މަދަނީ އިއްތިހާދު ދަތުރުކުރާ މިސްރާބެއް ނޭންގޭ!

ލިޔުނީ:ނަވާޒް
2011 ވަނަ އަހަރުގެ ޑިސެމްބަރ 23 ވަނަ ދުވަހު މަދަނީ އިއްތިހާދު އިސްވެ އޮވެގެން ބޭއްވި ބޮޑު މުޒާހަރާއަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނުވި މުޒާހަރާއެކެވެ.
އެމުޒާހަރާ އަކީ ރައީސް ނަޝީދުގެ ވެރިކަމުގެ ބިންގާ ގުޑުވާލި އެއްމުޒާހަރާއެވެ. އެމުޒާހަރާއާއި އެކު އަނެއްކާވެސް އެނގިގެން ދިޔައީ އިސްލާމް ދީން ހިމާޔަތް ކުރަންކަމަށް ބުނެ ނިކުންނަ ކޮންމެ ބައެއްގެ ފަހަތުގައި ދިވެހިރައްޔިތުން ތިބޭނެކަމަވެ.
ރައީސް ނަޝީދުގެ އޯޑަރަށް އަބުދުﷲ ގާޒީ ހައްޔަރުކުރުންވީ ރައީސް ނަޝީދުގެ ވެރިކަމާއި ދެކޮޅަށް މަދަނީ އިއްތިހާދުން ސިޔާސީ ފަރާތްތަކާއި ގުޅިގެން އަނެއްކާ ވެސް ނިކުންނަން ލިބުނު ފުރުސަތަކަށެވެ.
މަދަނީ އިއްތިހާދުންނާއި ސިޔާސީ ލީޑަރުން ފެށި މަސައްކަތް 22 ރޭ 22 ދުވަސް ފަހުން އެމީހުން ބޭނުންގޮތަކަށް ނިމުންވެގެން ދިޔައީ މަދަނީ އިއްތިހާދަށް ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބަކަށެވެ.
ރައީސް ވަހީދުގެ ވެރިކަމާއި އެކު މަދަނީ އިއްތިހާދުން ދެންނިކުތީ ޖީއެމްއާރު އަތުން އެއަރޕޯޓް އަތުލާށެވެ. ސަރުކާރުން ޖީއެމްއާރުގެ އެއްބަސްވުން އުވާލަން މަސައްކަތް ކުރަމުން ދަނިކޮއް މުޒާހަރާތައް ބާއްވާ ޕެޓިޝަންތަކުގައި ސޮއި ކުރަމުން ދިއުމުގެ ފޮރުވިފައި އޮތް ސިއްރަކީ ޖީއެއްއާރު ބޭރުވާ ދުވަހު އެކަންކުރީ ތިމަންނަމެންނޭ ބުނެ މަދަނީ އިއްތިހާދުން އެކަމުގެ ކުރެޑިޓް ނެގުމެވެ.
ކަންތައް ވީވެސް އެހެންނެވެ. ސަރުކާރުން ޖީއެމްއާރު ބޭރުކޮއްލުމުން އެކަންކުރި ބަޔަކަށް ވީ މަދަނީ އިއްތިހާދެވެ.
އެހާހިސާބުން މަދަނީ އިއްތިހާދަކީ ކުރިމަތިލާ ކޮންމެ ކަމެއް ކާމިޔާބު ކުރާ ބަޔަކަށް ވެއްޖެއެވެ. ޖީއެމްއާރު ބޭރުކޮއްލުމަށްފަހު މަދަނީ އިއްތިހާދުން ބުނީ ދެންއޮތީ ނެކްސްބިޒް ބޭރު ކުރުންކަމަށެވެ. މިހާ ހިސާބުން ރައްޔިތުން މަދަނީ އިއްތިހާދަށް ކުރަމުންއައި ތާއިދުގެ ސިޔާސީ ފައިދާ ނެގުމަށް އެކަމުގައި އިސްކޮއް އުޅޭފަރާއްތަކުން މަސައްކަތްފަށައިފިއެވެ.
މަދަނީ އިއްތިހާދުގެ މިސްރާބު ރައީސް ވަހީދަށް ވެރިކަމުގެ އިތުރު ދައުރެއް ހޯއްދަވައިދެއްވަން ބަދަލުކުރެއްވެވި ތަން ފެނުނެވެ. ރައީސް ވަހީދުގެ މަސްލަހަތު ނެކްސްބިޒް މައްސަލައިގައި އޮތީތީ ނެކްސްބިޒްގެ ވާހަކަ ނުދައްކަވާ އަނެއްކާވެސް އެހެން ކަމަކަށް މަދަނީ އިއްތިހާދުގެ މަސައްކަތްތައް ބަދަލުކުރުމަކީ އިއްތިފާގެއް ނޫނެވެ.
އެއީ މަދަނީ އިއްތިހާދުން މަސައްކަތްކުރަނީ ދީނާއި ގައުމަށްޓަކައި ނޫންކަމާއި އެމީހުންގެ މަގުޞަދަކީ ދީނާއި ގައުމުގެ ނިވާފަތްގަނޑުގައި ތިބެގެން އެމީހުން ބޭނުންވާ ސިޔާސީ މަންފާތަކެއް ހޯދުންކަން އެނގިގެން ދިޔަ ކަމެކެވެ.
ރައްޔިތުންގެ މަޖިލީސް ރައްޔިތުންނަށް ކަމަށް ވިދާޅުވެ ފެއްޓެވި ހަރަކާތުގައި ރައީސް ވަހީދު ފިޔަވައި އެހެން ރިޔާސީ ކެނޑިޑޭޓުންނަށް ފާޑުކިޔަން ފެއްޓެވުމުން އަނެއްކާވެސް މަދަނީ އިއްތިހާދުގެ މަގުޞަދާއި ދޭތެރޭ ސުވާލު އުފައްދަން އެބަޖެހެއެވެ.
ދިވެހި ކޮންމެ ރައްޔިތަކީވެސް އިސްލާމްދީންދެކެ ލޯބިވާ މިގައުމަށް ހެޔޮއެދިގެން މަސައްކަތް ކުރާމީހެކެވެ. ނަމަވެސް މަދަނީ އިއްތިހާދުން ފަށާފައިވާ ގައުމީ ހަރަކާތުގައި ބައިވެރި ނުވާ މީހުންނަކީ ދީންދެކެ ލޯބިނުވާ ގައުމަށް ހިޔާނާތްތެރި ވަމުންދާ ބައެއްގެ ގޮތުގައި ނިޔާ ކަނޑައަޅަމުން ދިއުމަކީ ޝައިހް އިމްރާން ވިދާޅުވާ ވާހަކައެއް ނަމަވެސް ބަލައިގަނެވޭނެ ވާހަކައެއް ނޫނެވެ.
މިހާރު ފެންނަ މަންޒަރަކީ މަދަނީ އިއްތިހާދުގެ ނިޔަތް ހަރާބުވެ، މެދުއުޑުގައި ފިޔަޖަހަންފެށި މަދަނީ އިއްތިހާދުގެ ތަރި އޮއްސި، މަދަނީ ހަރަކާތުގެ ގައުމީ ހަރަކާތް ގައުމީ ސަކަރާތަކަށް ބަދަލުވެގެންދާ މަންޒަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ