ކުށް މަދުކުރަން އިސްކަން ދެއްވުމަށް ރައީސް ވަހީދަށް މައުމޫން ދަންނަވައިފި

ރާއްޖޭގައި މާރާމާރީ އާއި މީހުން މެރުން ފަދަ ކުށްތައް އާއްމުވަމުން ދާތީ، މި ފަދަ ކުށްތައް މަދުކުރުމަކީ ސަރުކާރުން އެންމެ އިސްކަން ދޭ ކަންތައް ކަމަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދަށް ދަންނަވާފައިވާނޭ ކަމަށް، ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަށް ރޭ ތޫނު އެއްޗަކުން ހަމަލާދީ، އަވަހާރަކޮށްލާފައިވާތީ އެކަން ކުށްވެރިކުރައްވައި، ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުމޫން ވިދާޅުވީ ރާއްޖޭގައި ބޮޑެތި ކުށްކުރުން އާއްމުވަމުންދާތީ، އެހެން ހުރިހާ ކަމަކަށް ވުރެ މި ފަދަ ކުށްތައް ހުއްޓުވުމަކީ، ސަރުކާރުން އެންމެ އިސްކަންދޭ ކަންތައް ކަމަށް ހެދުމަށް ރައީސް ވަހީދަށް މިއަދު ފޯނުން ގުޅުއްވައި އެދިވަޑައިގެންފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މި އަހަރުގެ މިހާތަނަށް ނުވަ މީހަކު މަރާލާފައިވާކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވީ، މި ފަދަ ކުށްތައް ގިނަވަމުން ދަނީ، ގާނޫނުތައް އެންމެ ފުރިހަމަ އަށް ތަންފީޒު ނުކުރެވިގެން ކަމަށެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި ގާނޫނުތަކެއް ހެދިފައި. އެކަމަކު މި ފަދަ ކުށްތައް ގިނަވަމުން ދަނީ އެ ގާނޫނުތައް ތަންފީޒުކުރަން ޖެހޭ ހަލުއިމިނުގައި ތަންފީޒު ނުކުރެވޭތީ. އެހެންވެ އަޅުގަނޑު މިއަދު ރައީސަށް ގުޅާފައި ދަންނަވާނަން، ކުށްތައް މަދުކުރުމަށް މި ޕާޓީގެ އިސް ބޭފުޅުންނާ ދައުލަތުގެ އިސް ވެރިންނާ ބައްދަލުކުރެވޭނެ ގޮތް ހައްދަވައިދެއްވުމަށް،" މައުމޫން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މި ކަންތައް ހަމައެކަނި ކުށްވެރިކޮށްގެން ނިންމާލައިގެން ފަރަކުނުޖެހޭނެ ކަމަށާއި ނުރައްކާތެރި މާރާމާރީއަކީ ނުހިނގާ ކަމެއްގެ ގޮތުގައި ހެދުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށެވެ.
މައުމޫން ވިދާޅުވީ ޑރ. އަފްރާޝީމަށް ދިން އެ ހަމަލައަކީ ޑިމޮކްރަސީއަށާއި ރައްޔިތުންގެ މަޖިލީހަށް އަދި ދިވެހި ރައްޔިތުންނަށް ދިން ހަމަލައެއް ކަމަށެވެ.
އިލްމީ މައުލޫމާތާއި، އިސްލާމް ދީނުގައި ކަންތައްތައް އޮންނަ ގޮތް އޮޅުން ފިލުވައިދެއްވުމަށް ޑރ. އަފްރާޝީމް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވީ އޭނާ އަވަހާރަވީ ޝަހީދެއްގެ ގޮތުގައި ކަމަށެވެ. އަދި އޭނާ ކުރައްވާފައިވާ ހިދުމަތްތައް ވީހާ ވެސް ބޮޑަކަށް ރައްޔިތުންނަށް އަންގައިދިނުމަށް، ތައުބީންގެ ޖަލްސާއެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ