ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މިއަދު ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ރަނގަޅު ކެންޑިޑޭޓަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ގެމެނަފުށީ ދާއިރާގެ މެންބަރު އަދި ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް އިލްހާމް އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.
ވ.ފެލިދޫގައި މިރޭ ޖުމްހޫރީ ޕާޓީން ބޭއްވި ޖަލްސާއެއްގައި ކުރިން ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުކަން ކުރެއްވުމަށްފަހު އެ މަގާމުން އިސްތިއުފާދެއްވާ ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެވި އިލްހާމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނަށް ކުޑައިމީސް ބަހެއް ދަންނަވަން ނެތް ކަމަށާއި ނަމަވެސް ގާސިމްގެ ތަޖުރިބާގެ 100 ސޮފްހާ ލިޔެފިނަމަ އެހެން ބޭފުޅެއްގެ ފަސް ސޮފްހާ ނުލިޔެވޭނެ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރަން އަޅުގަނޑުމެންގެ ހަރު މުދަލެއް، އޮނަރަބަލް ގާސިމް އިބްރާހިމް ވިއްކައެއް ނުލާނެ، އަޅުގަނޑުމެންގެ ފައިސާއަށް ދަހިވެއްޗެއް ނުވާނެ، އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުން ދެކެ ލޯބިވާނެ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސު ފައިސާއިން ގުރުބާން ކުރާނެ، މިއީ ހަގީގަތަކީ." އިލްހާމް ވިދާޅުވި އެވެ.
ޑީއާރުޕީގެ ނައިބު ލީޑަރުކަން ވެސް ކުރެއްވި އިލްހާމް ވިދާޅުވީ ވޯޓުލާ ބޭފުޅެއްގެ ސަބަބުން ނުވަތަ ރައްޓެއްސަކު ވޯޓުލާން ޖެހޭ ބޭފުޅެއް ބުނުމުން އެމީހާއަށް ވޯޓުލުމުގެ ސަބަބުން މިގައުމު ބަނޑަށް ޖެހި އޮޔާ ދިއުމުން ތިމާ އަމިއްލަ ނަފްސުގެ ވާޖިބު ފުރިހަމަ ނުވީ ކަމަށާއި އެހެންކަމުން މިފަހަރު ވޯޓުލާއިރު ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.
އަދި ތަޖުރިބާ ހުރި ލީޑަރަކަށް ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލާން ޖެހޭ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.
2008 ވަނަ އަހަރުގެ އިންތިހާބަށްފަހު ރާއްޖޭގެ ރައްޔިތުން ބިކަވެ ގޮސް ކަރުނަ އަޅައި ރޯން ޖެހުނު ކަމަށާއި އެގޮތުން ސަރުކާރަށް ކަންކަން ނުކުރެވިގެން އުޅޭ ވާހަކަތައް ޑީއާރުޕީގައި އާއި ޕީޕީއެމްގައި ހުރިއިރު ރަށް ރަށަށް ގޮސް އަޑު އެއްސެވި ކަމަށް އިލްހާމް މިރޭ ވިދާޅުވި އެވެ.
ނަމަވެސް މި ބަދަލު ގެނެވޭނީ ރާއްޖޭގެ ތަޖުރިބާހުރި ރާއްޖޭގެ ރައްޔިތުން ދެކެ ލޯބިވާ ބޭފުޅަކު ވެރިކަމަށް ގެނެސްގެން ކަމަށާއި އެހެންނޫނީ މި ބަދަލު ނުގެނެވޭނެ ކަމަށެވެ. އަދި މީހަކު ބުނީތީ ނުވަތަ ޕާޓީއެއް ބުނީތީ ވޯޓުލައިފިނަމަ ނިކަމެތިވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގާސިމަށް އެނގޭނެ އެންމެ ނިކަމެތި މީހާގެ ރުއިމާއި، އޭނާއަށް އަޅާނެ ވޭނާއި، އޭނާ ބައްޕަ ކިޑްނީ ފެއިލްވީމަ، އޭނާގެ ބައްޕަ ބޮޑެތި ބަލިތައް ޖެހި، ކެންސަރު ޖެހުމުން ކުރާނެ އަސަރު އެނގޭނެ މީހަކީ އޮނަރަބަލް ގާސިމް އިބްރާހިމް، މިއީ ހަގީގަތެއް ނޫންތޯ.؟ " އިލްހާމް ފެލިދޫ ރައްޔިތުންނާއި ސުވާލުކުރެއްވި އެވެ.
އިލްހާމް އިތުރަށް ވިދާޅުވީ ފުރަތަމަ ދުވަހުން ފަށައިގެން ގާސިމަކީ ރައްޔިތުންނަށްޓަކައި ގުރުބާން ވަމުން ގެންދެވި ބޭފުޅެއް ކަމަށާއި އެހެންކަމުން ރައްޔިތުން ގާސިމަށް ނޫނެކޭ ބުނެގެން ނުވާނެ ކަމަށެވެ. އަދި ތަރައްގީ އާއި ތަމައްދުން ބޭނުންވާ ކަމުގައިވަނީނަމަ ގާސިމަށް ވޯޓުދެއްވަން ޖެހޭނެ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.
ރައީސް ކަމަށް އެންމެ ރަނގަޅު ކެންޑިޑޭޓަކީ ގާސިމް - އިލްހާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ