ޕީޖީގެ މަގާމަށް ގާޒީ މުހުތާޒް ކުރިމަތިލައްވައިފި

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ރައީސް އޮފީހުން މިއަދު އާއްމުކުރައްވައިފި އެވެ.ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ސްޕޯކްސްޕާސަން އިބްރާހިމް މުއާޒް އަލީ ވިދާޅުވީ ޕީޖީ ކަމުގެ މަގާމަށް ހުޅުވާލި ދެ ވަނަ ފުރުސަތުގައި ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު މުހްސިން ވެސް ކުރިމަތިލައްވާފައިވާ ކަމަށެވެ. އޭނާގެ އިތުރުން އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ މ. ވައިނުޖެހޭގޭ، މަރިޔަމް ޒުލްފާ އާއި ދަފްތަރު ނަމްބަރު 4155، އައިޝަތު ފަޒްނާ އަހުމަދާއި، ޑެޕިއުޓީ ޕީޖީގެ މަގާމުގައި ހުންނެވި ހ. ހިޔާކަން، އަހުމަދު ޝަމީމްގެ އިތުރުން، ދަފްތަރު ނަމްބަރު 7359 މުހައްމަދު ޝާހު ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.ޕީޖީ ކަމަށް ހުޅުވާލި ފުރަތަމަ ފުރުސަތުގައި ވެސް، މި ބޭފުޅުންގެ ތެރެއިން ޝަމީމާއި ޒުލްފާގެ އިތުރުން ފަޒްނާ ކުރިމަތިލެއްވި އެވެ.ރައީސް އޮފީހުން ޕީޖީ ކަމަށް ކުރިމަތިލުމަށް ދެ ވަނަ ފަހަރަށް ފުރުސަތު ހުޅުވާލީ އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވި މައުމޫން ހަމީދުގެ ނަން ފާސްނުވުމާ ގުޅިގެންނެވެ.މުއާޒް ވިދާޅުވީ ޕީޖީ ކަމަށް ކުރިމަތިލެއްވި ފަސް ބޭފުޅުންގެ ނަން މިހާރު ދިރާސާކުރަމުން ގެންދާ ކަމަށެވެ. އެ މަގާމަށް އައްޔަންކުރުމަށް ވަރަށް އަވަހަށް ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."ޕީޖީ އަކު އައްޔަންކުރުން ލަސްވެގެން ދިއުމަކީ ރައީސުލްޖުމްހޫރިއްޔާ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް. އަވަސް ފުރުސަތެއްގެ ތެރޭގައި މިކަން ނިންމާލެވޭނެ. އަޅުގަނޑަށް ދަންނަވަން ދަތި ވަކި މިވެނި ދުވަހެއްގައޭ މަޖިލީހަށް ނަން ފޮނުވޭނީ،" މުއާޒް ވިދާޅުވި އެވެ.ގާނޫނު އަސާސީގެ 221 ވަނަ މާއްދާގައިވާ ގޮތުން ޕީޖީ ކަމަށް އައްޔަންކުރައްވާ ބޭފުޅަކަށް، މުޅި މަޖިލީހުގެ އަޣުލަބިއްޔަތު ލިބެންޖެހެ އެވެ. އެއީ 39 ވޯޓެވެ. ނަމަވެސް މައުމޫން ހަމީދަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 36 މެމްބަރަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ