ފުލުސް އޮފީހަށް ހާޒިރުކުރި ނަމަވެސް، އެކަމާ ބިރު ނުގަންނަ ކަމަށާއި އަދި ކުރަމުންދާ މަސައްކަތް ވެސް ހުއްޓާނުލައްވާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިއަދު ހަވީރު ދެވަނަ ފަހަރަށް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު، އޭނާ ހާޒިރުކުރީ ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވައި، ނުފޫޒު ފޯރުވާފަދަ ގޮތަކަށް ގާސިމް ވާހަކަ ދައްކަވާފައިވާތީކަމަށް ބުނެ އަމިއްލަ ފަރާތަކުން ފުލުސް އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގަށެވެ. އެގޮތުން ފުލުހުން މިއަދު ވަނީ ގާސިމްގެ ފޮޓޯއަކާއި އޯޑިއޯ ސާމްޕަލެއް ނަގާފައެވެ.
ފުލުސް އޮފީހުން ނިކުމެވަޑައިގެން ނޫސްވެރިންނާއި ވާހަކަދައްކަމުން ގާސިމް ވިދާޅުވީ، ފުލުހުން އަދާކުރައްވަމުން ގެންދަވަނީ އެބޭފުޅުންގެ ވަޒީގައި ކުރަންޖެހޭ ކަންތައްތަށް ކަމަށާއި، ނަމަވެސް މިކަމާ ގުޅިގެން ބިރެއްވެސް އަދި ފަހަތަށް ވެސް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
"މިކަމާ ގުޅިގެން އަޅުގަނޑު ބިރެއްނުގަންނާނެ. އަދި ބިރެއް ނުވެސް ދެއްކޭނެ. އަޅުގަނޑުގެ މަސައްކަތް ހުއްޓައެއް ނުލާނަން. އަޅުގަނޑު ފަހަތަކަށް ނުދާނަން. އަޅުގަނޑުމެންނަށް އެބައިނގޭ މިކަމުން ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ލިބިގެންދާކަން" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީގެ ލީޑަރުން އެއްވެގެން، ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ބިރުދައްކަން މަސައްކަތް ކުރެއްވި ނަމަވެސް، ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
"މިކަމުގައި އޮތީ ހިތްވަރާއި އެކު މަސައްކަތް ކުރުން. މިވަގުތު ސާބިތު ކަމާއެކު ހުންނާނަން" ގާސިމް ވިދާޅުވިއެވެ.
ގާސިމް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު، ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒަށް ވަނީ މިރޭ 20:00 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައެވެ. މީގެކުރިން ވެސް ދެ ފަހަރެއްގެ މަތިން ރިޔާޒް ފުލުސް އޮފީހަށް ހާޒިރުކޮށްފައިވެއެވެ.
ބިރެއް ވެސް ނުދެއްކޭނެ، ފަހަތަކަށް ވެސް ނުޖެހޭނަން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ