އިރު އޮއްސުމުގެ ކުރިން ފިޔޯރީ އަށް ކަރަންޓު ދެވޭތޯ ބަލަނީ

ގދ. ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ޖެނެރޭޓަރު ހަލާކުވެ، މުޅި ރަށުން ކަރަންޓު ދިއުމާ ގުޅިގެން ގއ. ދެއްވަދޫން ޖެނެރޭޓަރެއް ގެންގޮސްގެން މިއަދު އިރު އޮއްސުމުގެ ކުރިން ރަށަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށައިފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރު އިދުރީސް އަބްދުﷲ "މިހާރު" އަށް ވިދާޅުވި ގޮތުގައި ދެއްވަދޫން ގެންދިޔަ 180 ކިލޯވޯޓްގެ ޖެނެރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ފެނަކައިގެ ޓެކްނިކަލް ޓީމުތަކުންނެވެ. އެ ރަށަށް ޖެނެރޭޓަރު ގެންދިޔައީ ރޭގެ ވަގުތެއްގަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއަދު އިރުއޮއްސުމުގެ ކުރިން ކަރަންޓު ދެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ. އެ ރަށުން ކަރަންޓު ކެނޑުނުތާ 24 ގަޑިއިރަށްވުރެ ގިނަ އިރު ވަނީ ވެފަ އެވެ.
"ހާދިސާ ހިނގި އިންޖީނުގެ ކައިރީގައި ޖެނެރޭޓަރު ބަހައްޓައިގެން ކަރަންޓު ދެވޭތޯ މަސައްކަތް ކުރަނީ. ބައެއް ތަކެތި ގދ. ތިނަދޫން ވެސް ވާނީ ރަށަށް ގެންގޮސްފައި،" އިދުރީސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފިޔޯރީ އަށް ކަރަންޓު ނުދެވި ގިނަ އިރުތަކެއް ވެގެން ދިޔައީ އިންޖީނު ގެއަށް ވަނުމުގައި ދަތިތަކެއް ދިމާވެގެންނެވެ. އިންޖީނުގޭގައި އަލިފާން ރޯވުމާ ގުޅިގެން ފުލުހުން މައްސަލަ ތަހުގީގު ކުރަނިކޮށް އިންޖީނުގެއަށް ވަދެފިނަމަ، ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިދުރީސް ވިދާޅުވީ އިންޖީނުގޭގައި އަލިފާން ރޯވުމާ ގުޅިގެން އެ ރަށު ރައްޔިތުންނާއި ފުލުހުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ފެނަކަ އަށް ލިބެމުން އަންނަ ކަމަށެވެ.
"ފިޔޯރީން ކަރަންޓު ކަނޑައިގެން ދިޔަ ހިސާބުން ފެށިގެން ޓެކްނިކަލް ޓީމުތަކުން ދަނީ މަސައްކަތް ކުރަމުން ރަށަށް ކަރަންޓު ދެވޭތޯ." އިދުރީސް ވިދާޅުވި އެވެ.
އިދުރީސް ވިދާޅުވި ގޮތުގައި ފިޔޯރީ އިންޖީނުގޭގައި އަލިފާން ރޯވީ ބެޓެރީ ސެޓެެއް ގޮވައިގެން ކަމަށް ބެލެވެ އެވެ. އެ ހާދިސާގައި އިންޖީނުގެ އެއްކޮށް އަނދާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިޔޯރީ އިންޖީނުގޭގައި އަލިފާން ރޯވުމުގެ ސަބަބުން މަރުވީ އޭރު އެތަނުގައި ޑިއުޓީއަށް ހުރި އުމުރުން 26 އަހަރުގެ ނާޒިދު އަބްދުﷲ އެވެ. ޓެކްނީޝަނެއްގެ ގޮތުގައި ތިން އަހަރު ހޭދަކުރި ޒުވާނާ އޮތީ ސިފަ ވެސް ނޭނގޭ ވަރަށް އަނދައިފަ އެވެ. ފިޔޯރީއަކީ 1200 އެއްހާ މީހުންގެ އާބާދީ އޮތް ރަށެކެވެ.
ފިޔޯރީ ހިމެނޭ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވަނީ ނާޒިދުގެ އާއިލާ އަށް އިނާޔަތެއް ދޭން ރައީސް އަބްދުﷲ ޔާމީން ނިންމެވިކަމަށް ވިދާޅުވެފަ އެވެ. އަދި އާއިލާގެ މެމްބަރަކަށް ވަޒީފާ ދޭން ވެސް ރައީސް ނިންމެވި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މެމްބަރު ލަތީފްގެ ފަރާތުން ވެސް ނާޒިދުގެ އާއިލާ އަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމެވި ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ