ޔާމިން ފިޔަވައި ވަކި އެހެން މީހަކު ރައީސް މައުމޫން އަށް އިޚްލާސްތެރި ނުވާނެ - ޣައްސާނު މައުމޫން

ޕީޕީއެމް ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ފިޔަވައި ވަކި އެހެން މީހަކު ރައީސް މައުމޫން އަށް އިޚްލާސްތެރި ނުވާނެކަމަށް ރައީސް މައުމޫންގެ ދަރިކަލުން ޣައްސާނު މައުމޫން މިރޭ ވިދާޅުވެއްޖެ އެވެ.
ޔާމީންގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިން ނިންމުމަށް މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޝޯގައި ޣައްސާނު ވިދާޅުވީ ޔާމީނަށް ތާއީދު ކުރައްވަން ނިންމެވީ ޔާމީނުގެ ޤާބިލުކަމާއި އިލްމީ ފުންނާބު އުސްކަމާއި ދުރުވިސްނޭ ތަސައްވަރު ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ދައްކަވާފައި ހުންނެވި ބޭފުޅަކަށްވާތީ ކަމަށެވެ. ޣައްސާނު ވިދާޅުވީ ޔާމީނަށް ތާއީދު ކުރައްވަން ނިންމެވި ސަބަބު ތަކުގެ ތެރޭގައި ޔާމީން އަބަދުވެސް ރައީސް މައުމޫންގެ ލަފަޔަށް އެދިވަޑައިގެންނެވުން ވެސް ހިމެނޭ ކަމަށެވެ.
ޣައްސާނު ވިދާޅުވީ ޕީޕީއެމް އެފެދިގެން އައީ ދިވެހިރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނުދީ ދިވެހިރާއްޖޭގައި އިސްލާމީ އަޤީދާ ވރުގަދަކޮށް ދިވެހިންނަށް ލާބަޔާ މަންފާ އަބަދުވެސް ލިބޭނެ ގޮތްތަށް ހޯއްދަވައި ދިވެހިންގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި މަސައްކަތް ކުރަން ކަމަށެވެ.
''މިދަދަ މަޤުސަދެއްގައި ޕީޕީއެމް އުފައްދަވާފައި މިއޮތީ. ކޮންމެ ސިޔާސީ ޕާޓީ އެއް ވެސް އުފެދިގެން އަންނާނީ ވެރިކަމުގެ ތެރެޔަށް އަންނަން. ވެރިކަން ހޯދައިގެން އެޕާޓީއެއް ކުރިއަށް ގެންދާ ސިޔާސަތުތައް ކުރިއަށް ގެންގޮސް ގައުމަށް ހިދުމަތްކޮށް ދިނުން. މިގޮތުން ޕީޕީއެމް އުފެދިގެން މިއައި މަގުސަދުތަކަށް ބަލައި ޕީޕީއެމްގެ މުސްތަގުބަލަށް ބަލައި އަޅުގަނޑަށް ފެންނަ ގޮތުގައި ކުރިމަތިލާފައިވާ ދެ ކެންޑީދޭޓުންގެ ތެރެއިން އެންމެ އެކަށީގެންވާ ބޭފުޅަކީ އަބްދުﷲ ޔާމީން އަބްދުލް ޤަޔޫމް'' ޣައްސާނު ވިދާޅުވި އެވެ.
މޮޑެރޭޓަރު ކުރެވި ސުވާލަކަށް ޖަވާބުން ދެއްވަމުން ޣައްސާނު މިރޭ ވިދާޅުވީ އެމްޑީޕީ އަކީ ރައީސް މައުމޫން އަށް އުނދަގޫކޮށް ޖެއްސުން ކޮށް ހަދާ ޕާޓީއެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެމްޑީޕީއަކީ ވަކި ސިޔާސަތުތަކެއް ގެންގުޅޭ ބައެއް ކަމަށާއި އެޕާޓީ އަކީ ރައީސް މައުމޫނަށް ދުއްތުރާކޮށް ޖެއްސުން ކުރާ ޕާޓީއެކޭ ނުބުނެވޭނެ ކަމަށެވެ.
ޕީޕީއެމަކީ ދިވެހިރާއްޖޭގެ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ޕީޕީއެމް ގެ މަސްލަހަތު ގުރުބާން ކޮށްލާނެ ޕާޓީއެއް ކަމަށް ވެސް ޣައްސާނު ވިދާޅުވިއެވެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ