ޕްރައިމަރީ އަށް ފަހު ވެސް ޕީޕީއެމް ބައިބައިވެގެން ނުދާނެ: މައުމޫން

ސިޔާސީ ވާދަވެރިކަމެއްގައި "ބައެއް އެހެން ކަހަލަ" ކަންތައްތައް ހިނގުން އެކަށީގެންވާ ކަމަށާއި ނަމަވެސް ޕްރައިމަރީ އަށް ފަހު ވެސް ޕީޕީއެމް ބައިބައިވެގެން ނުދާނެ ކަމަށް އެ ޕާޓީގެ އިންތިގާލީ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ބައެއް ކައުންސިލަރުން ޕީޕީއެމަށް ސޮއިކުރަން އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތަށް ފަހު މައުމޫން ވިދާޅުވީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓެއް ހޮވަން ބާއްވާ ޕްރައިމަރީ އަށް ފަހު ވެސް ސިޔާސީ ގޮތުން ވަރަށް ތަސައްރަފް ފުދިފައިވާ ޕާޓީއެއްކަން ދިވެހި ރައްޔިތުންނަށް ސާބިތު ކޮށްދޭނެ ކަމަށެވެ. އަދި ޕްރައިމަރީ ކާމިޔާބުކުރައްވާ ބޭފުޅެއްގެ ފަހަތުގައި ޕާޓީގެ ހުރިހާ އެންމެން ވެސް ދެމިތިބޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.
"ޑިމޮކްރަސީގެ އުސޫލުން ޕްރައިމަރީ މި ބާއްވަނީ. ވަރަށް މިނިވަން އިންސާފުވެރި ދެ ފުށް ފެންނަ އިންތިހާބެއްގެ ގޮތުގައި. ޕްރައިމަރީ ކާމިޔާބުކުރާ ބޭފުޅަކަށް ޕާޓީގެ އެންމެން ތާއީދުކުރާނެ،" މައުމޫން ވިދާޅުވި އެވެ. "އެއްވެސް ހާލެއްގައި ބައިބައިވުމަކަށް ފުރުސަތު އޮތް ކަމަށް އަޅުގަނޑު ނުދެކެން. މިހެން ދެންނެވިޔަސް ސިޔާސީ ވާދަވެރިކަމުގައި ބައެއް ކަހަލަ ކަންތައްތައް ހިނގާފާނެ. ނަމަވެސް ޕާޓީގެ ވަހުދަތު ޕާޓީގެ އެކަތިގަނޑަކަށް ވުން އިރާދަކުރެއްވިޔާ އަޅުގަނޑުމެން އެންމެން ވެގެން ރައްކާތެރިކުރާނަން."
ޕްރައިމަރީގައި ވާދަކުރައްވާނެތޯ އުފެދިފައިވާ ސުވާލަށް މައުމޫން މިއަދު ވެސް ވިދާޅުވީ އެކަމަށް ގޮތެއް ނިންމުމުގެ ވަގުތު ނުޖެހޭ ކަމަށެވެ.
"އެއްވެސް ބޭފުޅަކު ހިތްޕުޅު ނުތަސްވާން ޖެހޭ ސަބަބެއް ނެތް. އަޅުގަނޑު ގަސްތުކުރާ ގޮތް ބުނަން ޖެހޭ ވަގުތު އައިމަ އަޅުގަނޑު އެކަން ބުނާނަން. ކޮންމެހެން މިއަދު އެކަން ކުރާކަށް ނުޖެހޭ. އެހެންވީމާ އަޅުގަނޑަށް ހީވަނީ ހުރިހާ ބޭފުޅުން ވެސް ހިތްޕުޅު ހަމަޖައްސަވާލައްވައިގެން ތިއްބެވީމާ ރަނގަޅުވާނެހެން،" ޕީޕީއެމްގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ކެންޑިޑޭޓް ވިދާޅުވި އެވެ.
ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާންކުރައްވާފައި ވަނީ މައުމޫންގެ ކޮއްކޯފުޅު އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނާއި މިހާރު ވެސް އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސަކަށް ހުންނެވި އުމަރު ނަސީރެވެ. މި ދެ ބޭފުޅުން މިހާރު ވަނީ ކެމްޕޭން ވެސް ފައްޓަވައިފަ އެވެ. މިއަދުގެ ރަސްމިއްޔާތުގައި ދެ ބޭފުޅުން ވެސް މައުމޫނާ އެކު ބައިވެރިވެވަޑައިގަތެވެ.
މިއަދު ވަނީ ކ. ހިންމަފުށީގެ ފަސް ކައުންސިލަރުންނާ އެކު ޖުމްލަ ނުވަ ކައުންސިލަރަކު އެ ޕާޓީ އަށް ސޮއިކުރައްވާފަ އެވެ. އަދި ބައެއް އާންމުން ވެސް ސޮއިކުރި އެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމް ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ތަނުގައި މަޖިލީހުގެ ބައެއް މެންބަރުން ވެސް އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ