ބޭރުދުނިޔެއިން ރާއްޖޭގެ ހާލަތާއިމެދު ވަރަށް ކަންބޮޑުވޭ: އިއްތިހާދު

ބޭރުދުނިޔެއިން ރާއްޖޭގެ ހާލަތާއިމެދު ވަރަށް ކަންބޮޑުވާ ކަމަށް ރާއްޖޭގެ މައުލޫމާތު ދިނުމަށް ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ލަންކާއަށް ދިޔަ ޓީމުން ބުނެފިއެވެ.
ރާއްޖޭގެ ހާލަތާ ގުޅޭގޮތުން ބޭރުދުނިޔެއަށް މައުލޫމާތު ދިނުމަށް ގުޅިފައިވާ ޕާޓީތަކުގެ ޓީމެއް ސްރީލަންކާއަށް ދިޔައީ މިމަހުގެ 25 ވަނަ ދުވަހުއެވެ. މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ރައީސް ޑރ.އާސިމް އަހުމަދު ވީނިއުސްއަށް މިއަދު ވިދާޅުވީ ދަތުރުގެ ބޭނުމަކީ ރާއްޖެއާ ގުޅޭ ސައްހަ މައުލޫމާތު ބޭރުދުނިޔެއަށް ދިނުން ކަމަށެވެ. އެގޮތުން ވަރަށް ގިނަ ބަޔަކާ ބައްދަލުކޮށް މައުލޫމާތު ދެވިފައިވާ ކަމަށް ވިދާޅުވިއެވެ.
ގުޅިފައިވާ ޕަޓީތަކުން ބައްދަކުރި ފަރާތްތަކުގެ ތެރޭގައި އެމެރިކާ، ފްރާންސް، އޮސްޓްރޭލިޔާ، ޖަރުމަންވިލާތް އަދި އިނގިރޭސިވިލާތުގެ އެމްބެސެޑަރުންނާއި، ޔޫރަޕިއަން ޔޫނިއަން ހިމެނެއެވެ. އަދި ޔޫރަޕްގެ ވަރަށް ގިނަ ގައުމުތަކުގެ ޑިޕްލޮމެޓުންނާ ވަނީ ބައްދަލުކޮށްފައެވެ.
ޑރ.އާސިމް ވިދާޅުވީ މި ބައްދަލުވުންތަކުގައި ރާއްޖޭގެ ސިޔާސީ ހާލަތާ ގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަދެކެވިފައިވާ ކަމަށެވެ. އެގޮތުން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް ދައުވާ އުފުލައި ޝަރީއަތް ހިންގުމާއި އެމަނިކުފާނަށް ކުރިމަތިކުރަމުންދާ ފިއްތުންތަކާ ގުޅޭގޮތުން މައުލޫމާތު ދެވިފައިވާ ކަމަށެވެ. އަދި ޖޭޕީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒުގެ ޝަރީއަތް ހިނގަމުންދާ ގޮތުގެ މައުލޫމާތު ވެސް ބޭރުގެ ބޭފުޅުންނަށް ދީފައިވާ ކަމަށް ވިދާޅުވިއެވެ. އާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންތަކެއް ޖަލަށްލައި ބައެއް މެމްބަރުންނަށް ދައުވާ އުފުލައި ޝަރީއަތް ހިންގާތީ މަޖިލިހުގެ މަސައްކަތަށް ވެސް ހުރަސްއެޅޭ ކަަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ބަންދުކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ބޭރުގެ ފަރާތްތަކާ ހިއްސާކޮށް، އެބޭފުޅުން ވީހާވެސް އަވަހަކަށް މިނިވަން ކުރުމަށް އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވާފައިވާ ކަމަށެވެ.
ޑރ.އާސިމް ވިދާޅުވީ ރާއްޖޭގައި ސިޔާސީ ހަމަނުޖެހުން މިހާބޮޑުވެފައިވާތީ ބޭރުދުނިޔެއިން ވަރަށް ކަންބޮޑުވާ ކަަމަށާއި ގުޅިފައިވާ ޕާޓީތަކުން ބައްދަލުކުރި ބޭފުޅުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމަށެވެ. އެބޭފުޅުން ސިފަކުރައްވަނީ ރާއްޖޭގެ މަސްރަހަށް އަންނަ ހަމަނުޖެހުމަކީ މުޅި އިންޑިއާ ކަނޑުގެ ސަރަހައްދަށް ވެސް އަންނަ ހަމަނުޖެހުމެއްގެ ގޮތުގައި ކަމަށާއި ރާއްޖެއަށް އަވަހަށް ހަމަޖެހުން އައުމަކީ އެބެފުޅުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވުމުން އޭގެ އަސަރު ރާއްޖޭގެ އިގުތިސާދަށް ވެސް ކުރާނެ ކަމަށާއި އިންވެސްޓްމަންޓްތަކަށް ހުރަސްއެޅޭނެ ކަމަށެވެ. މިހުރިހާ ކަންބޮޑުުމެއް ވަރަށް ތަފުސީލުކޮށް ބޭރުގެ ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށާއި ރާއްޖޭގެ ހާލަތު ރަގަޅުކުރުމަށް މަސައްކަތް ކޮށްދިނުމަށް އެފަރާތްތަކުން ތިބީ ތައްޔާރަށް ކަމަށް އާސިމް ވިދާޅުވިއެވެ.
ލަންކާގައި ހުންނަ ބޭރުގެ މިޝަންތަކުގެ ބޭފުޅުންނާ ބައްދަލުކޮށް، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާއި، ސިޔާސީ ވެރިންނާ ދޭތެރޭ ސަރުކާރުން ހިންގަމުންދާ އަނިޔަވެރިކަމާއި ބިރުދެއްކުންތަކާއި، ސިޔާސީ ވެރިން ހައްޔަރުކުރަމުންދާ ގޮތުގެ މައުލޫމާތު ދިނުމަށް ދިޔަ ޓީމު ތަމްސީލްކުރަނީ ރައީސް މައުމޫނާއި، އެމްޑީޕީއާއި، ޖެޕީއާއި، އަދާލަތު ޕާޓީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ