ޑިމޮކްރަސީއެއްގެ ފުރިހަމަ ނަމޫނާ ރައްޔިތުންނަށް ދައްކާދޭނަން: ގާސިމް

ޑިމޮކްރަސީއެއްގެ ފުރިހަމަ ނަމޫނާ ރައްޔިތުންނަށް ދައްކާދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.ގަލޮޅުން ބަޔަކު ޖޫމްހޫރީ ޕާޓީ އަށް ސޮއިކުރުމަށް މިރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ގާސިމް ވިދާޅުވީ އެޕާޓީގެ ކުރިމަގު "ވަރަށް ސާފު" ކަމަށެވެ."ޑިމޮކްރަސީއެއްގެ ފުރިހަމަ ނަމޫނާ އިރާދުކުރެއްވިއްޔާ ރައްޔިތުންނަށް ދައްކުވައިދޭނަން. ރައްޔިތުންގެ ކުރިއެރުމާއި އިގްތިސޯދީ ހަރުދަނާކަމާއި އަދި ރައްޔިތުންގެ ހާލަތުތަކަށް އެހީތެރިވެދޭނެ ގޮތާ މިހުރިހާ އެއްޗެއް ވެސް އެނގޭ. ތަޖުރިބާ ވެސް އެބަހުރި. ކަންތައްތައްކުރާނެ މަގު ވެސް ފެނޭ،" ގާސިމް ވިދާޅުވި އެވެ.ގާސިމް ވިދާޅުވީ ވިޔަފާރީގެ ގޮތުން ހޯދާފައިވާ ކާމިޔާބީގެ ތަޖުރިބާއާ އެކު އިންތިހާބު ކާމިޔާބުވެއްޖެ ނަމަ މިހާރަށް ވުރެ ގިނަ ކަންތައްތައްތަކެއް ރައްޔިތުންނަށް ކޮށްދެވޭނެ މަގު އޭނާ އަށް ފަހިވެގެންދާނެ ކަމަށެވެ.ޖުމްހޫރީ ޕާޓީ އަށް މިރޭ ގަލޮޅު 25 މީހަކު ސޮއިކުރި އެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުން ހިމެނެ އެވެ. ގާސިމް ވިދާޅުވީ މިހާތަނަށް ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުގައި އަންހެނުންގެ ދައުރު ވަރަށް ކުޑަ ކަމަށެވެ. އަދި އަލަށް އަންހެނުންތަކެއް އެޕާޓީ އަށް ސޮއިކުރުމަކީ ފެށުމެއް ކަމަށާއި އެއީ ޖުމްހޫރީ ޕާޓީ އަށް ލިބުނު ދިރުމެއް ކަމަށް ގާސިމް ސިފަކުރެއްވެވި އެވެ. އިދިކޮޅު އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބަޔަކު ޖޫމްހޫރީ ޕާޓީ އަށް ގުޅުމަކީ ވެސް ޖުމްހޫރީ ޕާޓީ އަށް ލިބުނު ކުރިއެރުމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.ގާސިމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކުން ވެސް ޕާޓީ އަށް މީހުން ގުޅެމުން އަންނަ ކަމަށެވެ. އަދި އެއީ ސަބަބެއްނެތިވާ ކަމެއް ނޫން ކަމަށާއި ޖުމްހޫރީ ޕާޓީ ވެސް ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ކަންކަން ކުރުމަށް ހުޅުވާލަމުން އަންނަ ކަމަށް ގާސިމް ވިދާޅުވި އެވެ. އެމްޑީޕީގެ ރައީސްކަމުން ވަކިކުރި ފަހުން ޖުމްހޫރި ޕާޓީއާ ގުޅިވަޑައިގެން، އެޕާޓީގެ ރައީސް ކަމަށް ކުރިމަތި ލައްވާފައިވާ ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) މިރޭ ވިދާޅުވީ އޭނާ ނިސްބަތްވާ ގަލޮޅުގެ ބަޔަކު ޖުމްހޫރީ ޕާޓީއާ ގުޅުމުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިސްނުންތޫނުކަމާއި ހިތްހެޔޮކަން ރައްޔިތުން ބަލައިގަންނަކަން އަންގައިދޭ ކަމަށެވެ. ކުރިމަގުގައި ޖޫމްހޫރީ ޕާޓީ ވާނީ ރައްޔިތުން ބަލައިގަންނަ އެންމެ ބޮޑު ޕާޓީ އަށް ކަމަށާއި އެކަމަށް ޖޫމްހޫރީ ޕާޓީ ބަދަލުވަމުން އަންނަ މަންޒަރު ފެންނަމުން އަންނަ ކަމަށް ވެސް ޑީޑީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ