މިއީ ދެ މޫސުން ބެދޭ އިރު ކުރާ ވިއްސާރަ: މެޓް

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިހާރު ކުރަމުން މިދަނީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުމަށް އެޅޭ ދުވަސްވަރު ކުރާ ވިއްސާރަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓުން މިއަދު ބުނެފި އެވެ.
މެޓްގެ ޑިރެކްޓަ ޖެނެރަލް އަލީ ޝަރީފް ވިދާޅުވީ މި ދުވަސްކޮޅު މިކުރަނީ އާދަޔާ ހިލާފު ވިއްސާރައެއް ނޫން ކަމަށާއި ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އަދި ދެ މޫސުން ބެދޭ ދުވަސްވަރުކަމުން އެހެން މަސްމަހަށް ވުރެ ބޮޑަށް މި ދުވަސްވަރު ވިއްސާރަ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ މި ދުވަސްވަރު ވެސް ރާއްޖެ އަށް ވަރަށް ބޮޑަށް ވިއްސާރަ ކުރި އެވެ. އަދި އުތުރަށް ކުރި ވިއްސާރައިގައި ހއ. ހޯރަފުށީގައި ފެންބޮޑުވެ ވަރަށް ބޮޑަށް ގެއްލުން ލިބިފައި ވެ އެވެ.
"މިއީ ހަމަ ހުޅަނގުގެ ވިއްސާރަ. ބައެއް ދުވަސް ދުވަހު އެއްގޮތަށް ވެސް ވާރޭ ނުވެހި އޮވެފައި އަނެއް ބައި ދުވަހު ގަދަޔަށް ވާރޭ ވެހޭނެ،" ޝަރީފް ވިދާޅުވި އެވެ.
ރާއްޖޭގެ އިރުވައި މޫސުން ފެށޭނީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
މެޓު އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ބޯކޮށް ވާރޭ ނުވެހުނު ނަމަވެސް މެދު ނުކެނޑި ގިނަ އިރުތަކެއް ވާންދެން ވާރޭ ވެހޭނެ ކަމަށް ވެސް އެތަނުން ލަފާކުރެ އެވެ.
"މިވީ ދުވަސްތަކުގައި އުތުރަށް ވަނީ ވަރަށް ބޮޑަށް ވިއްސާރަކޮށްފައި. އަޅުގަނޑުމެން ލަފާކުރާ ގޮތުގައި ކުރިއަށް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް ވާރޭ ވެހޭނެ،" މެޓު އޮފީހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަނޑުތައް އާއްމު ގޮތެއްގައި މަޑުވި ނަމަވެސް ވިލާގަނޑުގައި ގަދަ ވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ