ނަޝީދުގެ ޝަރީއަތް ހުއްޓާލުމަށް ހައި ކޯޓުން އަމުރެއް ނެރެފި

ހުޅުމާލެ ކޯޓުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރިއަށްގެންދާ ޝަރީއަތް ހުއްޓާލުމަށް ހައި ކޯޓުން އަމުރެއް ނެރެފި އެވެ.
ހައި ކޯޓުން މިއަދު އެގޮތަށް ހުކުމްކޮށްފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗު އެކުލަވާލާފައިވަނީ ގާނޫނާއި ހިލާފަށް ކަނޑައަޅައިދިނުމަށް އެދި އެކޯޓަށް ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގައި އެވެ.
އަދި ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން މަތީ މަރުހަލާގެ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އަމަލުކުރަންވީ ގޮތުގެ ގަވައިދުގެ ދަށުން ފިޔަވަޅު އަޅައިދިނުމަށް ނަޝީދުގެ ފަރާތުން އެމައްސަލަ އާއި ގުޅިގެން އެދިފައިވެ އެވެ.
ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ނަޝީދުގެ ފަރާތުން އެދިފައިވާ ސަބަބުތަކަށް ބަލާއިރު އެމައްސަލަ އާއި މެދު ހައި ކޯޓުން ވަކި ގޮތެއް ކަނޑައަޅަން ދެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގައި ކުރިއަށްދާ އަޑު އެހުން ކުރިއަށް ނުގެންގޮސް މަޑުކުރަންޖެހޭ ކަމަށް ފެންނަ ކަމަށެވެ.
އެހެންކަމުން ހައި ކޯޓަށް ހުށަހަޅާފައިވާ ހުޅުމާލެ ކޯޓުގެ ބެންޗާއި ގުޅޭ މައްސަލައިގައި ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅެންދެން ނުވަތަ ހައި ކޯޓުން ވަކި ގޮތެއް އަންގަންދެން ހުޅުމާލެ ކޯޓުގައި ކުރިއަށް ގެންދާ އަޑު އެހުން ކުރިއަށް ނުގެންދިއުމަށް އަމުރުކުރާ ކަމަށް ވެސް ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވެ އެވެ.
ހުޅުމާލޭ ކޯޓުގައި ނަޝީދުގެ މައްޗަށް ކުރިއަށް ގެންދާ ޝަރީއަތަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި އެމަނިކުފާނާއި ދެކޮޅަށް ކުރާ ޝަރީއަތެވެ. މީގެކުރިން ރައީސް ނަޝީދުގެ ޝަރީއަތް މީގެކުރިން ކުރިއަށް ގެންގޮސްފައިވެ އެވެ.
ނަޝީދުގެ ޝަރީއަތް ހުއްޓާލަން މީގެ ކުރިން ވެސް ހައި ކޯޓުން ވަގުތީ އަމުރެއް ނެރުނެވެ. އޭރު އެގޮތަށް އަމުރުކުރީ ނަޝީދު ފަރާތުން ހުޅުމާލޭ ކޯޓުގައި ނެގި އިޖްރާއީ ނުކުތާތަކާ މެދު އެ ކޯޓުން ނިންމި ގޮތާމެދު ހިތްހަމަނުޖެހިގެން އެ ނުކުތާތައް ނަޝީދުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ. ނަމަވެސް އެމައްސަލައިގައި ނަޝީދާއި ދެކޮޅަށް އެމައްސަލަ ވަނީ ނިންމާފައެވެ.
ހައި ކޯޓުން އެގޮތަށް އަމުރު ނެރުނުއިރު އަންނަ ބުރާސްފަތި ދުވަހު ނަޝީދު ޝަރީއަތް ބޭއްވުމަށް ހުޅުމާލޭ ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ