އެމްޑީޕީގެ ނުރައްކަލުން ސަލާމަތްކުރުމަށް އަޅުގަނޑަށް ވޯޓުދެއްވާ - އުމަރު

އެމްޑީޕީ އަތުން މިގައުމު ސަލާމަތްކުރި ނަމަވެސް އަދިވެސް އެނުރައްކާ އެބައޮތް ކަމަށާއި އެމްޑީޕީގެ ނުރައްކަލުން ސަލާމަތްކުރުމަށް އޭނާއަށް ވޯޓުދެއްވުމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާ އެޕާޓީގެ އިންތިގާލީ ނައިބު ރައީސްކަން ކުރެއްވި އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އުމަރު ނަސީރު ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކިބައިން މިގައުމު ސަލާމަތްކުރީ ވެސް އޭނާގެ ލީޑާޝިޕްގައި ކަމަށާއި ނަޝީދަށް ދެން އަންނަ އިންތިހާބު ކާމިޔާބުކުރުވިޔަ ނުދީ ހިފެހެއްޓުމުގެ ޒިންމާ ވެސް އުފުލާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
"އެ ޒިންމާ އާއި އަޅުގަނޑުމެން މި ހަވާލުވަނީ އެމްޑީޕީގެ ނުރައްކަލުން މިގައުމު އަދި ސަލާމަތެއް ނުވޭ، އެމީހުން ގެންދަނީ ވަރަށް ރަނގަޅަށް އިންތިޒާމުކުރަމުން، އެމީހުންނަކީ 24 ގަޑިއިރު ހަމައިގައި ތިބި ކަމަށް ވިޔަސް ދޮގު ހެދުމާއި މަކަރު ހެދުމާއި އޮޅުވާލުމުގައި ޕީއެޗްޑީ ނަންގަވައިގެން ތިއްބެވި ބޭފުޅުން. އެމްޑީޕީގެ ނުލަފާ ކަމާއި ކުރިމަތި ނުލެވޭނެ އާދައިގެ ބަޔަކަށް،" އުމަރު ނަސީރު ވިދާޅުވި އެވެ.
އުމަރު ނަސީރު ވިދާޅުވި ގޮތުގައި ކުރީ ސަފުން ލީޑް ނުކުރެވޭ ބަޔަކަށް އެމްޑީޕީ ބަލި ނުކުރެވޭނެ އެވެ. އެމްޑީޕީ ބަލިކުރެވޭނީ އެމްޑީޕީއަށް ވުރެން ނުލަފާ ވެގެން ކަމަށާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބުތަކުގެ ތެރޭގައި އެމްޑީޕީގެ ހަޅޭކާއި އަޑު ގަދަކުރުމާއި ތަޅާފޮޅުމުގެ ތެރެއިން "ފާލަންތަކުން ފަޅާފަވެސް" ތަން ތަނަށް އަރަން ކެރޭ ގާބިލް ކެންޑިޑޭޓެއް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ވާންޖެހޭނެ ކަމަށެވެ.
"އެމްޑީޕީގެ އެންމެ ވަރުގަދަ ދުވަސްވަރު އެމްޑީޕީ އަތަށް ސަރުކާރު ދީފައި، އެމްޑީޕީގެ އަތަށް ހަޒާނާގެ ތަޅުދަނޑި ދީފައި، އެމްޑީޕީގެ އަތަށް ޖަލު ތަޅުދަނޑި ދީފައި ބަލިކޮށްފައި އަޅުގަނޑުމެން އޮންނާނީ، އަދިވެސް އިރާދަކުރެއްވިއްޔާ ބަލި ކުރާނަން. މިދަންނަވާ ފަދަ ބައެއް ކުރެވޭނީ ލީޑަރުން ކެރެން ޖެހޭނެ، ކުރީ ސަފުން ލީޑް ކުރަން ޖެހޭނެ، ފަހަތަށް ޖެހި އެއާކޯން ތެރެއަށް ވަދެ މީހުންނަށް ކައޭ ކުރިއަށް ޖެހޭށޭ ނުބުނެވޭނެ،" އުމަރު ވިދާޅުވި އެވެ.
ރައީސް ނަޝީދު ދައްކާ ބަހުރުވައިން ވާހަކަދައްކަން ވެސް އެނގޭނެ ކަމަށާއި ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން އެނގޭނެ ކަމަށް ވެސް އުމަރު ރޭ ވިދާޅުވި އެވެ. އުމަރު ވިދާޅުވީ "އަޅުގަނޑުމެންނާއި ދިމާލަށް މީހުން ފޮނުވައިފި ކަމަށްވަންޏާ އަމަލު" ކުރަންވާނެ ގޮތް ވެސް އެނގޭނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ގޮތެއް ކަމެއް އުމަރު ވިދާޅެއް ނުވެ އެވެ.
އުމަރު ވިދާޅުވީ މީގެކުރިން އެމްޑީޕީ "ގުންޑާއިން" ގޭދޮށަށް ދެފަހަރު އައުމުން ރަނގަޅު ފިލާވަޅެއް ދިނުމަށްފަހު ފޮނުވާލާފައިވާ ކަމަށާއި ހަމަ އެގޮތަށް އުމަރާއި ވާދަކުރައްވާ އެހެން ބޭބޭފުޅުންގެ ގޭދޮށަށް އެމްޑީޕީ އެއްވީމަ އެގެ ސަލާމަތްކުރަން ވެސް ފޮނުވާފައިވާނީ އުމަރުގެ މީހުން ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޑީޕީ އަނބުރާ އައުމުގެ ބިރު އެބައޮތް ކަމަށާއި އެމީހުން ވަރަށް ރަނގަޅަށް އިންތިޒާމް ކުރަމުން އަންނަ ކަމަށެވެ. އަދި އެމީހުންގެ އަތުގައި ފައިސާ ހުރި ކަމަށާއި އެމީހުންގެ ނުރައްކަލުން މިގައުމު އަދި މިންޖު ނުވާ ކަމަށް ވެސް އުމަރު ނަސީރު ރޭ ވިދާޅުވި އެވެ.
"މިގައުމު ބޭނުންވޭ ވަރުގަދަ ލީޑަރުން އަދިވެސް، އެއީ އެމްޑީޕީގެ ނުރައްކަލުން އަދި މިގައުމު ސަލާމަތްވެ ނުނިމޭތީ އެހެންވީމަ އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވާނީ ޕީޕީއެމްގެ މެންބަރުން 30 މާޗުގައި މި އޮންނަ އިންތިހާބުގައި އަޅުގަނޑަށް ވޯޓުދެއްވާ އަޅުގަނޑު ހޮއްވަވައިދެއްވައިފި ނަމަ ތިބޭފުޅުންނަށް އަޅުގަނޑު މިކަން ކަން ހާސިލްކޮށްދޭނަމޭ" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ