ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ކަންތައް އަލުން ފަށަން ސުޕްރީމް ކޯޓުން އަމުރުކޮށްފި

މި މަހުގެ 19ގައި އަލުން ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމުގެ ކަންތައްތައް އަލުން ފަށަން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން މިރޭ އަމުރެއް ނެރެފި އެވެ. އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ސޮއިކުރައްވައި ނެރުއްވި އަމުރުގައި ވިދާޅުވީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާ މީހުން ރީ-ރަޖިސްޓްރީ ކުރުމުގެ އިންތިޒާމުތައް، މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލް ކުރުމަށް ނެރުނު ހުކުމްގައިވާ ގައިޑްލައިނުގައި ބުނެފައިވާ ގޮތުގެ މަތިން "މުޅިން އާ އިންތިޒާމުތަކެއްގެ ދަށުން، ކުރީގައި ރި-ރަޖިސްޓްރީ ކުރި ކުރުމަށް ބެލުމެއް ނެތި މުޅިން އަލުން އިންތިޒާމް ކުރުމަށް" އިލެކްޝަންސް ކޮމިޝަނަށް އަމުރުކުރާ ކަމަަށެވެ.މި އަމުރު ނެރުނުއިރު އަލުން އިންތިޚާބު ބޭއްވުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމުގައި
ހިމަނާފައިވާ ގައިޑްލައިންތަކަށް އިލެކްޝަންސް ކޮމިޝަނުން ފުރިހަމައަށް
ތަބާވުމަށް އަމުރުކޮށްދިނުން އެދި ސުޕްރީމް ކޯޓަށް ޕީޕީއެމުން މިއަދު
ވަނީ ހުށަހަޅައިފަ އެވެ. ޕީޕީއެމްގެ ވަކީލު އަހުމަދު ޒަނީން އާދަމް
ވިދާޅުވީ އެ މައްސަލަ ހުށަހެޅީ
ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައިވާ އިންތިޒާމުތަކަށް
އިލެކްޝަންސް ކޮމިޝަނުން ފުރިހަމައަށް ތަބާވަމުން ނުދާތީ އާއި އެ ހުކުމް
ތަފާތު ގޮތްގޮތަށް އެ ކޮމިޝަނުން ތަރުޖަމާ ކުރަމުންދާތީ ކަމަށެވެ. އަދި ހާއްސަ
ގޮތެއްގައި ރެޖިސްޓްރޭޝަންގެ ކަންތައްތައް ކުރިއަށް ގެންދަނީ ހުކުމާ
އެއްގޮތަށް ނޫން ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. ޒަނީން މިރޭ ވިދާޅުވެފައި ވަނީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ހުއްދަ މިއަދު ހަވީރު ލިބިފައިވާ ކަމަށެވެ.
ނަމަވެސް، އަދި މައްސަލަ ރަޖިސްޓްރީކޮށް ފައިސާ ނުދައްކާ ކަމަށް އޭނާ
ވިދާޅުވި އެވެ. ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ވަނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލާ މީހުން ރަޖިސްޓްރީ ކުރުމާ ބެހޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނެރުނު ދެ އިއުލާނަކީ ވެސް ސުޕްރީމް ކޯޓުން ކުރިން ކޮށްފައިވާ ހުކުމުގައިވާ ގައިޑްލައިންތަކާ ހިލާފަށް ކޮށްފައިވާ އިއުލާނެއް ކަމަށެވެ. އެހެންވެ އެއީ ގާނޫނު އަސާސީގެ 113 ވަނަ މާއްދާ އާއި 144 ވަނަ މާއްދާގެ (ށ) އާއި 145 ވަނަ މާއްދާގެ (ނ) އާއި ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށް ބާތިލު އިއުލާންތަކެެއް ކަމަށް ވެސް އަމުރުގައިވެ އެވެ.އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއުލާނުގައި ބުނެފައި ވަނީ މި މަހު 19 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން
އެހެން ރަށެއްގައި ވޯޓު ލާން ރަޖިސްޓްރީކުރަން ޖެހެނީ ވޯޓުލުން ބާއްވާ
ދުވަހަށް 18 އަހަރު ފުރިފައިވާ މީހުންނާއި ސެޕްޓެމްބަރު 28 ގައި ބާއްވަން
އުޅުނު ދެ ވަނަ ބުރުގައި ރަޖިސްޓްރީކުރި ތަން ނޫން އެހެން ތަނަކަށް ވޯޓުލާ
ފަރާތްތަކުން އެކަނި ކަމަށެވެ. އަދި އެ އިއުލާނުގައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިރޭ ދަންވަރު 12:00 އަށް ވަނީ ހަމަވެފަ އެވެ. މިދިޔަ މަހު ބޭއްވި އިންތިޚާބު ބާތިލުކޮށް ސުޕްރީމް ކޯޓުން ނެރުނު ހުކުމްގައިވާ ގައިޑްލައިންތަކަށް ބަލާއިރު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓް ލާން ރަޖިސްޓްރީ ކުރާ
ކޮންމެ މީހަކު އެމީހެއްގެ އިނގިލީގެ ނިޝާން ޖަހަން ޖެހެ އެވެ. އެެހެން
މީހެއް މެދުވެރިކޮށް ރެޖިސްޓާ ކުރަން ހުށަހަޅާ ނަމަ ދެ ހެކިން ހުށަހެޅުމާ
އެކު އެ ދެ މީހުންގެ އިނގިލީގެ ނިޝާން ވެސް ޖަހަން ޖެހެ އެވެ.އެކަމަކު ޕީޕީއެމުން ޖައްސާ މައްސަލަ އަކީ ކުރިން ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ އިނގިލީގެ ނިޝާން ޖަހާފައި ނުވާއިރު، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓް ލާން ރަޖިސްޓްރީ ކުރަން އަލުން އިލެކްޝަންސް ކޮމިޝަނުން ހުޅުވާ ނުލާތީ އެވެ. އަދި އެގޮތަށް ހުޅުވާނުލާ ނަމަ ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފުވާ ކަމަށް ޕީޕީއެމުން ވެސް ބުނެ އެވެ.ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލުކޮށް މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ބާއްވަން ކުރި ހުކުމަށް ބަލާއިރު، އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރުމާއި ވާދަނުކޮށް ދޫކޮށްލުމުގެ ހައްގު ގާނޫނީ ގޮތުން ރިޔާސީ ކެންޑިޑޭޓުންނާއި ރަނިން މޭޓުންނަށް ލިބިގެންވާކަން ވެސް އެނގޭ ކަމަށެވެ."ވީމާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ ދަށުން 2013 ވަނަ އަހަރު ދިވެހިރާއްޖޭގައި ބާއްވަންޖެހޭ ރިޔާސީ އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކުރާ އިންތިޒާމްތަކުގެ ސައްހަކަމާއި ގާނޫނީ ހައިސިއްޔަތު ބިނާވެގެން ދާނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ބެލެނިވެރިޔާގެ ހައިސިއްޔަތުން އެ އިންތިޒާމްތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމްބަރު 42/ސީ-އެސްސީ/2013ގެ ގަޒިއްޔާގެ ހުކުމްގައި ދީފައިވާ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން އެ އިންތިޒާމްތައް ހުންނަ ހުރުމުގެ މައްޗަށް ކަަމަށް އިލެކްޝަންސް ކޮމިޝަނަށާއި އެ ގަޒިއްޔާގައި އިޝާރާތްކޮށްފައިވާ ދައުލަތުގެ ކަމާއި ބެހޭ އެންމެހައި މުއައްސަސާތަކުގެ މަައްޗަށް އަންގައި އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ