ރިޔާސީ ނިޒާމުގައި އިއްތިހާދު ހެދުމަކީ ޣައިރު ގާނޫނީ ވާހަކައެއް: ނަޝީދު

ގާނޫނު އަސާސީ އޭގެ ރޫހާ އެއްގޮތަށް ތަންފީޒުކުރާނަމަ، ރިޔާސީ ނިޒާމެއްގައި އިއްތިހާދުގެ ވާހަކައެއް ނުދެއްކޭނެ ކަމަށާއި އެއީ "ޣައިރު ގާނޫނީ ވާހަކައެއް" ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި އެ ޕާޓީގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އިއްތިހާދު ހެދުމުގެ ވާހަކައަކީ ގާނޫނު އަސާސީގެ ރޫހު ތަންދޭނެ ވާހަކައެއް ނޫން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އަށް އެހީތެރިވެދީ، ރައްޔިތުންނަށް ހިދުމަތްކުރުމަށްޓަކައި ވަޒީރުންގެ މަޖިލީސް އެކި ޕާޓީތަކަށް ބަހާ ނުލެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ރާއްޖެ ތަރައްގީކުރުމަށް އެދެނީ ނަމަ ސާފުކޮށް ކަނޑައެޅިފައިވާ ނިޒާމާ އެއްގޮތަށް އަމަލުކުރަމުން ގެންދަން ޖެހޭ. އެ ނިޒާމުގައި މި ބުނަނީ ރިޔާސީ ނިޒާމެކޭ. އެހެންވީމާ ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބުކުރަން ޖެހިވަޑައިގަންނަވާނެއޭ. އެ ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓް އެކުލަވާލަން ޖެހޭނެއޭ،" ނަޝީދު ވިދާޅުވި އެވެ. "އެ މަޖިލީހުގެ މެމްބަރުން މާތް ރަސްކަލާނގެ ގަންދީ ހުވާކުރައްވައިގެން ތިބެން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އަށް ކިޔަމަންވުމަށް، ވަޒީފާ އަދާކުރުމަށް. އެ ވަޒީރު ބޭފުޅުންނަށް ނުކިޔުއްވޭނެ އިނގޭތޯ ތިމަންނާއަކީ އެހެން ޕާޓީއެއްގެ މެމްބަރެކޭ، އެހެންވީމާ ތިމަންނާ އަޑުއަހަން މި ޖެހެނީ އެހެން ޕާޓީއެއްގެ ލީޑަރު ވިދާޅުވާ ގޮތަށޭ. މިގޮތަށް ގާނޫނު އަސާސީއެއް ތަންފީޒެއް ނުކުރެވޭނެ،" އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ފަހު ބުރުގައި ގިނަ ސިޔާސީ ޕާޓީތަކަކާއެކު ކޯލިޝަން ހައްދަވައި އެ އިންތިހާބު ކާމިޔާބު ކުރެއްވި ނަޝީދު ވިދާޅުވި އެވެ.
ރާއްޖޭގެ މަހުޖަނުންނާއި ވިޔަފާރިވެރިން ސިޔާސީ ޕާޓީތައް ހަދައިގެން "ރައްޔިތުން ދޮލަނގަށް ލައިގެން ނުކުންނަނީ ވިޔަފާރިކުރަން" ކަމަށް މިރޭ ނަޝީދު ވިދާޅުވި އެވެ. އެގޮތަށް ސިޔާސީ ލީޑަރުން އިއްތިހާދުވަމުން އަންނައިރު، ނަޝީދު ވިދާޅުވި ގޮތުގައި، ރައްޔިތުން ގުޅެމުން އަންނަނީ އެމްޑީޕީއާ އެވެ.
ނަޝީދު ވިދާޅުވީ ތަސައްވަރެއް އޮވެ ފިކުރާއި ހިޔާލާ އެކުގައި މަސައްކަތްކުރާ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ ކަމަށެވެ. އެހެން ޕާޓީތަކުގައި ސިޔާސަތެއް ނެތް ކަމަށާއި އެ ޕާޓީތަކުގައި އޮތީ "މަށަށް މަށަށް ގޮވުން" ކަމަށް ކަމަށް ވިދާޅުވެ ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އިއްތިހާދު ހެދުމަށް ޕާޓީތަކުން ބޭނުން ވާނީ ބިންތަކާއި ވަޒީރުންގެ މަޖިލީހުން ބަޔަކާއި ވަޒީފާތަކާއި އެ ނޫން ވެސް މުދާބެހުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެ އިއްތިހާދަކަށް ނުކުންނާކަށެއް ނޫޅެން. އަޅުގަނޑުމެން އެ އިއްތިހާދެއް ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުން ވަނީ ދަރިންނާއި ދަރީންގެ ދަރީންގެ މުސްތަގްބަލް،" ރާއްޖޭގެ މަޝްހޫރު މަހުޖަނު ގާސިމް އިބްރާހީމްގެ ބޮޑު ތާއީދަކާއެކު އެންމެ ފަހުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފުވައްމުލަކަކީ އެމްޑީޕީގެ ރަށެއް ކަމަށާއި އެ ރަށުގައި ކެމްޕޭން ލޯންޗުކުރުމަށް ވާދަވެރި ސިޔާސީ ޕާޓީތަކުން އަންނާތީ އަޖާއިބުވެވަޑައިގަންނަވާ ކަމަށެވެ. ޕީޕީއެމަށް އިޝާރާތްކުރައްވައި ނަޝީދު ވިދާޅުވި ގޮތުގައި ފުވައްމުލަކުގައި ކެމްޕޭން ލޯންޗުކުރީ މީހުން ގިނަ ރަށަކަށް ވުމުން ބަޔަކު ނުކުމެދާނެ ކަމަށް ހީކޮށެވެ. އެ ރަށުގެ ރައްޔިތުންނާ އެކު އެމްޑީޕީން އިންތިހާބު ނިންމާނީ އެއްބުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ބޭސްފަރުވާ އާއި ބޯހިޔާވަހިކަމާއި ދަތުރުފަތުރާއި ފެނާއި ނަރުދަމާގެ ހިދުމަތާއި ތައުލީމާއި ވަޒީފާގެ ފުރުސަތާއި ރާއްޖޭގެ ތަރައްގީ ދެ ބުރަކަށް ގެންދެވެން ނެތް ކަމަށް ނަޝީދު ވިދާޅުވާ ވިދާޅުވުން މިރޭ ވެސް ތަކުރާރުކުރެއްވި އެވެ. އެ ސަބަބުތަކަށްޓަކައި އިންތިހާބު އެއްބުރުން ކާމިޔާބުކުރުމަކީ އެމްޑީޕީގެ ގައުމީ މަސްއޫލިއްތެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ