ރައްޔިތުން ބޭނުންވަނީ އެއް ފިކުރެއްގެ ވެރިކަމެއް ކަމަށާއި ރާއްޖޭގެ ސިޔާސީ މަސްރަހުން ފެނިވަޑައިގަންނަވާ ތަޖުރިބާ އަކީ ގިނަ ޕާޓީތައް އެކުލެވޭ ކޯލިޝަނަކީ މަސައްކަތްކުރާ އެއްޗެއް ނޫން ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.މި އަހަރުގެ ރިޔާސީ ކެމްޕޭން ރަސްމީކޮށް ފެށުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ރާއްޖެ އަށް ތަރައްގީ ގެނައުން ކަމަށާއި އެކަން ކުރެވޭނީ އެއް ފިކުރެއްގައި މަސައްކަތްކޮށްގެން ކަމަށެވެ. "[ކޯލިޝަނަކީ] ޓީޓީ ބޯޅައެކޭ އަލީ ވަހީދު ވިދާޅުވި. ހެނދުނު ޖަހާނީ ޔާމީނޭ، މެންދުރު ހަސަން ސައީދުއޭ، ހަވީރު އަތަށް އަޅާލީމާ ތަސްމީނޭ، ދެން ރޭގަނޑު އިލްހާމޭ. އަޅުގަނޑުމެންނަށް މިބޯޅަ ސިފަވަމުން އައި. އަޅުގަނޑުމެންނަށް މާ ބޮޑަށް ޔަގީންވެ، އެނގިފައި އޮތް ދިވެހިރާއްޖޭގެ ރައްޔިތުންގެ ތަރައްގީ ލިބެން އަންނަނީ އެއް އުސޫލުން، އެއް ފިކުރުން ކަން،" އެމަނިކުފާނު ވިދާޅުވި އެވެ.ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެ އަކީ ދިވެހިންގެ ތަނެއް ކަމަށާއި ގައުމު "އެކި ޕާޓީތަކަށް ބަހާލެވެން" ނެތް ކަމަށެވެ. ވަޒީރުންގެ މަޖިލީހަކީ ރައީސްގެ މަޖިލީހެއް ކަަމަށާއި ކެބިނެޓުގެ މަގާމުތައް އެކި ޕާޓީތަކަށް ބަހާލުމަކީ ތަރައްގީގެ މަޝްރޫއުތަކަށް ހުރަސް އެޅޭނެ ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ރިޔާސީ އިންތިހާބުގެ ކެންޑިޑެސީ މިއަދު ކަށަވަރުވެފައިވާ ނަޝީދު ވިދާޅުވީ އިންތިހާބު "އެއް ބުރުން" ކާމިޔާބު ކުރުމަށް "ހުރަސް އެޅޭނެ އެއް ތަނެއް ވެސް ނެތް" ކަމަށެވެ. އަދި ވިދާޅުވީ އެއް ޕާޓީއަކަށް ނޫނީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަން ރައްޔިތުން ދަނީ ސާބިތުކޮށްދެމުން ކަމަށެވެ."އެންމެ ފުރަތަމަ ހިތް ނިޔަތް ގަނެގެން އެބޭފުޅުން އުޅުނީ އަޅުގަނޑުމެން މަރާލަން. އެކަމެއް ނުވި. ދެން ވިދާޅުވީ ދިގު މުއްދަތަކަށް ޖަލަށް ލާނަމޭ. ދެން އެކަމެއް ވެސް މުޅިއަކުންވާ ގޮތެއް ނުވި. ދެން ވިދާޅުވީ ކުރިމައްޗެއް ނުލެވޭނޭ. އެކަން ވެސް ނުވިކަން އަނެއްކާ ވެސް ކަށަވަރުވެއްޖެ. އަޅުގަނޑު ދަންނަވާނީ ނުފޯރާ ފޮތިން ފޫގެޅީމާ ފެންނާނީ ހަމަ ބަރަހަނާއޭ،" ނަޝީދު ވިދާޅުވި އެވެ.އާޓިފިޝަލް ބީޗަށް ޖަމާވެފައިވާ ގިނަ އަދަދެއްގެ ސަޕޯޓަރުންނާ މުހާތަބުކުރައްވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވާދަވެރިންނަކީ "އެއް ރޭ މަތިން ދެ ފަހަރަށް" ޕާޓީ ބަދަލުކުރައްވާފައިވާ ބޭފުޅުން ކަމަށެވެ. އެފަދަ ބޭފުޅުން ހިމެނޭ އިއްތިހާދެއް ވެރިކަމަށް ގެނެވިއްޖެ ނަމަ ސަރުކާރުގެ ތެރޭގައި މައްސަލަތައް އުފެދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ."އަދި ލައްގާނެ ތަނެއް މުޅިއަކުން ކަށަވަރެއް ނުވޭ. އަޅުގަނޑު އިއްޔެ
ދެންނެވިން އޮލަނބުވަނީއޭ. އެހެންނަމަވެސް އަދި މީ ޖުލައި. ޖޫން، ޖުލައި
ގަދަވާނެ. އަދި އިރުވައެއް ނާދެ. އޮއިވާލި އަދި ލައްގާނެ ތަނެއް ނޭނގޭ،" ވާދަވެރި ޕާޓީތަކުގެ ކޯޅުމަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވި އެވެ.ރައްޔިތުން އެދެމުން ދަނީ ރާއްޖޭގައި ޑިމޮކްރެސީ އާއި ފަރުދީ ހައްގުތައް ހިމާޔަތްކޮށްދިނުން ކަމަށާއި އެމްޑީޕީން އަބަދުވެސް ކުރަމުންދަނީ އެމަސައްކަތް ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ބޭނުމަކީ ވެރިކަމަށް އަނބުރާ އައުން ނޫން ކަމަށާއި ނަމަވެސް ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ގައުމު ތަރައްގީ ކޮށްދިނުން ކަމަށެވެ.
ރައްޔިތުން އެދެނީ އެއް ފިކުރެއްގެ ވެރިކަމަކަށް، ކޯލިޝަނަކަށް ނޫން: ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ