ރާއްޖޭގެ އެމްބަސީތަކުގައި ބިދޭސީންގެ ބަޔާންތައް ނުނަގަން ސުޕްރީމް ކޯޓުން އަންގައިފި

އެކި ގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކަށް އެ ގައުމުތަކުގެ ރައްޔިތުން ހާޒިރުކޮށް، ރާއްޖޭގެ ޝަރީއަތްތަކަށް ބޭނުންވާ ބަޔާންތައް ނުނެގުމަށް ހުރިހާ ކޯޓުތަކަށް ސުޕްރީމް ކޯޓުން އަންގައިފި އެވެ.
ސުޕްރީމް ކޯޓުން އެގޮތަށް އެންގީ ބޭރު ގައުމުތަކުގައި ހުންނަ ރާއްޖޭގެ އެމްބަސީތަކަށް ބިދޭސީން ހާޒިރުކޮށް، އެމީހުންގެ ބަޔާންތައް ނެގުމަށް ރާއްޖޭގެ ކޯޓުތަކުން ފޮރިން މިނިސްޓްރީގައި އެދުމުން ދާތީ އެކަމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ނެރުނު އާންމު ސިޓީއެއްގަ އެވެ.
އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ސޮއިކުރައްވާފައިވާ ސިޓީގައި ވަނީ ބޭރު ގައުމެއްގައި ހުންނަ ރާއްޖޭގެ އެމްބަސީއަކަށް ބިދޭސީއަކު ހާޒިރުކޮށް އެ މީހެއްގެ ބަޔާން ނެގުމަކީ ފޮރިން މިނިސްޓްރީ އަށް އަދި އެ މިނިސްޓްރީގެ ދަށުން ހިންގާ އެމްބަސީތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ސަބަބަކީ ކޮންމެ ގައުމެއްގައި ވެސް ހުންނަ ރާއްޖޭގެ އެމްބަސީގެ ހަތަރު ފާރުގެ އެތެރޭގައި ހިނގާނީ ރާއްޖޭގެ ގާނޫނުތައް ކަމަށް ވާތީ ބިދޭސީންނަށް ލިބެން ޖެހޭ އެ ގައުމެއްގެ ގާނޫނީ ރައްކާތެރިކަން އެ ހާލަތުގައި ނެތިދާނެ ކަމަށް ބެލެވިދާނެތީ ކަމަށް އެ ސިޓީގައިވެ އެވެ. އެހެންކަމުން އެގޮތަށް ބަޔާންތައް ނެގުމަށް ފޮރިން މިނިސްޓްރީގައި ނޭދުމަށް އަންގާ ކަމަށް އެ ސިޓީގައިވެ އެވެ.
ބިދޭސީންނާ ގުޅޭ ގޮތުން ރާއްޖޭގެ އެކި ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި ރާއްޖެ އިން ބޭރުގައި ތިބޭ ބިދޭސީންގެ ބަޔާންތައް މިހާތަނަށް ނަގަމުންދަނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެމްބަސީތަކަށް ހާޒިރުކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ