"ތަހުގީގު ފުރިހަމަ ނުވާތީ،" އެޗްއައިވީ ލޭ އެޅި މައްސަލައިގެ ދައުވާ ކޯޓުން ބޭރުކޮށްލައިފި
މާބަނޑު މީހެއްގެ ގަޔަށް އައިޖީއެމްޗުން އެޗްއައިވީ ޕޮޒިޓިވް ލޭ އެޅުނު މައްސަލައިގައި އިހުމާލުވި ކަމުގެ ތުހުމަތުކުރެވޭ އައިޖީއެމްއެޗްގެ ލެބް ޓެކްނީޝަންގެ މައްޗަށް އުފުލާފައިވާ ދައުވާ ކްރިމިނަލް ކޯޓުން މިއަދު އަނބުރާ ފޮނުވާލައިފި އެވެ.ކޯޓުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ދައުވާ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް އަނބުރާ ފޮނުވާލާފައި ވަނީ ތަހުގީގު ކުރަންވާ ވަރަށް ނުކޮށް އޮތުމުން، އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ދަތިވުމާ ގުޅިގެންނެވެ. ނަމަވެސް، ތަހުގީގު ފުރިހަމަކުރުމަށް ފަހު އަލުން ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ކުރިއަށް ގެންދަން ގާޒީ ނިންމަވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އައިޖީއެމްއެޗްގައި ހިނގި ހާދިސާގައި އިހުމާލުވި ކަމަށް ބުނެ ދައުލަތުން ދައުވާކުރީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ރާޖޭޝް ކަކަނަޓައު ބާސްކަރަންގެ މައްޗަށެވެ. އެ މައްސަލައިގެ ޝަރީއަތް މިދިޔަ އޮގަސްޓު މަހު ފަށައި ދެ އަަޑުއެހުމެއް ބާއްވާފައިވެ އެވެ. އެހެން ނަމަވެސް، އެ އަޑުއެހުންތައް ބާއްވާފައި ވަނީ ސިއްރުކޮށްގެންނެވެ.އެނގިފައިވާ ގޮތުގައި ރާޖޭޝްގެ މައްޗަށް ދައުވާކުރީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ ނ. ގެ ދަށުން އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ދައުވާ އެވެ. އެ މާއްދާގައި ވަނީ ޝަރުއީ ނުވަތަ ގާނޫނީ އަމުރަކަށް ނުކިޔަމަންތެރިވެ ކުރާ އަމަލަކީ މީހެއްގެ ފުރާނަ އަށް ގެއްލުމެއް ލިބިދާނެ ކަމެއް ނަމަ، އެ ކުށް ކުރި މީހެއްގެ އަދަބަކީ ގިނަވެގެން ދެ އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން ނުވަތަ 1،000 ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.ތަހުގީގު ކުރަންވާ ވަރަށް ނުކޮށް އޮތް ކަމަށް ބުނެ އެ ދައުވާ އަނބުރާ ފޮނުވާލާފައިވާ އިރު، އެ މައްސަލައިގެ ތަހުގީގުގައި މެޑިކަލް ނެގްލިޖެންސްގެ ދާއިރާ އިން މަތީ ތައުލީމު ހާސިލްކޮށްފައިވާ ޕީޖީ އޮފީހުގެ ވަކީލަކު ވެސް ބައިވެރިވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ