ސަސްޕެޝަން އުވާލުމާ އެކު ގާޒީ ބާރީ ކޯޓުގެ މަސައްކަތަށް ނުކުމެވަޑައިގެންފި

ދޮޅު އަހަރެއްހާ ދުވަސް ވަންދެން ސަސްޕެންޝަންގައި ހުންނެވުމަށް ފަހު ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް މިއަދު ކޯޓުގެ މަސައްކަތަށް ނުކުންނަވަން ފައްޓަވައިފި އެވެ.
ގާޒީ ބާރީ މިއަދު އޮފީހަށް ނުކުމެވަޑައިގަތީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އޭނާ ސަސްޕެންޝަންގައި ހުރި ހުރުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިދިޔަ މަހު ނިމުމަކަށް ގެނައުމުންނެވެ.
ގާޒީ ބާރީ މިއަދު އޮފީހަށް ވަޑައިގަތްކަން ކްރިމިނަލް ކޯޓުން ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
މުއްދަތެއް ނެތް ގޮތަށް ގާޒީ ބާރީ ޖޭއެސްސީން ސަސްޕެންޑްކުރީ އޭނާގެ އަޚުލާގީ މައްސަލައެއް އެ ކޮމިޝަނުން ބަލަން ފެށުމުންނެވެ. ނަމަވެސް އެ މައްސަލަ ސާބިތުނުވާ ކަމަށް ޖޭއެސްސީން ވަނީ މިދިޔަ މަހު ނިންމައިފަ އެވެ. އެއީ ކޮން މައްސަލައެއް ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެ އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އެއީ ޕީޖީ އޮފީހުގެ ވަކީލަކު ހުށަހެޅި މައްސަލައެކެވެ.
ގާޒީ ބާރީ ސަސްޕެންޝަންގައި ހުންނެވި މުއްދަތުގައި ވެސް މުސާރަ އާއި އިނާޔަތްތައް ބަރާބަރަށް އޭނާ އަށް ލިބިވަޑައިގަތެވެ.
ގާޒީ ބާރީއަކީ ކްރިމިނަލް ކޯޓުގައި ފާހަގަކުރެވޭ ބޮޑެތި މައްސަލަތައް ބައްލަވާފައިވާ ގާޒީއެކެވެ. އެގޮތުން 2008 ގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ހއ. ހޯރަފުށީގައި ވަޅިން ހަމަލާދޭން އުޅުނު މީހާ ޖަލަށްލުމަށް ހުކުމް ކުރެއްވުމުގެ އިތުރުން 2012 ގައި ކ. ކާށިދޫގައި ފުލުހަކު މަރާލި މީހާ މެރުމަށް ހުކުމް ކުރެއްވީ ވެސް ގާޒީ ބާރީ އެވެ. މީގެ އިތުރުން ވެސް މަސްތުވާތަކެތީގެ ބޮޑުން ކަމަށް ދައުވާކުރި ބައެއް މީހުންގެ މައްސަލަތައް ވެސް ގާޒީ ބާރީ ބެއްލެވި އެވެ.
ސަސްޕެންޑް ކުރިއިރު ވެސް ގާޒީ ބާރީ ގެންދެވީ ބޮޑެތި މައްސަލަތަކެއް ބައްލަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ