަމައަށް ހިނގައިދާނެ މިންވަރަށް ޓެކްނޮލޮޖީ ބޭނުންކޮށްގެން ސައިބަރ ހަމަލާތައް ވަރުގަދަކުރަމުންދާ ކަމަށް އިނގިރޭސިވިލާތުގެ އިލެކްޓްރޯނިކް ޖާސޫސީ އިދާރާ (ޖީސީއެޗްކިއު) ގެ ވެރިޔާ އޭން ކީސްޓް-ބަޓްލަރ އިންޒާރު ދެއްވައިފިއެވެ.
އޭނާ މި ވާހަކަތައް ދެއްކެވީ އިނގިރޭސިވިލާތުގެ ލަންޑަނާ ކައިރީގައިވާ، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ކޯޑުތައް މާނަކުރަން ބޭނުންކުރި މަޝްހޫރު މަރުކަޒެއް ކަމަށްވާ ބްލެޗްލީ ޕާކްގައި ބޭއްވުނު ޖީސީއެޗްކިއުގެ އަހަރީ ބައްދަލުވުން އިފްތިތާހުކޮށްދެއްވުމުގެ މުނާސަބަތުގައި ވާހަކަ ދައްކަވަމުންނެވެ.
ރަޝިޔާއިން ދެމުންދާ ސައިބަރ ހަމަލާތަކުގައި އިނގިރޭސިވިލާތާއި ޔޫރަޕްގެ މުހިންމު ވަސީލަތްތަކަށާއި، ބާޒާރުތަކަށާއި، ޑިމޮކްރެޓިކް ނިޒާމުތަކަށް އަމާޒުކުރަމުންދާ ކަމަށް ޖާސޫސީ އިސްވެރިޔާ ތުހުމަތު ކުރެއްވިއެވެ.
މީގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތައް ކަމަށްވާ ސްވިޑަން، ޕޮލެންޑް، ޑެންމާކް އަދި ނޯވޭ ފަދަ ގައުމުތަކުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި ފެންބަންދުކުރާ ކާރުޚާނާތަކަށްވެސް ރަޝިޔާއާ ގުޅުންހުރި ހެކަރުން ދާދިފަހުން ހަމަލާދީފައިވާކަން ވަނީ ހާމަވެފައެވެ. ވަކިން ހާއްސަކޮށް އިނގިރޭސި ކަނޑުގެ ސަރަހައްދުގައިވާ މުހިންމު ކޭބަލްތަކާއި ހޮޅިތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ޖީސީއެޗްކިއުއިން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާގެ ފަރާތުން ބައި މިލިއަނާ ގާތްކުރާ އަދަދަކަށް ސިފައިން މަރުވެ، ހަނގުރާމައިގެ މައިދާނުގައި ރަޝިޔާ ފަހަތަށް ޖެހެމުންދާ ދަނޑިވަޅެއްގައި، އެގައުމުން "ގްރޭ ޒޯން" ނުވަތަ ހަނގުރާމައިގެ ރަސްމީ އިއުލާނަކާ ހަމައަށް ނުދާ ގޮތަށް ހިންގާ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.
މި ނުރައްކާތަކުން ސަލާމަތްވުމަށްޓަކައި އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާއިންވެސް އޭއައި ޓެކްނޮލޮޖީގެ ބޭނުން ހިފައި، ހެކަރުންގެ ހަމަލާތައް ހުއްޓުވުމަށް "އެޖެންޓިކް އޭއައި" ނިޒާމުތައް ތައާރަފްކުރުމަށް ދަނީ ރާވަމުންނެވެ. ހަމައެއާއެކު، އެމެރިކާގެ ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއެކުވެސް، އިނގިރޭސިވިލާތާއި އެމެރިކާއާ ދެމެދު އޮންނަ ޖާސޫސީ ގުޅުމަކީ ދެގައުމުގެ ސަލާމަތަށްޓަކައި ކޮންމެހެން މުހިންމު އަދި ބަދަހި ގުޅުމެއްގެ ގޮތުގައި ދަމަހައްޓަންޖެހޭނެ ގުޅުމެއް ކަމަށް ބުނެ އޭނާގެ ވާހަކައިގައި ވިދާޅުވިއެވެ.
އޭއައި ނުހުއްޓުވޭނެ، ރަޝިޔާގެ ސައިބަރ ނުރައްކާބޮޑު: ޔޫކޭގެ ޖާސޫސީ ވެރިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ